ލޯބިން އޯގަސްޓު ހައެއްގައި

ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟" އަންނަ އޯގަސްޓް މަހުގައި ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެއެވެ.

ފިލްމުގެ މަސައްކަތް މިހާރު ނިމުމަށް ގާތް ވެފައިވާއިރު މިހާރު މަސައްކަތް ކުރަމުން އަންނަނީ އޯގަސްޓުގެ ތެރޭގައި ފިލްމު އެޅުވުމަށެވެ. އައިފިލްމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ޕްރިމިއާ ކުރާނީ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހެވެ.

ފިލްމު ނެރޭ ތާރީހު އާންމު ކުރުމަށް ޓަކައި ވަނީ ފިލްމުގެ ޓީޒަރެއް ވެސް އާންމުކޮށްފައެވެ. މި ޓީޒަރުގައި ފިލްމުގެ ބައެއް މައުލޫމާތުތަކާއި މަންޒަރުތައް ފެނުނެވެ. އޭގެތެރޭގައި އެކްޓަރުންގެ ހުނަރު ވެސް މި ފިލްމުން ފެނުނެވެ.

ފިލްމުގެ ޝޫޓިންގެ މިހާރު ވަނީ 95 ޕަސެންޓް ނިމިފައެވެ. އަދި, ކުރިއަށް އޮތީ ޝޫޓިންގެ ވަރަށް ކުޑަ ބައެއް ކަމަށް ވެސް ވަނީ ޕްރޮޑަކްޝަނުން ހާމަކޮށްފައެވެ.

އިއްލެގެ އާ ޕްރޮޖެކްޓުގެ ޝޫޓިން މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއަށް ފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.

އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމް އާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ.

އަލަށް ނެރޭ ފިލްމުގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.

ދިވެހީންގެ ތެރޭގައި އިއްލެ މަގުބޫލު ވެގެން ގޮސްފައިވަނީ ތަފާތު އެކި ކަހަލަ ތުރިލާ ފިލްމުތަކާ އެކުގައެވެ. ބޮޑެތި ޓްވިސްޓުތައް ހިމެނޭ، އަދި ނަފްސާނީ ބަލިތަކާއި އިޖުތިމާއީ މައްސަލަތައް ގުޅުވާލައިގެން ތައްޔާރުކުރާ ތަފާތު ފިލްމުތަކާއެކު އިއްލެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

comment ކޮމެންޓް