ކަޝްމީރުގެ އަންހެނުންނަށް ވަޒީފާ އަދާނުކުރެވޭ ވާހަކައާއި އަމިއްލަ ވިޔަފާރިތައް ނުހިންގޭނެ ވާހަކަތަކަކީ މީގެ ކުރިން އިވިފައިވާ ވާހަކަތަކެކެވެ.
ނަމަވެސް، މިހާރު އެ ވާހަކަ ބަދަލުވެ ދުނިޔެއަށް އަންނަ ތަރައްޤީގެ ބަދަލުތަކާ އެކު ކަޝްމީރުގެ ގިނަ ބައެއްގެ މި ވިސްނުން ވެސް އަންނަނީ ބަދަލުވަމުންނެވެ.
އެގޮތުން، ފިރިހެނުންނެކޭ އެއްގޮތަށް ކަޝްމީރުގެ އަންހެނުން ވެސް އަންނަނީ ވިޔަފާރީގެ މައިދާނަށް ނުކުމެ ފިރިހެނުންނާ އެއްވަރަށް ވިޔަފާރީގައި ކުރި ހޯދުމުގެ ރޭސް ކާމިޔާބު ކުރަމުންނެވެ. މީގެ އެއް މިސާލަކީ ކަޝްމީރުގެ ބަލްހަމާއަށް ނިސްބަތްވާ ޢުމުރުން އެންމެ 20 އަހަރުގެ ސާނިއާ ޒެހްރާއެވެ.
ސާނިއާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ކުޅަނދުރު އެއްކޮށް އެއިން އުފައްދާ މާމުއީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގަން ފެށުމާއެކުއެވެ.

ކަޝްމީރުގެ ސާނިއާ ޒެހްރާ ކުޅަނދުރުތަކެއް އަތައް ލައިގެން--ފޮޓޯ/ފޭސްބުކް
ކަޝްމީރުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސާނިއާ ބުނެފައިވަނީ، ކުޅަނދުރު އެއްކޮށް އެއަށް ހިޔާވަހިކަން ހޯދައިދީ އެއިން އުފައްދާ މާމުއި އެއްކުރުމުގެ މަސައްކަތަކީ ސާނިއާގެ ކާފަ ކުރަމުން އައި ވިޔަފާރިއެއް ކަމަށެވެ.
އެއަށް ފަހު އެ މަސައްކަތާ ހަވާލުވީ ސާނިއާގެ ބައްޕަ ކަމަށާއި ނަމަވެސް ކުޑައިރުއްސުރެ ލިބޭ ހުސްވަގުތުތަކުގައި ފޫހިފިލުވުމުގެ ގޮތުން އެ މަސައްކަތުގައި ބައްޕައަށް އެހީވެދިނުމަކީ އޭނާ ވަރަށް ކުރާހިތުން ކުރި މަސައްކަތެއް ކަމަށް ސާނިއާ ވަނީ ބުނެފައެވެ.
އެންމެ ފަހުން އެކަމަށް ހިތްޖެހި ކުޅަނދުރު ބެލެހެއްޓުމުން ފެށިގެން އެ މާކެޓު ކުރުމުގެ މަސައްކަތާ ހަމައަށް އެންމެ އިސްކޮށް އެކަމުގައި މަސައްކަތް ކުރަނީ އޭނާ ކަމަށް ސާނިއާ ވަނީ ބުނެފައެވެ. ހަމައެއާއެކު ބޭރު ޤައުމުތަކަށް މާމުއި އެކްސްޕޯޓުކުރުމުގެ މަސައްކަތުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ސާނިއާއެވެ.

ސާނިއާ ޒެހްރާ އޭނާ ގެންގުޅޭ ކުޅަނދުރުތައް ބަލަހައްޓާ ތަނުގައި--ފޮޓޯ/ފޭސްބުކް
ކަޝްމީރުގައި ވިޔަފާރީގެ އެހެނިހެން ދާއިރާތައް ހުރިއިރު ވެސް މާމުއީގެ ވިޔަފާރިން ކުރިއަށް ދިއުމަށް އޭނާ ނިންމީ ކުޅަނދުރުން މާމުއި އުފައްދާ ކަމުގެ ވާހަކައަކީ މާތްވެގެންވާ ޤުރުއާނުގައި ވެސް ބަޔާންކޮށްފައިވާ ވާހަކައަކަށްވުމުގެ އިތުރުން އެއީ މާތްﷲގެ ހަޟްރަތުގައި ވެސް ބަރަކާތްތެރި މަސައްކަތަކަށް ވުމުން ކަމަށް ސާނިއާ ވަނީ ބުނެފައެވެ.
ސާނިއާގެ މި މަސައްކަތާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުން އޭނާއަށް ރައްދުވި ކަމަށާއި އޭގެތެރޭގައި އާއިލީ ގޮތުންވެސް ތިމާގެ މީހުން ހިމެނޭ ކަމަށް 20 އަހަރުގެ މި ޒުވާނާ ވަނީ ބުނެފައެވެ.
ނަމަވެސް، ފާޑުކިޔުންތަކަށް ބެލުމެއް ނެތި އޭނާ ވަނީ މާމުއީގެ ވިޔަފާރިން ކުރިއަށް ދިއުމަށް ނިންމާފައެވެ. މި ވިޔަފާރީގެ ތެރެއިން އިތުރު އެހެން އުފެއްދުންތައް ވެސް ބާޒާރަށް ނެރުމުގެ ފުރުސަތު އޭނާއަށް ވަނީ މަގުފަހިވެފައެވެ. އޭގެތެރޭގައި މާމުއި ބޭނުންކޮށްގެން އުފައްދާ އެކި ވައްތަރުގެ ރީތިވާ ސާމާނު އަދި ވެކްސް ހިމެނެއެވެ.