ޓިމޯ ލެސްޓޭ ވަރުގަދަ، ޓާގެޓަކީ ތިން ޕޮއިންޓު: ސުޒެއިން

ޓިމޯ ލެސްޓޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ސުޒެއިން-- ފޮޓޯ: އެފްއޭއެމް

ޓިމޯ ލެސްޓޭއަކީ ވަރުގަދަ ޓީމެއް ކަމަށާއި ޓާގެޓުކުރާނީ މެޗުން ތިން ޕޮއިންޓު ހޯދުމަށް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ޑާވިންގައި މާދަމާ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ، އެންމެ ފަހުން ސިންގަޕޫރާ ދެކޮޅަށް ކުޅެ 3-1 އިން ބަލިވި މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ދެއްކި ކުޅުން ފާހަގަކޮށްފައެވެ.

ސުޒެއިން ބުނީ ރާއްޖޭގައި މިދިޔަ މަހު ކުޅުނު އެފްއޭއެމް ލީގު ކަޕަށް ފަހު ކުޅުންތެރިން ކޮންފިޑެންސް ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށެވެ. އެއަށްފަހު ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވާން ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް އެ މެޗުގެ ނަތީޖާ ނޫން ކަންކަމަށް، ޚާއްސަކޮށް ދެވަނަ ހާފުގެ ކުޅުމަށް ބަލާއިރު ރާއްޖެ ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށް ސުޒެއިން ފާހަގަކުރިއެވެ.

ޓިމޯ ލެސްޓޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ސުޒެއިން ބުނީ ޓިމޯ ލެސްޓޭއަކީ ފުޓްބޯޅައިގައި ރަނގަޅު ކުރަމުން އަންނަ ޓީމެއް ކަމަށާއި އެ ޓީމު ކުޅުމުގެ ވައްޓަފާޅި އެނގޭ ކަމަށެވެ. އެހެންކަމުން މި މެޗު ކުޅޭނީ އެ މީހުންނަށް އިޙުތިރާމް ކޮށްގެން ކަމަށްވެސް ބުންޏެވެ. އަދި ޓިމޯ ލެސްޓޭއަކީ ދުވަހެއް ދުވަހަކަށް ކުޅުން ރަނގަޅުކުރަމުން އަންނަ ޓީމެއްކަމަށް ސުޒެއިން ބުންޏެވެ.

ރާއްޖެއާއި ޓިމޯ ލެސްޓޭގެ މެޗު ކުޅޭނީ މާދަމާ ހެނދުނު ރާއްޖެގަޑިން 11:30 ގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ.

comment ކޮމެންޓް