މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ މުސްލިމުންނަށް އެ ގައުމުގެ ސަރުކާރުން ދިން ސަމާލުކަމާއި ހަމަޖައްސައިދިން ފުރިހަމަ އިންތިޒާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުރީފު ކުރައްވައިފިއެވެ.
ރައީސްވަނީ ސައުދީ ސަރުކާރުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލްރާބިއާއާ ބައްދަލު ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލު ކުރެއްވުމުގައި ދެ ހަރަމްފުޅުގެ ޚާދިމު، ކިންގް ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދަށާއި، އަދި އެގައުމުގެ ވަލީއަހުދާއި ބޮޑުވަޒީރު އަލްއަމީރު މުހައްމަދު ބިން ސަލްމާނަށް ރައީސް މުއިއްޒު ޝުކުރު އަދާކުރައްވައިފައި ވާކަމަށެވެ.
ދިވެހި ހައްޖުވެރިންނަށް ދެއްވާ ސަމާލު ކަމަށާއި، ފޯރުކޮށްދެއްވާ ފާހަގަކޮށްލެވޭ ޚިދުމަތްތަކަށް ރައީސްވަނީ ތައުރީފު ކުރައްވައިފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގައި މި އަހަރު ރާއްޖެ ހިމެނުމުން، ދަތުރުފަތުރު ވަރަށް ބޮޑަށް ފަސޭހަވެފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މިއަހަރުގެ ހައްޖުގައި ފޯރުކޮށްދެއްވާފައިވާ ޚާއްސަ މެހެމާންދާރީއާއި ހުރުމުގެ އިންތިޒާމުތަކަށް ރައީސް ވަނީ ތައުރީފު ކުރައްވައިފައެވެ.
ރައީސް މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް ހައްޖަށް ވަޑައިގެން އެ ގައުމުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނުވަނީ ސައުދީގެ ވަލީއަހުދު، މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ރައީސް ހައްޖުގެ އިންތިޒާމުތަކަށް ޝުކުރު ތައުރީފުކުރައްވާފައި ވާއިރު، ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ވަނީ މަޝާއިރުގެ ކަންކަން ނިންމައި، އެނބުރި މައްކާއަށް ދިއުމަށް ދަތުރު ފަށައިފައެވެ.
ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. ދިވެހި ހައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.