މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރި ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް 94،000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެފައިވާ ކަމަށް އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެއީ ޚާއްސަ ބައެއް މަރުކަޒުތަކުން ބަލަހައްޓާ އިންޓަގްރޭޓެޑް އޮޕަރޭޝަނަލް ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ހައްޖުވެރިންގެ ތަޖުރިބާ އިތުރުކުރުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ބައެކެވެ.
ހައްޖުވެރިން ތިބޭ ތަންތަނާއި، ކޭމްޕްތަކާއި، ބަދިގެތަކާއި، އޮޕަރޭޝަނަލް ފެސިލިޓީތައް ބަލައި ފާސްކުރުމަށް، ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ކޮމްޕްލައިންސް ސެންޓަރުން ވަނީ މިއަހަރުގެ ހައްޖު މޫސުމުގައި 70،000އަށް ވުރެ ގިނަ ފީލްޑް އިންސްޕެކްޝަން ދަތުރުތައް ވެސް ކުރިއަށް ގެންގޮސްފައެވެ.
އަދި 'ނުސުކް ކެއާ' އިނިޝިއޭޓިވްގެ ދަށުން ސިއްހީ، ނަފުސާނީ، އަދި ބަހުގެ އެހީތެރިކަން ހިމެނޭ ގޮތަށް 845،000އަށް ވުރެ ގިނަ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 24 ގަޑިއިރު ހަރަކާތްތެރިވާ ފީލްޑް ޓީމްތައް ވެސް ހަރަކާތްތެރިވެފައިވެއެވެ.
ތަފާތު ހަ ޓްރަކަކަށް ބަހާލައިގެން ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް 3،000އަށް ވުރެ ގިނަ ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވި ކަމަށާއި ވޮލަންޓިއަރުން ވަނީ 107 ތަނެއްގައި ތިބެގެން ހައްޖުވެރިންނަށް ޚިދުމަތް ދީފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، މި އަހަރަކީ ވޭތުވެދިޔަ 30 އަހަރު (ކޮވިޑުގެ އަހަރުތައް ނުހިމަނައި) ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް އެންމެ މަދުން މީހުން ދިޔަ އަހަރެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކޮށްފައި ވަނީ އެންމެ 1،673،230 މުސްލިމުން ކަމަށާއި އޭގެ ތެރެއިން ގިނައީ ސައުދީގެ ރައްޔިތުން ނޫން ކަމަށް އެ ގައުމުގެ ހައްޖު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 160،000 ހައްޖުވެރިން މަދު އަދަދެކެވެ.