ޝެއިޚު ފަރީދުގެ ކަށުނަމާދު ރާއްޖޭގައި ވެސް ބޭއްވުމަށް ގިނަ ބަޔަކު އެދޭތީ، ޣައިބަށް ކަށުނަމާދު ކުރަނީ

ޝެއިޚު ފަރީދު: ޝެއިޚު ފަރީދުގެ ކަށުނަމާދު ރާއްޖޭގައި ވެސް ބޭއްވުމަށް ގިނަ ބަޔަކު އެދޭތީ، ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ/ ފޭސްބުކް، ޝެއިޚް އިބްރާހީމް ފަރީދު

ދީނީ އިލްމު ފެތުރުއްވުމުގައާއި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެއްވި ޝެއިޚް އިބްރާހީމް ފަރީދުގެ ކަށުނަމާދު ރާއްޖޭގައި ވެސް ބޭއްވުމަށް ގިނަ ބަޔަކު އެދޭތީ، ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

އާއިލާއާ ހަވާލާދީ ފަރީދުގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި އެ އާއިލާއިން ވަނީ މެލޭޝިއާގައި ޖަނާޒާ ބާއްވައި އެ ގައުމުގައި ހަށިކޮޅު ވަޅުލަން ނިންމައިފައެވެ. އެ ގޮތަށް ނިންމީ ފަރީދުގެ ހަށިކޮޅު މެލޭޝިއާއިން ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝެއިޚުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

"އިންޝާ ﷲ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލައިފި ނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ޝެއިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަށް މިނިސްޓްރީން ވަނީ ނިންމާފައި،" ޝަހީމް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އިއުލާން ކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެ ގެނައުމަށް ކުރިއަށްގެންދިޔަ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ އޮގަސްޓް 12، އަދި 13ގައި، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އެހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގައި ބައިވެރިވެވަޑައިގަތެވެ.

https://sun.mv/207124

އެ ހަރަކާތުގެ ބައިވެރިންގެ ތެރެއިން ހައްޔަރުކޮށް، އެތައް އަނިޔާއެއް ތަހަންމަލުކުރި މީހުންގެ ތެރޭގައި ފަރީދު ހިމެނިވަޑައިގަންނަވައެވެ.

comment ކޮމެންޓް