ސްޕެލޭޓީ އިޓަލީގެ ކޯޗުކަމުން ވަކިކުރަނީ

އިޓަލީވިލާތުގެ ޤައުމީ ފުޓްބޯޅަ ޓިމުގެ ކޯޗުކަމުން ލޫސިއާނޯ ސްޕެލޭޓީ ވަކިކުރަން ނިންމާފައިވާކަން އޭނާ އަމިއްލައަށް ބުނެފިއެވެ.

ސްޕެލޭޓީ މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ މޮލްޑޯވާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. އޭނާ ހާމަކުރި ގޮތުގައި މޮލްޑޯވާ މެޗަކީ އޭނާ އިޓަލީވިލާތުގެ ބެންޗުން ފެންނާނެ އެންމެ ފަހު މެޗެވެ.

ސްޕެލޭޓީ ބުނީ، އޭނާ މަގާމުން ވަކިކުރަން ނިންމާފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ނޯވޭއާ ބައްދަލުކުރި މެޗުން 3-0 އިން ބަލިވުމާ ގުޅިގެންނެވެ.

އިޓަލީވިލާތުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއޭލޭ ގްރަވީނާ އޭނާއާ އެކު ރޭ ވަރަށް ގިނަ ވަގުތު ހޭދަކުރި ކަމަށާއި އަދި މިގޮތުން އޭނާ ވަނީ ސްޕެލޭޓީ އިޓަލީވިލާތުގެ ކޯޗުކަމުގެ މަގާމުން ވަކިކުރާކަން އޭނާއަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. ސްޕެލޭޓީ ބުނީ، އޭނާގެ މަގާމުން ވަކިވުމުގެ ވިސްނުމެތް ނެތް ކަމަށާއި އަދި އޭނާ ބޭނުންވަނީ މަގާމުގައި ދެމިހުރެ ކުރިއަށް އޮތް ވޯލްޑް ކަޕަށް އިޓަލީވިލާތް ކޮލިފައި ކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް، މިހާރު އޭނާ މޮލްޑޯވާ މެޗުގައި ބެންޗުން ފެންނާނެ ކަމަށާއި އަދި އޭގެ ފަހުން ކޮންޓްރެކްޓްގެ ކަންތަކާގުޅޭގޮތުން ދެ ފަރާތުން ގޮތެއް ނިންމާނެކަމަށެވެ.

މިކަން ހާމަކުރުމަށް ފަހު ސްޕެލޭޓީ ވަނީ އިތުރު ސުވާލަކަށް މަޑުނުކޮށް ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފައެވެ. ސްޕެލޭޓީ އިޓަލީވިލާތުގެ ކޯޗުކަމާ ހަވާލުވެފައިވަނީ 2023 ވަނަ އަހަރެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ޔޫރޯއަށް އިޓަލީވިލާތް ކޮލިފައި ކޮށްދީފައެވެ. ނަމަވެސް، އެ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުންވަނީ ސްވިޓްޒަލަންޑް އަތުން ބަލިވެ، މުބާރާތަށް އަލްވަދާއު ކިޔާފައެވެ.

ސްޕެލޭޓީގެ ކޯޗުކަމުގެ ދަށުން އިޓަލީވިލާތް ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 11 މެޗުންނެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕުން ވެސް އިޓަލީވިލާތަށް ޖާގަ ހޯދިފައިނުވުމުގެ ސަބަބުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެހެންވާން ބޭނުންނުވާކަން ފެޑެރޭޝަނުގެ މި ނިންމުމުން ހާމަވެއެވެ.

ނަމަވެސް، މި ކަމާ ގުޅޭގޮތުން އިޓަލީވިލާތުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީވިލާތް ހިމެނެނީ ނޯވޭ، މޮލްޑޯވާ، އެސްޓޯނިއާ އަދި އިސްރާއީލާ އެކު ގްރޫޕް އައިގައެވެ.

comment ކޮމެންޓް