ބާބިލާއި އަލާޔާ ތުރިލާ ފިލްމަކަށް ސޮއިކޮށްފި

ބާބިލް އަދި ބަތަލާ އަލާޔާ. ދެ ތަރިން އެކީގައި ފުރަތަމަ ފަހަރަށް ފެންނަ ތުރިލާ ފިލްމުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ވަނީ ނިންމާފައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ތަރިންތަކަކަށް ދާދި ފަހުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯއެއް އާއްމުވި އެކްޓަރު ބާބިލް ޚާނާއި ޒުވާން ބަތަލާ އަލާޔާ އެފްއަށް އެކީގައި ތުރިލާ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

ވަކި ނަމެއް ކަނޑައަޅާފައިނުވާ މި ފިލްމަކީ މަގުބޫލު ކްރައިމް ތުރިލާ "ސެކްޓަ 36" ގެނެސްދިން ޑައިރެކްޓަރު ބޯދަޔަން ރޯއިޗައުދަރީ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ގެނެސްދޭނީ ހަގީގީ ދިރިއުޅުމުގައި ހިނގާފައިވާ ކުށުގެ ވެށީގެ ހާދިސާތަކެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް އާއި އަލާޔާ މީގެ ކުރިން އެއްވެސް ފިލްމަކުން އެކީގައި ފެނިފައިނެތެވެ.

ބާބިލް ބައްޕަ އިރުފާން އަދި މަންމަ ސުޕާތާއާ އެކު--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމު އިންޑަސްޓްރީއަށް ތައާރަފުވިތާ އަހަރުތަކެއް ވެފައިވީ ނަމަވެސް ބެލުންތެރިންނަށް މި ދެ ތަރިން ވެސް މިހާތަނަށް ފެނިފައި ވަނީ މަދު ފިލްމުތަކަކުންނެވެ.

ބާބިލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދިފަހުން ޒީ5އިން ގެނެސްދިން ފިލްމު "ލޮގްއައުޓް"އެވެ. ކުރީގެ އެކްޓަރު ކަބީރު ބެދީގެ ކާފަ ދަރިފުޅު އަލާޔާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސްރީކާންތު"އިންނެވެ.

ބާބިލް އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު އޭނާ ވަނީ ދާދި ފަހުން ޑައިރެކްޓަރު ސައި ރާޖޭޝް ހުށަހެޅި ފިލްމެއް ވެސް ދޫކޮށްލާފައެވެ. ބާބިލް މި ފިލްމު ދޫކޮށްލާފައިވަނީ ކުޑަ ދުވަސްކޮޅަކަށް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގަން ބޭނުންވާ ކަމަށް ބުނުމަށް ފަހެވެ.

comment ކޮމެންޓް