މިތުރާ ގަޔާވެލީ... 15

ރޫބީ ދެކޮޅުހަދަން އުޅުމުން ޔަޒްދާން އަވަހަށް ކާރުގެ ދޮރު ލައްޕާފައި ޑްރައިވަރުގެ ކައިރީގައި ނައްޓާލުމަށް އެދުނެވެ. ތެމުނަސް ޔަޒްދާންގެ ފަރުވާލެއް ނެތެވެ. ވެހެމުންދިޔަ ބޯ ވާރޭގައި ރޫބީ އިން ކާރާއި ދިމާއަށް ބަލަން ޔަޒްދާން ހުއްޓެވެ. ފަސްއެނބުރިގެން ރޫބީ ޔަޒްދާނަށް ބެލިއެވެ. އެތެރެއަށް ވަނުމަށް އަތުން އިޝާރާތް ކުރިއެވެ.

********

"ރޫބީ..." ކާރު ގޮސް ލޮލުގެކޮޅަށް އޮބައިލުމުން، ޔަޒްދާނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ޔަޒްދާން އެތެރެއަށް ވަންއިރު، އިކާން އައިސް އަސްކަނިދަށުގައި ހުއްޓެނީއެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އިކާންގެ އަތުގައި އޮތް ކަޅުކުލައިގެ ކުޑައަށެވެ. އިކާނަށް ބަލަން ޔަޒްދާން އިރުކޮޅަކު ހުއްޓެވެ. އެއްޗެއް ބުނަން އުޅެފައިވެސް ޔަޒްދާން އެ ހިޔާލު ދޫކޮށްލިއެވެ. ރޫބީ ފެނޭތޯ ދެފަރާތް ހޯދައި ބަލައިލި އިކާނަށް ޔަޒްދާން ފެނުނީ ޕާކުކޮށްފައި އިން ސައިކަލާއި ދިމާއަށް ދަނިކޮށެވެ. ޔަޒްދާން ތެމިގެން ބޭރުގައި ކުރީ ކީއް ހެއްޔެވެ؟ ކުޑަ އަޅައިގެން ދުވެލާފައި ކަހަލަ ގޮތަކަށް އިކާން ބޭރަށް ނުކުތީ، ބޭރުގައި ރޫބީ ހުރެދާނެކަމަށް ބަލާފައެވެ. އެކަމަކު، އެއިން ހިސާބަކުންވެސް ރޫބީ ފެންނާކަށް ނެތެވެ. އިކާނަށް ލިބުނީ މާޔޫސްކަމެވެ. ރޫބީގެ ފޯނަށް ގުޅަން އުޅެފައި އިކާން އެ ހިޔާލު ދޫކޮށްލިއެވެ. ގެއަށް ދެވުނުތޯ ބެލުމަށް ކުރު މެސެޖެއްލިޔެ ފޮނުވައިލިއެވެ.

********

ރޫބީ ފާހާނާއިން ނުކުތްއިރު ހުރީ، ގަޔަށް ދޫ ޓީޝާޓަކާއި ފުޅާ ހަރުވާޅެއް ލައިގެންނެވެ. ރޫބީގެ ތުންފަތުގައި އޭގެ ކުރިން ނުފެންނަ ލުއި ހިނިތުންވުމެއް ވިއެވެ. ބޮލުން ފެން ހިއްކަމުން ރޫބީ ކޮޓަރިން ނުކުތެވެ. ގޭގެ ދޮރު ކައިރީގައި ލައްކޮށްލާފައި އިން ކުޑައަށް ބަލައިލިއެވެ.

ދެކަންފަތަށް ހެޑްސެޓް ޖަހައިގެން ހުރި ނަޖާތު ކުޑަ ނެގީ ރޫބީ ބަލަން ހުއްޓައެވެ. ކޮޓަރި ދޮރު ކައިރީގައި ރޫބީ ހުރިކަމެއް ނަޖާތަކަށް ނޭނގެއެވެ. ރޫބީ ދުވެފައި ގޮސް ނަޖާތުގެ އަތުން ކުޑަ އަތުލިއެވެ. ބޭރަށް ނުކުތުމަށް ދޮރު ހުޅުވައިގެން ހުރި ނަޖާތަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަތަށް އެނބުރުނުގޮތަށް ފައި މައްޗަށް ހިއްލާލާފައި ރޫބީގެ މޫނުމަތީގައި ޖެހުމަށް ތައްޔާރުވިއެވެ. ނަޖާތުގެ ފައި ހުރީ، ރޫބީގެ މޫނުގައި ޖެހޭ ނުޖެހޭހައި ކައިރީގައެވެ. ސަލާމަތްވާން އަތް އުފުލައިލިގޮތަށް ރޫބީއަށް ހުރެވުނީ ދެލޯ މަރައި ބާރުކޮށްލައިގެންނެވެ. ފަހަތުގައި ހުރީ، ރޫބީކަން އެނގުމުން، ނަޖާތު ހީގަނެފައި ފައި ތިރިކޮށްލިއެވެ.

"ދެންވެސް ތިކަހަލަ ކަންކަން ނުކުރައްޗޭ!.. ގެއަށް ވަގަކު ވަނީ ކަމަށޭ ހީކުރީ" ނަޖާތު ރޫބީގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ.

"ކިރިޔާއޭ ހާޓްއެޓޭކެއް ނުޖެހުނީ..." ރޫބީ ފުންކޮށް ނޭވާތަކެއްލަމުން، މޭގައި އަތް ޖައްސައިލިއެވެ. "ނަޖާ ތީ ފައިޓާއެއްތަ؟... ކިހިނެއް އެހާ މައްޗަށް ފައި ހިއްލަނީ؟ ޓްރޭނިންގްއެއް ނުލިބި ތިކަހަލަ ކަންކަމެއް ނުކުރެވޭނެ! ޓެލް މީ..."

"އަމިއްލަ ޕްރޮޓެކްޝަންއަށް އެކަހަލަ އުކުޅުތައް ދަސްކުރަންވާނެ... ކާކަށް އެނގޭނީ މާދަމާ ވާނެގޮތެއް..." ނަޖާތު ގަދަކަމުން ހީލިއެވެ. "ދެން ތި ކުޑަ ދީބަލަ.. ފިހާރައަކަށް ދާންވެއްޖެއޭ.."

"މީ ވަރަށް ސްޕެޝިއަލް ކުޑައެއް... އެހެން ކުޑައެއް ހިފައިގެންދޭ..." ރޫބީ ކުޑަ ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެފައި ރޫބީ ކުޑަ ހުޅުވައިލިއެވެ. ތުވާލިކޮޅަކުން އޭގައި ހުރި ފެންތިކިތައް ފޮހުނެވެ. ތަޅުދަނޑީގައިލާ އެތި ނެގިއިރު، ރޫބީގެ އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ. އެއީ ހަރީރާގެ އެންމެފަހުގެ ހަދިޔާއެވެ. ދިހަ އަހަރު ކުރިން ގެއްލުނު އެ އަގުބޮޑު ހަދިޔާ ރޫބީގެ އަތަށް އެރީ ކޮންފަދަ އަޖައިބު ކުރުވަނިވި ގޮތަކަށް ހެއްޔެވެ؟ ޔަޒްދާން އެ ބަލަހައްޓާފައިވަނީ އެހާ ފުރިހަމައަށް ކުޑަވެސް ހިރަފުސްކޮޅެއް ނާރުވައެވެ. ރޫބީގެ ދެލޯ ފެންކަޅިވިއެވެ. ތަޅުދަނޑީގައިލާ އެތި ގަޔާއި ކައިރިކޮށްލުމާއިއެކު ރޫބީއަށް ދެލޯ މަރައިލެވުނެވެ. ހިތުގެ އަޑިން ޝުކުރު އަދާކުރެވުނީ އެދުވަހު ރޫބީ ސަލާމަތްކުރި ކުއްޖާ ގަދަވެ ސަލާމަތުން ދުނިޔޭގައި ހުރީތީއެވެ.

********

ގޭ ކައިރިއަށް ކާރު ހުއްޓައިލިއިރު، ރޫބީ ހުރީ ދޮރުމައްޗަށް ނުކުމެއެވެ. ރޫބީ ލައިގެން ހުރީ، މަޑު ފެހިކުލައަކަށްދާ ދިގު ހެދުމެކެވެ. ހެދުމުގެ ފަސްބައި ފުޅަލެވެ. ފައިތިލައަށްވުރެ މައްޗަށް ހުރިއިރު، ލައިގެން ހުރީ ކަޅު ކުލައިގެ ހިމަ ހަރުވާޅެކެވެ. ހެދުމުގެ ބަނޑާއި ދިމާއިން ކުދި ރޫތަކެއް ޖައްސާފައިވާއިރު، މެއާއި ދިމާގައި ހުރީ، ހުދުކުލައިގެ ލޭސްފޮތި ލާފައެވެ. ލޭސްފޮތީގައި ކުދި އެސްތަކެއް ހަރުކޮށްފައި ހުއްޓެވެ. ރޫބީ އަޅައިގެން ހުރީ ކަޅު ބުރުގަލެކެވެ. ތުންފަތުގައި މަޑު ރަތްކުލައެއް ޖައްސައިގެން ހުރިއިރު، އެހެން ދުވަސް ދުވަހަށްވުރެ ރޫބީގެ މޫނުކޮޅު ދިއްލިލާފައިވާހެން ހީވެއެވެ.

ރޫބީ އޭނާގެ ކައިރީގައި ހުރި ނަޖާތަށް ބަލައިލިއެވެ. އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިނެވެ. ރޫބީގެ ހިތުގައި އޮތީ ކީކޭ ކަން ނަޖާތަށް އެނގެއެވެ. އެވާހަކަ ރޫބީގެ ދުލާއި ހަމައަށް އައުމުގެ ކުރިން ހުއްޓުވަން ނަޖާތު ބޭނުންވިއެވެ.

"ނޯ ނުބުނައްޗޭ! އަހަރެމެން ފެމެލީގަ، ކައިވެނި ހަމަޖެހުމަށްފަހު، ދެން ނޫނެކޭ ނުބުނެވޭނެ... އެކަހަލަ ކަމެއް ވެއްޖެއްޔާ، ރޫބީ ޖެހޭނީ އާއިލާއާ ގުޅުން ކަނޑާލާފަ ރަށަށް ދާން... ސޯ، ޕްލީޒް ވަރަށް ހަމަޖެހިގެން ވާހަކަ ދައްކާނީ އިނގޭ!.." ރޫބީގެ އަތުގައި ހިފައިލަމުން ނަޖާތު ބުނެލިއެވެ.

ފަޒާލް ކާރުން ފައިބައިގެން ގޮސް ފަހަތު ޝީޓުގެ ދޮރު ހުޅުވާލަދިނެވެ. އޭނާ މަޑުކޮށްގެން ހުރީ ރޫބީގެ އިންތިޒާރުގައެވެ. ނަޖާތު ރޫބީގެ ކޮނޑުގައި އަތް އަޅައި، މަޑުމަޑުން ކުރިއަށް ކޮށްޕައިލިއެވެ. ކާރާއި ދިމާއަށް ދަމުންވެސް ރޫބީ ނަޖާތަށް ބެލިއެވެ. ނަޖާތު އެދުނީ ކުރިއަށް ދިޔުމަށެވެ. ރޫބީ ކާރަށް އެރިއިރު، ފަހަތުޝީޓުގައި އިކާން އިނެވެ. ރޫބީ ފާޑަކަށް މޫނު ހަދާލަމުން އިކާނާއި ވީހާވެސް ދުރުގައި އިށީނެވެ.

"އެބަޖެހޭ ކަމެއް ބަލައިދޭން" ފޯނު ކަންފަތުގައި ޖައްސައިލަމުން ނަޖާތު ގޭތެރެއަށް ވަނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރޫބީ އަލަމާރި މައްޗަށް ލީ ކުޑަ ނެގިއެވެ. "ދިހަ އަހަރު ކުރި އެއީ... އަހަރެން ބޭނުންވަނީ އޭނަގެ މައުލޫމާތު... ނޭމް، އެޑްރެސް، އެވްރީތިންގް..."

ރޫބީ އިނީ ފޯނަށް ބަލާށެވެ. އިކާން ފޯނު ނެގިއެވެ. މެސެޖެއް ލިޔެ ރޫބީގެ ނަންބަރަށް ފޮނުވައިލިއެވެ.

"އަދިވެސް ޖެލަސްވެފަތަ؟" އިކާން ބޭނުންވީ ރޫބީ ތަޅުވައިލާށެވެ. އެކަން ކާމިޔާބު ވިއެވެ. އިކާނަށް ބަލައިލާފައި ރޫބީ ޖަވާބު ލިޔަން ފެށިއެވެ.

"ކާރް ޗޯރް؟... ކީކޭ ޖަހާފަ އަހަރެންގެ ނަންބަރު ސޭވްކޮށްފަ ތީނީ؟" ރޫބީ ލިޔާ އެއްޗެއް ބަލަން އުޅުނު އިކާނަށް ފެނުނީ އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ.

އިކާން ދެލޯ ބޮޑުކޮށްލަމުން ރޫބީގެ މޫނަށް ބަލައިލިއެވެ. ރޫބީ ވަގުތުން ފޯނު ބަންޑުންވާހެން ބާއްވަން އުޅުނެވެ. އިކާން އެފުރުސަތު ނުދީ، ރޫބީގެ އަތާއިއެކު، ފޯނުގައި ހިފިއެވެ. ރޫބީ ގަދަހެދީ ފޯނު ނުދައްކާށެވެ. އިކާންވެސް ދުލެއް ނުކުރިއެވެ. މަންޒަރު ބަލަން އިން ފަޒާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. ރޫބީގެ ކައިރީގައި އިކާން އުޅެނީ ދުވަހަކުވެސް އެހެން މީހެއްގެ ކައިރީގައި އުޅުނު ފަދައަކުން ނޫނެވެ.

ކުއްލިއަކަށް ކާރުގެ ބުރަކި ޖެއްސި ވަގުތު، އިކާނަށް ރޫބީގެ ގައިގައި ހިފަހައްޓާލެވުނެވެ. ދެމީހުން ތިބީ އެކަކު އަނެކާއި ނުހަނު ކައިރީގައެވެ. ނުރައްކާތެރި ދަރަޖައަކަށް ދެމީހުންގެ މޫނު ވަނީ ކައިރިވެފައެވެ. އެކަކު އަނެކެއްގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބިއިރު، ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ކުޑަވެސް ހިލަމެއް ދެމީހުންކުރެ އެކަކުގެވެސް ނެތެވެ.

ރޫބީއަށާއި އިކާނަށް ހަމަހޭވެރިކަންވީ ފަޒާލް ކަރު ކެހިލި އަޑު އިވުމުންނެވެ. ރޫބީ ތެޅިގަނެފައި އިކާނާއި ދުރަށް ޖެހުނެވެ.

"އާދެވުނީ" ފަޒާލް ކާރުގެ ދޮރު ހުޅުވާފައި ފޭބިއެވެ.

ރޫބީ ފައިބަން އުޅުމުން، އިކާން ކާރުގެ ދޮރު ނުހުޅުވޭގޮތް ހެދިއެވެ. ފަޒާލް ދެފަހަރަކު ދޮރުގައި ހިފާލާފައި ތަޅުލާފައި ކަން ޔަގީންވުމުން، ދޮރުކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

"ފުރަތަމަ ކަމަކަށް އަހަރެންގެ ނަންބަރު އަލުން ސޭވްކޮށްލާ! ބީއެފް.. އުހުނ، އެފް އެޗް ޖަހާ... ފިއުޗަރ ހަޒްބެންޑް..." އިކާންގެ އަޑުގައިވީ ލާނެތްކަމެވެ.

"ސީ އެޗް ޖެހިޔަސް އޯކޭއެއްނު..." ރޫބީ ބޭނުންވި އިކާނަށް ޖެއްސުމެއް ކޮށްލާށެވެ.

"ކޫލް ހަޒްބެންޑެއް ދޯ... ތިނަންވެސް ސަޅި.." އިކާން ވަގުތުން ބުނެލިއެވެ.

ރޫބީ ތުން ފިއްތައިލިގޮތުން އިކާނަށް ހެވުނެވެ. މަޖާވިއެވެ. މުޅި ދުވަހު ރޫބީއަށް އެފަދަ ސަމާސާކުރަން އިކާން ބޭނުންވެއެވެ.

"ގެއަށް ވަނުމުގެ ކުރިން އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން..." އިކާން ބޭނުންވީ ހަގީގަތް ހާމަކުރާށެވެ. އޭނާއަކީ ކާކުކަން ބުނެދޭށެވެ.

"އަހަރެންވެސް ބޭނުން ވާހަކައެއް ބުނަން.." ރޫބީގެ މޫނުން ފެނުނީ ސީރިއަސްކަމެވެ.

"އޯކޭ... ފުރަތަމަ ރޫބީ ބުނޭ" އިކާން ރޫބީއަށް ފުރުސަތު ދިނެވެ.

"އަހަރެން ލޯބިވާ މީހަކު އެބަހުރި..." ރޫބީ ބުނީ އިކާން ކުޑަކޮށްވެސް އުއްމީދުކުރި ކަހަލަ ވާހަކައެއް ނޫނެވެ. "ހާސްނުވޭ!... އަހަރެން މިކައިވެނި ކުރާނަން!... މީ އަހަރެންގެ އާއިލާއަށްޓަކާ އަހަރެންވާ ގުރުބާނީއެއް... ބަދަލުގަ އަހަރެން ބޭނުންވަނީ އެންމެ ކަމެއް... އެކަން ވާނެތަ؟"

އިކާންގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ރޫބީ ކުރި ސުވާލަށް ޖަވާބުދޭންވެސް ނޭނގިފައި އިކާނަށް އިނދެވުނެވެ. އިކާން ހީކުރީ އިކާނެކޭ އެއްވަރަށް ރޫބީއަށްވެސް މާޒީ ހަނދާން ނައްތާލަން އުނދަގޫވާނެ ކަމަށެވެ. އިކާން އިންތިޒާރު ކުރި ފަދައިން ރޫބީވެސް އޭނާއަށް އިންތިޒާރު ކުރާނެ ކަމަށެވެ. އެކަމަކު، ރޫބީއަށް އެކަން މުހިއްމެއް ނުވިއެވެ. އެހެން މީހަކުދެކެ ރޫބީ ލޯބިވެއްޖެއެވެ. އިކާންގެ ހިތް ކުދިކުދިވިއެވެ.

"ނުވާނެދޯ؟" އިކާންއަށް ވީގޮތް ފެނި ރޫބީގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ. އެކަމަކު، އެކަން ފޮރުވަމުން ރޫބީ ސުވާލުކުރިއެވެ.

"ވާނެ..." އިކާންގެ އަޑުގައިވީ ޔަގީންކަމެވެ.

"ކައިވެންޏަށްފަހު، އަހަރެންގެ ގައިގަ އަތްލުމުގެ ހުއްދަ ނުދީފިއްޔާ؟ އެކަން ވާނެތަ؟..." ރޫބީ ބޭނުންވީ އިކާންގެ މޫނަށް ވެރިވާ އަސަރުތައް ބަލާށެވެ. އެއްކަމެއް އޭނާއަށް ޔަގީންވިއެވެ. އިކާންގެ މޫނުގައިވި އުފާވެރިކަން ވަނީ ގެއްލިފައެވެ.

"ތީ ކޮންކަހަލަ ޝަރުތެއް؟" އިކާނަށް ބުނެވުނެވެ. "އެކަމަކު ތީ ރޫބީ ބޭނުންވާގޮތް ކަމަށް ވަންޏާ، އަހަރެން އެކަން ކޮށްދޭނަން..."

"އޯކޭ، ދެން އިކާން ބުނަން އުޅުނީ ކީކޭ؟" ރޫބީ އަހައިލިއެވެ.

"އަހަރެންގެ ވާހަކަ ދެން އެހާ މުހިއްމެއް ނޫން ކަންނޭނގެ...." އިކާން ހިތި ގޮތަކަށް ހިންދިރުވައިއެވެ.

"އެކަމަކު..." ރޫބީ އެއްޗެއް ބުނަން އުޅުނެވެ.

ކާރުގެ ބިއްލޫރިގަނޑުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ރޫބީ ބަލައިލިއިރު، އިބާ ގުދުވެގެން އެތެރެ ފެނޭތޯ ހޯދަނީއެވެ. އިކާން ބާރަކަށް ދޮރު ހުޅުވައިލުމުން، އިބާ ނުވެއްޓުނީ ކިރިޔާއެވެ.

"އެހާ އަވަހަށް މާފޮޅުވަނީ؟" އިބާ ޗޮކެއް ކަނޑައިލިއެވެ.

"ޝްޝްޝް..." އިކާން ވަގުތުން އިބާގެ އަނގަމަތީގައި އަތް އެޅިއެވެ.

"ފަހަރީ!... އަހަރެންގެ ދޮންބެ ލައިކްވާ ކުއްޖަކީ އައި....." އިކާންގެ އަތްދަށުން މިނިވަންވެގެން އިބާ އެއްޗެއް ބުނަން އުޅުނެވެ. އިބާގެ ޖުމުލަ ފުރިހަމަނުވަނީސް އިކާން އަނެއްކާވެސް އިބާގެ އަނގަމަތީގައި އަތް އެޅިއެވެ.

"އާދޭ އެތެރެއަށް..." ގަދަކަމުން ކަހަލަ ގޮތަކަށް އިބާ ގޮވައިގެން އެތެރެއަށް ވަންނަމުން އިކާން ފަސްއެނބުރި ރޫބީއަށް ބަލައިލިއެވެ.

އިކާންމެންގެ ފަހަތުން ގެއަށް ވަން ރޫބީގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހިނިއައިސްފައި ހުރި ފަލާހާއެވެ. ފަލާހާގެ މޫނުގައި ދެއްކުންތެރިކަމެއް ނެތެވެ. ރޫބީ ފެނުމުން، ފަލާހާގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ. އަވަހަށް ކައިރިއަށް ގޮސް، ގައިގައި އަތް ޖައްސައިލިގޮތުން ފަލާހާގެ އޯގާތެރިކަން ހާމަވިއެވެ.

"އަވަހަށް އާދޭ އިށީންނަން.." ރޫބީގެ ބުރަކަށީގައި ފިރުމައިލަމުން، ފަލާހާ އެދުނެވެ.

އަސްލަމާއި ނާޝިޒް އިނީ ސޯފާގައެވެ. ރޫބީ ފެނުމުން، ދެމީހުންގެ މޫނުންވެސް ފެނުނީ އުފާވެރިކަމެވެ.

"ކާފަ ސަޕްރައިޒްއެއް ނުވޭތަ؟... އެއީ ދޮންބެ އޮފީސް ކުއްޖެކޭ..." އިބާ ހީކުރީ އަސްލަމް ހައިރާންވެގެން އެވާހަކަ ދައްކާނެ ކަމަށެވެ.

"ދަރިފުޅު ހާދަ އަނގަގަދައޭ..." ފަލާހާ އިބާ ހުއްޓުވިއެވެ. "ބޮޑެތި މީހުންގެ ކަންކަމުގެ ތެރެއަށް ވަންނަ އެއްޗެއް ނޫނޭ... ދޭބަލަ ތަށިތަކަށް ސައި އަޅަން..."

އަސްލަމް ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލާފައި ރޫބީއަށް ތައުރީފުކުރަން ފެށިއެވެ. އޮފީހުގައި ރޫބީ ދެއްކި ހުނަރުވެރިކަމުގެ ވާހަކަ ފަލާހާމެންނަށް ކިޔައިދިނެވެ. ރޫބީ ހުރީ ހިނިތުންވެލަންވެސް ނޭނގިފައެވެ. ހުސްކޮށް ހުރި ސޯފާގައި ރޫބީ ބައިންދާފައި، ފަލާހާ ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. އިބާ ގަދަކަމުން ކަހަލަ ގޮތަކަށް އިކާން ގެންގޮސް ރޫބީގެ ކައިރީގައި ބޭންދިއެވެ.

"ކާފައަށް އެނގޭތަ، ދޮންބެ ކުރީގެ ކްރަޝް މަތިން..." އިބާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ފަލާހާ ހުއްޓުވިއެވެ.

އިކާން ބަލައިލިއިރު ރޫބީ އިނީ ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ރޫބީގެ މޫނުން ފެނުނީ ޝަކުވާއެވެ. އިކާންގެ ހަޔާތުގައި އެހެން އަންހެން ކުއްޖަކު ހުރިކަން އެނގުމުން، ރޫބީގެ ހިތުގައި ޝަކުވާ އުފެދެންވީ ކީއްވެ ހެއްޔެވެ؟ ރޫބީ ބޭނުންވާ އެހެން މީހަކު ހުއްޓާ، އިކާންގެ ކަންކަމަށް ސަމާލުކަން ދެވެނީ ކީއްވެ ހެއްޔެވެ؟

"އަންނަ ހަފުތާގަ ކާފަ ފުރަންވާއިރަށް، ކައިވެނީގެ ހުރިހާ ކަމެއް ނިމެންވާނެ..." އަސްލަމްގެ އަޑު އިވުމުން، ރޫބީއަށް ހަމަހޭވެރިކަން ވިއެވެ. އިކާންގެ މޫނުން ނަޒަރު ވަކިކޮށް، އަސްލަމަށް ބަލައިލިއެވެ.

"ކައިވެނީގެ ވާހަކަ ދައްކާއިރު، އަންހެންކުއްޖާގެ ބަސް އަހަރެމެންނަށް ވަރަށް މުހިއްމު..." އަސްލަމްގެ ވާހަކަ ނިމުމުން ނާޝިޒް ބުނެލިއެވެ. "އެހެންވެ މިއަދު ބައްދަލުކުރަން ބޭނުންވީ..."

އިކާންގެ ހިތް ތެޅިގަތެވެ. ރޫބީ ބުނާނީ ކީކޭ ހެއްޔެވެ؟ ކައިވެންޏަށް ދެކޮޅު ހަދާފާނެ ހެއްޔެވެ؟ ނޫނީ އޭނާގެ އާއިލާގެ ކުރިމަތީގައި ޝަރުތެއް ހުށަހަޅާފާނެ ހެއްޔެވެ؟ ރޫބީ އެއްޗެއް ނުބުނެ ހޭދަވެގެންދިޔަ ކޮންމެ ސިކުންތެއް އިކާނަށް އެއްހާސް އަހަރަށް ދިގުދެމިގެންދިޔަ ކަހަލައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު