ޝައިޚް ފަރީދުގެ ނިމިދިޔުން ވެސް އެއީ ނަސޭހަތެއް

އައްޝައިޚް އިބްރާހީމް ފަރީދުގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާނދޭވެ! އޭނާގެ ނިމިދިޔުން ވެސް އެއީ އޭނާގެ ދިރިހުރުމުގައި ދެއްވި ކަހަލަ، ނުވަތަ އެއަށްވުރެ ވެސް ފުން އަސަރެއް ކުރުވި ފިލާވަޅެކެވެ.

ދެހާހުގެ އަހަރުތައް ފެށިގެން އައީ ޝައިޚު ފަރީދުގެ ދަރުސްތަކުން ދިވެހި ޖައްވު ގުގުމަމުންނެވެ. އޭރު ތިއްބެވި ވަރަށް ގިނަ ޢިލްމުވެރިން ހިނމޭންކޮށް މަޑުމަޑުން ނޫނީ ނުދައްކަވާ ޒާތުގެ ގިނަ ވާހަކަފުޅުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ދައްކަވަންފެއްޓެވީ ޝައިޚު ފަރީދެވެ.

މިސްކިތްތަކުގައި ޢިޝާނަމާދަށް ފަހު ސިލްސިލާ ދަރުސްތަކެއް ފައްޓަވައިގެން ކުރިއަށް ގެންދެވިއެވެ. އިދާރީ ގޮތުން އެ ކަންކަން ކުރެއްވީ ކޮންބޭފުޅުންނެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭހައި ވެސް އެއްޗަކީ މިސްކިތްތަކުގެ ސައުންޑު ވެސް ބޭނުންފުޅުކުރައްވައިގެން ދީނީ ގޮތުން މީހުން ހޭލުންތެރިކުރެއްވުމަށް ނަސޭހަތްތަކެއް ދެއްވިކަމެވެ.

ޝައިޚު ފަރީދުގެ ދަރުސްތަކަކީ މީސްތަކުންގެ ޙަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި ދަރުސްތަކެކެވެ. ހެޔޮ ކަންކަމަށް އަމުރުކުރައްވައި، ސާބިތުކަމާ އެކު ދެއްވި އިޚުލާޞްތެރި ނަސޭހަތްތަކެކެވެ. ނުބައިކަންކަން މަނާކުރުމަށް އަސަރާ އެކު ގޮވައިލެއްވި ގޮވައިލެއްވުންތަކެކެވެ. އަބަދުވެސް ދައްކަވައިފައިވަނީ މުޖުތަމަޢުގައި ހިނގަމުން އަންނަ ކަންކަމުގެ ވާހަކައެވެ. ވަކިން ޚާއްޞަކޮށް ދީނާ ފުށުއަރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކައެވެ. އޭގެ ބަދަލުގައި ކުރެވިދާނެ ރަނގަޅު ކަންކަމުގެ ވާހަކައެވެ.

މި ދެންނެވި ދަރުސް ސިލްސިލާ ނިމުމަކަށް އައީ ޝައިޚު ފަރީދު ހައްޔަރުކޮށް ޖަލަށް ލެވުނު ހިސާބުންނެވެ. ޝައިޚު ޖަލަށް ގެންދިޔައީ ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުހެއްދެވި ރޭގައެވެ. އެ ދަރުސް ނިންމަވައިފައި ގެއަށް ދުރުވެވޭ ގޮތެއް ވެސް ނުވިއެވެ. ސިފައިންގެ މީހުން އައިސް ޝައިޚު ގެންދިޔައީއެވެ.

އެ ރޭގެ ދަރުހުގައި ވެސް ވިދާޅުވީ، އިޖުތިމާޢީ ދެތިން މައްސަލައެއްގެ ވާހަކައެވެ. އޭގެ ތެރެއިން އެއް ކަމަކީ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓުބޯޅަ މުބާރާތެއްގެ މެޗުތަކެއް ބަލަން، ދިވެހިންގެ އެތައް ބަޔަކު ހުކުރު އަޅާފައި ތިބި ވާހަކައެވެ. އެ ކަމަކީ ﷲގެ ޙަޟްރަތުގައި ނުހަނު ބޮޑު އަޒާބު ހުރި ކަމެއް ކަމާއި، ފަނާވަނިވި ދުނިޔޭގެ ތައްޓަކަށް ވާދަކުރާ ކާފިރުންގެ އެ ޢަމަލުގެ އަވައިގައި ޖެހިގެން މުސްލިމުން ހުކުރު ނަމާދަށް ނުގޮސް ތިބެން ނުވާނޭ ކަމުގެ ވާހަކައެވެ. އެ ދުވަސްވަރަކީ 2002ވަނަ އަހަރުގެ ވޯލްޑުކަޕްގެ ކޮލިފައިން މެޗުތައް ކުޅެވެމުން ދިޔަ ދުވަސްވަރެވެ. އެއީ، 2001ގައި ކުޅެވުނު މެޗުތަކުގެ ތެރެއިން ހުކުރު ދުވަހަކާ ދިމާވި މެޗެއް ބަލަން ގިނަ ބަޔަކު ހުކުރަށް ނުގޮސް ތިބި ވާހަކައެވެ.

ދެން އެ ދަރުހުގައި ވިދާޅުވި އަނެއް ވާހަކަފުޅަކީ ގޯޑައުންއޭ ކިޔާ ތަނެއްގައި އަންހެނުންނާއި ފިރިހެނުން ކުޅިވަރު ކުޅެ ވިޔާނުދާ ޢަމަލު ހިނގާ ކަމުގެ ވާހަކައެވެ. އެ ވާހަކަ ދައްކަވަމުން ބުނުއްވީ "ގޯޑައުންޓައުން، ހަދައިގެން ދެ ޖިންސު މަސްހުނިވެގެން ވިޔާނުދާ އެތައް ޢަމަލެއް ހިނގަމުން ދިޔުމަކީ ﷲގެ ކޯފާއެއް އަތުވެދާނެ ކަމެއްކަމަށެވެ." އަދި އެފަދަ ތަންތަން ހަދަން އަޅުގަނޑުމެންގެ ގޯތިގެދޮރު ކުއްޔަށް ނުދިނުމަށް ގޮވައިލެއްވިއެވެ. އޭގެ ބަދަލުގައި ޤުރުއާން ކުލާސްތައް ހެދުމަށާއި އިސްލާމީ ތަޢުލީމު ފަތުރާ ތަންތަން ހެދުމަށް އަޅުގަނޑުމެންގެ ގޯތިގެދޮރު ދިނުމަށް ވެސް ނަސޭހަތްތެރިވެލެއްވިއެވެ.

އެ ދުވަހު ވެސް ދަރުސް ނިންމަވައިލެއްވީ މަރުގެ ވާހަކަ ހަނދާންކޮށްދެއްވަމުންނެވެ. ކޮންމެ މީހަކު ވެސް މަރުގެ ރަހަ ދެކެންޖެހޭނޭ ކަމާއި، އެ ދުވަހުން އޭނާގެ ކަންތަކާ މެދު ޖާވާބުދާރީވާން ހުންނާނީ އެކަނިމާއެކަނި އެ މީހާ ކަމަށް ބުނުއްވައި ނަފުސުތައް ހޭވެރިކުރެއްވިއެވެ.

އައްޝައިޚު އިބްރާހީމް ފަރީދުގެ ދަރުސްތަކުގައި އެންމެ ގިނައިން ދައްކަވާ އެއް ވާހަކަފުޅަކީ މަރުގެ ވާހަކައެވެ. ޝައިޚުގެ ނެތި ދިޔުމާ އެކު މީސްމީޑިއާ ވެސް ބަރާވީ ޝައިޚު ދައްކަވައިފައިހުރި މަރުގެ ވާހަކަތައް ހިމެނޭ ވީޑިއޯ ތަކުންނެވެ.

ޝައިޚުގެ މަރުގެ ޚަބަރާ ބެހޭ ގޮތުން އަޅުގަނޑާ ވާހަކަދެއްކި ކޮންމެ މީހަކު ވެސް ބުނަނީ ޤަބޫލުކުރަން އަދިވެސް ދަތި ކަމަށެވެ. ކުއްލިއަކަށް މަރުވި ޙަބަރު ލިބުމަކީ ޙައިރާންކުރުވި ކަމެއް ކަމަށް އެންމެން ވެސް ބުންޏެވެ. ޙައިރާންވާންވީ ކުއްލިއަކަށް މަރު ބައްދަލުކުރާތީއެއް ނޫނެވެ. އެންމެ ބޮޑަށް ޙައިރާންވާންވީ މަރާ ބައްދަލުވާން އަދިވެސް އަޅުގަނޑުމެން ތައްޔާރު ނުވާތީއެވެ.

އައްޝައިޚް އިބްރާހީމް ފަރީދު ނިމިދިޔުން އެއީ، ޝައިޚު ދުނިޔޭގައި ހުންނަވައިގެން ދެއްވި ހުރިހާ ދަރުސެއްގެ ޚުލާޞާއެވެ. އެ ހުރިހާ ދަރުސެއް މިއަދު ކޮންމެ މީހަކަށް ވެސް ޢިބުރަތް ކިޔައިދޭން ފަށައިފިއެވެ. ދުނިޔޭގައި ހުންނަވައިގެން ދެއްވި ދަރުސްތަކަށްވުރެ މަރުގެ ޚަބަރުން އެ ލިބުނު ދަރުސް މާ އަސަރުގަދަވެފައި ޢިބުރަތްތެރިއެވެ.

comment ކޮމެންޓް