ސްޓެލްކޯގެ ދެ ފީޑަރު ނިވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ މި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވަނީ މައާފަށް އެދިފައެވެ.
މައްސަލަ ހައްލު ކުރެވޭނެ ވަކި އިރެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ ވެސް މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ގޮސްފައެވެ.
ޖެހިޖެހިގެން ދެ ރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވާއިރު، މިމަހުގެ އެއްވަނަ ދުވަހު މާލެއާއި ހުޅުމާލޭ ދެ ފިޔަވަހިން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެއްކޮށް ކަރަންޓު ކެނޑުނެވެ.
އެކަމުގެ ސަބަބުން އެކިއެކި ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫއެރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ކަރަންޓު ނެތި، ޚިދުމަތް ނުދެވި ދެ ގަޑިއިރަށްވުރެ ގިނައިރު އޮތެވެ.
ނަމަވެސް, މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.
އެ މައްސަލައިގެ ތަހުގީގު ސްޓެލްކޯއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ވެސް ކުރާ ކަމަށް ސްޓެލްކޯއިން 'ސަން'އަށް ބުންޏެވެ. އެ ތަހުގީގުގެ ރިޕޯޓު އެކުލަވައިލުމުގެ މަސައްކަތް ކުރާ ކަމަށާއި، އެކަމުގެ މައުލޫމާތު ސްޓެލްކޯގެ މެނޭޖްމަންޓުން ބުނިހާ އަވަހަށް ދޭނެ ކަމަށް ބުންޏެވެ.