'އަރުމީނިއާ ޔޫތު އޯޕަން 2025'ގެ ތިން ކެޓަގަރީން ހޯދި ރަން މެޑަލްއާއެކު އުންމީދީ ތަރި ލައިބާ އަޙްމަދު މަޙްލޫފް އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީން މަރުހަބާ ކިޔައިފިއެވެ.
ލައިބާއަށް އެނބުރި ރާއްޖެ އައުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހުމަދު މުންތަގިމެވެ.
މިއަހަރުގެ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ފައިނަލުގައި ސައިޕްރަސްގެ އެއްވަނަ ކުޅުންތެރިޔާ އެމީލިއާ އާ ވާދަކޮށް 21-15، 21-11 އިންނެވެ.

ސިންގަލްސް ކުއާޓާގައި ލައިބާ ވާދަކުރީ ޖޯޖިޔާގެ އެއްވަނަ ރޭންކުގައި ހިމެނޭ ކުޅުންތެރިޔާ ޝަހުބާޒިއަން ބަލިކޮށްފައެވެ. އަދި ސެމީގައި އަރުމީނިއާގެ އެއްވަނަ ގަޔާނޭ ބަލިކޮށްގެންނެވެ.
މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ލައިބާ ހޯދީ ސައިޕްރަސްގެ ޕެއާ އާ ވާދަކޮށް 21-11، 25-23 އިންނެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕެއާއަކީ އަރުމީނިއާގެ އެރިކް އެވެ.
މީގެ އިތުރުން ޑަބަލްސް ޗެމްޕިއަންކަން ލައިބާގެ ޕެއާ ހޯދީ ފައިނަލުގައި ޖޯޖިއާ އާއި ސައިޕްރަސްގެ ޕެއާ އާ ވާދަކޮށް 21-11 އަދި 21-11 އިންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާއަކީ ސައިޕްރަސްގެ އެއްވަނަ އެމީލިއާ އެވެ.
ބެޑްމިންޓަން ޔޫރަޕަކީ ޔުއެފާ ފަދައިން ޔޫރަޕްގައި ވެސް ބެޑްމިންޓަންގެ ހިންގާ އިދާރާއެވެ. މިއީ ޔޫރަޕް ކަލަންޑަރުގައި އެމީހުން ހުއްދަ ދީފައިވާ ބެޑްމިންޓަން މުބާރާތެއް ކަމަށްވާއިރު މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ފެޑެރޭޝަން އޮފް އަރުމީނިއާއިންނެވެ