މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރުސީން މިއަދު ބުނީ، ކެޓްރީނާ އެކު މަސައްކަތްކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމުކަމާއި ދިރުންތައް ބޭރުގެ ފަތުރުވެރިންނަށް އިޝްތިހާރުކޮށް، އެ ތަޖުރިބާތައް ހޯދުމަށް ހިތްވަރު ދިނުމަށް ކަމަށެވެ.
ކެޓްރީނާއަކީ ބޮލީވުޑްގެ ބޮލްކްބަސްތާ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެއް ކަމަށްވާއިރު، ވިޔަފާރީގައި ވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ކެޓްރީނާއަށް ވަނީ އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ވެސް ލިބިފައެވެ.
ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހަމަޖެއްސުމަށް ގުޅިގެން ކެޓްރީނާ ބުނީ، ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި ލަގްޒަރީގެ ރަމްޒެއް ކަމަށާއި އެ މަގާމަށް އޭނާ ހަމަޖެއްސުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
މި ޕާޓްނާޝިޕާ އެކު ރާއްޖޭގެ ރީތި މަންޒަރުތަކާއި ތަޖުރިބާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އިޝްތިހާރުކޮށްދިނުމުގައި އެހީތެރިވެދޭނެކަން ކެޓްރީނާ ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި ޕާޓްނަޝިޕާ ގުޅުވައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ މާގަމަށް ކެޓްރީނާ ފަދަ ބޭފުޅެއް ހަމަޖެހުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
ކެޓްނީރާއަށް މަރުހިބާ ކިޔުއްވައި، ޝިއުރީ ވިދާޅުވީ، ކެޓްރީނާގެ ފޭނުންނާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން މި ޕާޓްނަޝިޕް ފުރިހަމަކޮށް ދޭނެ އެމްބެސަޑަރަކަށް ވާނެ ކަމަށެވެ.
ސަމާ ސޭލް ކެމްޕެއިނުގައި އިޝްތިހާރުކުރާނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި ބުޓީކް ގެސްޓުހައުސްތަކާއި އާއިލާތައް އެއްކޮށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު ތަންތަން އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެގޮތުން، މި ކެމްޕެއިން ކުރިއަށް ދާނީ އިނގިރޭސިވިލާތާއި ރަޝިއާއާއި އަދި ސީއައިއެސްއާއި ޑީއޭސީއެޗް ސަރަހައްދާއި އިޓަލީއާއި ޕޮލެންޑާއި ސްޕެއިން އަދި އިންޑިއާ ފަދަ މުހިންމު މާކެޓުތަކުގައެވެ.