ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހަދަން، އެ ގައުމުގެ ވަފުދެއް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ ކައުންސިލް އިމާރާތްތައް ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމަށް ޓަކައި ޗައިނާގެ ސަރުކާރުންދޭ އެހީގެ ދަށުން، ރާއްޖެއިން އެ ގައުމާއެކު 'ލެޓާ އޮފް އެކްސްޗޭންޖު'ގައި ސޮއިކުރީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ، އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ޓަކައި، ޗައިނާގެ ވަފުދެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، 55 ކައުންސިލް އިދާރާއެއްގެ އިމާރާތް އުމްރާނީ ގޮތުން ތަރައްގީކުރަން ވެސް މި ސަރުކާރުން ވަނީ ނިންމައިފައެވެ. އެ 55 ރަށުގައި ކައުންސިލް އިދާރާ ތަރައްގީކުރަން މެލޭޝިޔާ ކުންފުނި، ހެކްސްޓާ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 20ގައެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވަރަށް މަދު ރަށެއް ފިޔަވައި، މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.
އޭގެ ތެރެއިން ގިނަ ރަށްތަކުގެ ކައުންސިލް އިދާރާތަކުގެ އިމާރާތް ބައުވުމާއި ޖާގައިގެ ދަތިކަމުގެ މައްސަލަ ވަރަށް ބޮޑެވެ.
ޗައިނާގެ ހިލޭ އެހީގައި އަޅާ 50 ކައުންސިލް އިދާރާއާއި މެލޭޝިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި އިތުރު 55 އިދާރާއާއެކު ޖުމްލަ 105 ކައުންސިލް އިދާރާ އަޅަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.