15 ދަރިވަރުން މަރުވި ބަސް އެކްސިޑެންޓު ތަހުގީގު ކުރަން އަމުރުކޮށްފި

މެލޭޝިއާގައި އެކްސިޑެންޓުވި ބަސް. އެ ހާދިސާގައި ސުލްތާން އިދްރީސް އެޑިއުކޭޝަން ޔުނިވާސިޓީ (ޔޫޕީއެސްއައި) ގެ 15 ދަރިވަރުން ވަނީ މަރުވެފައި. ފޮޓޯ/ބާނަމާ

މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް ދަތުރުކުރި ބަހަކާއި މަލްޓި ޕާޕަސް ވެހިކަލް (އެމްޕީވީ) އެއް އެކްސިޑެންޓުވެ 15 ދަރިވަރުން މަރުވި ހާދިސާ ތަހުގީގު ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަމުރު ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ނެރުއްވި ބަޔާނެއްގައި އަންވަރު ވަނީ އެ ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ހިތުގެ އަޑިން މަރުވި މީހުންގެ ހުރިހާ އާއިލާތަކަށް ތައުޒިޔާ ދަންނަވަން. ގަބޫލުކުރަން ދަތި މި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ދަންނަވަން."

ހަމައެއާއެކު، އެ ހާދިސާގައި މަރުވެ، ޒަޚަމްވި ދަރިވަރުންގެ އާއިލާތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ ޕެރަކްގެ އީސްޓް-ވެސްޓް ހައިވޭގައި ހޯމަ ދުވަހު މެލޭޝިއާ ގަޑިން ދަންވަރު 1:00 ހާއިރުއެވެ.

ޕެރާކް ސްޓޭޓްގެ ޕޮލިސް ޗީފް ނޫރު ހިސާމް ނޯޑިންއާ ހަވާލާދީ މެލޭޝިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުން ބަސް ވަނީ އެމްޕީވީގެ ފަހަތުގައި ވަރަށް ބާރަށް ޖެހިފައެވެ. އޭގެ ފަހުން ބަސް ކޮންޓްރޯލުނުވީ ކަމަށެވެ.

އެ ހާދިސާގައި ސުލްތާން އިދްރީސް އެޑިއުކޭޝަން ޔުނިވާސިޓީ (ޔޫޕީއެސްއައި)ގެ 15 ދަރިވަރަކު މަރުވެފައިވާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހޯމަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

ނޫރު ހިސާމް ވިދާޅުވީ އެ ބަހުގައި 21 އަހަރާއި 23 އަހަރާ ދެމެދުގެ އުމުރުފުރާގެ 42 ޔޫޕީއެސްއައި ދަރިވަރުން ތިބި ކަމަށާއި އެ އެންމެންނަކީ ވެސް ޕެނިންސުލާ މެލޭޝިއާގެ އިރުމަތީ އައްސޭރީގެ ދަރިވަރުން ކަމަށެވެ. ކެޑާގައި ރަޖިސްޓްރީކޮށްފައިވާ މި ބަހަކީ ދަރިވަރުން އަމިއްލައަށް ޗާޓަރުކޮށްފައިވާ ބަހެއް ކަމަށް ބެރްނާމާ އިން ރިޕޯޓްކޮށްފައިވެއެވެ.

އެ ހާދިސާ ހިނގި ތަނުން 13 ދަރިވަރުން ވަގުތުން މަރުވެފައިވާއިރު، އަނެއް ދެ ދަރިވަރުން މަރުވީ ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލްގައެވެ.

ވިހި މީހެއްގެ ހާލު ސެމީ ކްރިޓިކަލް އަދި ހަ މީހުންގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ފޯ ސްޓޫޑެންޓް އެފެއާޒް ނޫރު ޚާލިދު ސަލިމީން ހަވާލާދީ ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވާ ބަހުގައި ތިބި ގިނަ ދަރިވަރުންނަނީ އަޟްހާ އީދު ޗުއްޓިއަށްފަހު އެނބުރި ޔުނިވާސިޓީއަށް ދިއުމަށް ދަތުރުކުރި ދަރިވަރުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހާދިސާގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް 2،000 ރިންގިޓް ނުވަތަ 472 އެމެރިކާ ޑޮލަރު ދޭނެ ކަމަށް އިއުލާނުކޮށްފައެވެ. އަދި ދަރިވަރުންގެ ކޮންމެ އާއިލާއަކަށް 1،000 ރިންގިޓް ޔުނިވާސިޓީގެ ފަރާތުން ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

މެލޭޝިއާގެ މަގުތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މަގުތައް ކަމަށާއި ރަސްމީ ތަފާސް ހިސާބުތަކަށް ބަލާއިރު މާޗް 2024 އާއި މާޗު 2025 އާ ދެމެދު ކޮންމެ ދެ ގަޑިއިރަކުން އެކަކު އެކްސިޑެންޓުވެ މަރުވާ ކަމަށް ދަ ސްޓާ އިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް