އުނދަގޫ މޮޅަކުން ފްރާންސަށް ތިންވަނަ

ޔުއޭފާ ނޭޝަންސް ލީގުގެ ތިންވަނަ ފަރަންސޭސިވިލާތުން ހޯދައިފިއެވެ.

މި މުބާރާތުގެ ތިންވަނަ މަގާމު ފަރަންސޭސީން ހޯދީ ޖަރުމަނުވިލާތުގެ ސުޓުޓްގާޓްގެ އެމްއެޗްޕީ އެރިނާގައި ކުޅުނު ތިންވަނަ ހޮވި މެޗުގައި ޖަރުމަނުވިލާތާ ބައްދަލުކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި މި މެޗުގެ ބޮޑުބައި ކޮންޓްރޯލްކުރީ ޖަރުމަނުންނެވެ. އެކަމަކު، އެ ޓީމަށް ފަރަންސޭސި ޑިފެންސް ފޫއަޅުވައިލެވޭގޮތެއް ނުވިއެވެ. ވީއޭއާރުން ބެލުމަށް ފަހު، ޖަރުމަނަށް ދިން ޕެނަލްޓީއެއް ބަދަލުކޮށްފައިވާއިރު އެ ޓީމުން ކާމިޔާބުކުރި ލަނޑެއް ވެސް ވީއޭއާރުން ބެލުމަށް ފަހު ނިންމުން ބަދަލުކޮށްފައިވެއެވެ.

ފަރަންސޭސީންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މިގޮތުން މާކަސް ތުރާމް ފޮނުވާލި ހަމަލާއެއް ގޯލް ދަނޑިއަށް އަމާޒުވިއިރު ފަރަންސޭސި ކެޕްޓަން ކިލިއަން އެމްބާޕޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔަތަން ފެނުނެވެ.

މެޗުގައި ފަރަންސޭސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންމެ ފަހުން އެންބާޕޭއެވެ. މި ލަނޑުވީ އޭނާ ފަރަންސޭސި ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑަށެވެ. ފަރަންސޭސީން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މައިކަލް އޮލީސޭއެވެ.

މި ކާމިޔާބީއާ އެކު ފަރަންސޭސީންނަށް މި ފަހަރުގެ ނޭޝަންސް ލީގުގެ ތިންވަނަ ކަށަވަރު ވެގެންދިޔައިރު ޖަރުމަނުވިލާތުން މިވަނީ އެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުނުވެވި މެޗު ނިންމާލައިފައެވެ.

comment ކޮމެންޓް