ޖެހިޖެހިގެން ފަސްވަނަ ބައްޔާ އެކު ގައުމީ ކޯޗު ސުޒެއިން އިސްތިއުފާ ދީފި

ގައުމީ ކޯޗު އަލީ ސުޒައިން: ޖެހިޖެހިގެން ފަސްވަނަ ބައްޔާ އެކު އޭނާ ވަނީ އިސްތިއުފާ ދީފައި --

ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ޖެހިޖެހިގެން ފަސްވަނަ މެޗުން ބަލިވުމާ އެކު ގައުމީ ކޯޗު އަލީ ސުޒެއިން މިއަދު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ރަށުން ބޭރުގައި ޓިމޯ ލެސްޓޭ އަތުން ވެސް މިއަދު ވަނީ ބަލިވެފައެވެ. މިއީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އެއީ، ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗާއި އިންޑިއާއާއި ފިލިޕީންސާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޯޗު ސުޒެއިން ވަނީ ގައުމީ ކޯޗުކަމުން އިސްތިއުފާދިންކަން ހާމަކޮށްފައެވެ.

https://sun.mv/207129

މެޗަށް ފަހު ސުޒެއިން ބުނީ، ލެސްޓޭ މެޗުގެ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއްކަމަށް ގަބޫލުކުރާ ކަމަށާއި ދިވެހި ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"އަޅުގަނޑު މި ޓީމާ އެކު ކުރި މަސައްކަތް މި ހިސާބުން ނިމުނީއެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި ޓީމާ އެކު މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑުގެ ހެޔޮ ދުއާއާއި ހެޔޮ އެދުންތައް އޮންނާނެ ކަމުގައި ދަންނަވަމެވެ،" ފޭސްބުކްގައި މެޗަށް ފަހު ސުޒެއިން ލިޔެފައިވެއެވެ.

އޭނާ ބުނީ، ގައުމީ ޓީމާ އެކު މަސައްކަތްކުރުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

އެއަށް ފަހު އޭނާ ވަނީ ގައުމީ ކޯޗުކަމުގައި ހޭދަކުރި ދުވަސްތަކުގައި އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދަައިކޮށްފައެވެ. އަދި، އެ މެސެޖު ނިންމާލަމުން ވެސް އޭނާ ވަނީ ފުޓުބޯޅަ އާއިލާގެ ކިބައިން މާފަށް އެދިފައެވެ.

ސުޒެއިން ގައުމީ ޓީމާ ހަވާލުވީ ކުރިން ހުރި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ގައުމީ ކޯޗުކަމުގައި ސުޒެއިން ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

https://sun.mv/206886

އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޓިމޯ ލެސްޓޭ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި އަހަރު ޓިމޯ ލެސްޓޭގެ ފުރަތަމަ މޮޅެވެ. އަދި މިއީ ޓިމޯ ލެސްޓޭގެ ފުޓުބޯޅައިގައި ތާރީޚީ މޮޅެކެވެ. ރާއްޖެ މެޗުގެ ކުރިން ވޭތުވެދިޔަ ފަސް އަހަރުތެރޭ އެ ގައުމަށް މޮޅެއް ލިބުނީ މިދިޔަ އަހަރެވެ. އެއީ، އާސިއާން ޗެމްޕިއަންޝިޕުގައި ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗެވެ.

ފީފާ ރޭންކިންގައި ޓިމޯ ލެސްޓޭ އޮތީ 197 ވަނައިގައެވެ. އަދި ރާއްޖެ އޮތީ 164 ވަނައިގައެވެ. އެހެންކަމުން މިއީ އަމިއްލަ ދަނޑެއް ނެތް ޓިމޯ ލެސްޓޭގެ ފުޓުބޯޅައަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅެން ޖެހޭނީ ތަޖިކިސްތާނާއެވެ. މި މެޗު ކުޅޭނީ އަންނަ އޮކްޓޯބަރުގައެވެ.

comment ކޮމެންޓް