އަންހެނުންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވާނެ ޒުވާނުން ހޯދުމަށް، ''ޕިއާ އެޑިއުކޭޓާސް ޕްރޮގްރާމް''އެއް ހިންގަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލިީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ހައްގުތަކާ ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމަށް، އެ މިނިސްޓްރީ ކުރާ މަސައްކަތުގެ އިތުރުން، އެކަމުގައި ޒުވާނުން ޝާމިލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެ ގޮތުން ރާއްޖޭގެ ފަސް އަތޮޅެއްގައި، ޕިއާ އެޑިއުކޭޓާސް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
"މުޖުތަމައު ތެރޭގައި އަަޅުގަނޑުމެންނަށް އެބަ މަސައްކަތްތަކެއް ކުރެވޭ، ހަމައެކަނި މިނިސްޓްރީއަކުން ނޫން، އިތުރަށް މި ވާހަކަ ދައްކައި، މުޖުތަމައު ހޭލުންތެރި ކުރުމުގެ ޒުވާނުންތަކެއް މިއަށް ވެއްދުމަށް ޓަކައި. ޕިއާ އެޑިއުކޭޓާސް ނަމުގައި ޕްރޮގްރާމެއް ހިންގައި، ކޮންމެ ރަށަކުން ޒުވާނުންތަކެއް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާނެ ބަޔަކު އަޅުގަނޑުމެންނަށް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތާއެކު، އެ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް، 'ފަށާ މަދަދު ލޯނު'ގެ ނަމުގައި 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ސަރުކާރުން ވަނީ ފަށައިފައެވެ. އެ ލޯނު ސްކީމްގެ ތެރެއިން ދޫކުރަނީ 100،000 އިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާއެވެ.
މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިނެއްގައެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިނެވެ. އޭގެ 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން ބުނެފައިވެއެވެ. މި ލޯނަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި އަންނަ އާދިއްތައިގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ދޭ ލޯނެކެވެ.
އަންހެނުން ބާރުވެރިކޮށް، ޖިންސީ ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.