ރައްޔިތުންގެ ބާބަކިއުއާއި ޒުވާނުންގެ ބޮޑުބެރު ހަރަކާތްތަކާއެކު މިރޭ، ބ. ދަރަވަންދޫގައި 'މަގޭ އީދު 1446'ގެ ކުޅިވަރުތައް ނިންމާލައިފިއެވެ.
މިރޭ ކުރިއަށް ގެންދިޔަ އަޟްހާ އީދުގެ އެންމެ ފަހު ޝޯ ނިންމާލާފައިވަނީ ދަރަވަންދޫ ޒުވާނުންގެ ބޮޑުބެރާއި ކަނބަލުންގެ ލަނގިރީގެ ހަރަކާތްތަކުގެ އިތުރުން ކުރުފަލީގެ ހަރަކާތްތަކާ އެކުގައެވެ.
އިހުގެ ސަގާފަތް ދައްކުވައިދޭ ކުރުފަލީގެ ހަރަކާތްތައް ދަރަވަންދޫ ކަނބަލުން ކޮންމެ އަހަރަކު ވެސް ބާއްވައެވެ.
ދަރަވަންދޫގައި ކޮންމެ އަހަރެއްގެ އީދުގެ ފަހު ދުވަހު، ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން ބާބަކިއުއެއް ބާއްވައެވެ. މި އަހަރުގެ ބާބަކިއުގައި ވަނީ، ކައުންސިލުން ބޭއްވި 'ހަނީބަނީ މަސް ރޭސް'ގައި އިއްޔެ ބައިވެރީން ބޭނި މަސް ވެސް ބޭނުންކޮށްފައެވެ.
އެ މަސްރޭހުގެ ބައިވެރީންނަށް، އެ މީހުން ބޭނި މަސް ބާބަކިއުއަށް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ ޓީމުތަކުން ވަނީ މަސް ހަދިޔާކޮށްފައެވެ.
ބޮޑުބެރާއި ބާބަކިއުގެ އިތުރުން ވެސް ގިނަ ކުޅިވަރުތަކެއް މި އަހަރުގެ އީދުގައި ދަރަވަންދޫގައި ވަނީ ކުޅެފައެވެ. އެގޮތުން ކ. ކާށިދޫގެ ނަން މަޝްހޫރު ވެންޗާ ކްލަބުގެ ސަގާފީ ހަރަކާތްތަކުގެ އިތުރުން މަޝްހޫރު މިއުޒިކް ބޭންޑް ޓޫ އޮފް އަސްއިން ވެސް ވަނީ އީދުގެ ދެވަނަރޭ ދަރަވަންދޫގައި ޕާފޯމްކޮށްފައެވެ.
އެ ހުށަހެޅުންތައް ބަލައިލުމަށް ބ. އަތޮޅުގެ އެކި ރަށްތަކުގެ މީހުން ދަރަވަންދޫއަށް ޒިޔާރަތްކޮށްފައި ވާއިރު، އަތޮޅުން ބޭރުން ވެސް ބައެއް މީހުން ވަނީ ދަރަވަންދުއަށް ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން ފިރިހެނުންގެ މާލި ކުޅިވަރާއި ފެންކުޅި ފަދަ ހަރަކާތްތައް މި އީދުގައި ވެސް ބާއްވައިފައިވެއެވެ.