ކިއާނޫ ރީވްސްގެ "ޖޯން ވިކް" ފިލްމް ފްރެންޗައިޒްއަށް ބިނާކޮށް ތައްޔާރުކުރާ ސްޕިން އޮފް ފިލްމު "ބެލަރީނާ" ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށައިފިއެވެ.
ޖޯން ވިކްގެ ތިންވަނަ ފިލްމުން ފެނިގެންދިޔަ ކެރެކްޓަރަކަށް ބިނާކޮށް ތައްޔާރުކުރި ބެލެރީނާގައި ލީޑް ރޯލުން ފެނިގެންދާނީ އަނާ ދި އަރުމާސްއެވެ. އަނާއަކީ އެކި ކަހަލަ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ ނެޓްފްލިކްސްގެ ފިލްމު "ނައިވްސް އައުޓް"އެވެ.
ބެލެރީނާ ސިނަމާތަކުގައި އަޅުވަން ފަށާފައިވަނީ މި ހަފުތާ ބަންދުގައެވެ. އެއާއެކު ޖޯން ވިކްގެ ގިނަ ފޭނުންތަކެއް ހީކޮށްގެން ތިބީ މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ހިޓަކަށް ވާނެ ފިލްމެއް ކަމަށެވެ. ނަމަވެސް، ފިލްމަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ. އެގޮތުން، މި ފިލްމަށް ހަފުތާ ބަންދުގައި އެމެރިކާއިން ލިބިފައިވަނީ 25 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.
ބޮކްސް އޮފީހުގައި ފިލްމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ނަމަވެސް ފިލްމަށް ކްރިޓީކުންގެ ތަރުހީބު ލިބެމުން އެބަދެއެވެ. އެގޮތުން ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ވަނީ ކްރިޓީކުންގެ ފަރާތުން އެވަރެޖް 97 ޕަސެންޓް ރޭޓިން އެއް ލިބިފައެވެ.
ބެލަރީނާގައި އަނާގެ އިތުރުން ފެނިގެންދާނީ ލާންސް ރިޑިކްއާއި ނޯމަން ރީޑަސްގެ އިތުރުން ލޮރެންޒޯ އީޒާއެވެ. ޖޯން ވިކްގެ ރޯލުން ފެނިގެންދާ ކިއާނޫ ވެސް މި ފިލްމުގެ ބައެއް މަންޒަރުތަކުން ފެނިގެންދާނެއެވެ.
ޖޯން ވިކްގެ ދުނިޔެ އިތުރަށް ފުޅާ ކުރަމުންދާއިރު އެ ދުނިޔެއަށް ބިނާކޮށް މިނީ ސީރީޒް އެއް ވެސް ވަނީ މީގެ ކުރީން ނެރެފައެވެ. ޖޯން ވިކްގެ އެންމެ ފަހުގެ ފިލްމާއެކު 2023 ވަނަ އަހަރުގައި ވަނީ "ކޮންޓިނެންޓަލް"ގެ ނަމުގައި ސީރީޒް އެއް ނެރެފައެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ ފްރެންޗައިޒްގެ ފަސްވަނަ ފިލްމު ނެރުމަށެވެ.