ސެނެގާލްއާއި އިންގްލަންޑް ބައްދަލުކުރި ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗު ސެނެގާލްއިން ކާމިޔާބުކޮށްފިއެވެ.
އިންގްލަންޑްގައި ކުޅުނު މި މެޗު ސެނެގާލްއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 އިންނެވެ. މިއީ އިންގްލަންޑްއިން އެފްރިކާ ބައްރުގެ ޓީމެއްގެ އަތުން މިހާތަނަށް ބަލިވި ފުރަތަމަ ފަހަރެވެ.
އެ ޓީމުގެ މިހާރުގެ ކޯޗު ތޯމަސް ޓުކެލްގެ ކޯޗުކަމުގެ ދަށުން ބަލިވި ފުރަތަމަ މެޗެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި އިންގްލަންޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެނެގާލްއިންނެވެ.
އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލަންޑްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުނު ކަމަށް ކޯޗު ޓުކެލް ހާމަކޮށްފައިވަނިކޮށް ކުޅުނު މި މެޗުގައި އިންގަލަންޑުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ.
ހަތްވަނަ މިނެޓުގައި އިންގްލަންޑުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ އޭނާ އިންގްލަންޑް ޓީމަށް ކާމިޔާބުކޮށްދިން 73 ވަނަ ލަނޑެވެ.
ނަމަވެސް، ގިނައިރު ވަމުންދިޔަ ވަރަކަށް ސެނެގާލްއިން ދިޔައީ މެޗުގެ ތެރެއަށް ވަދެ ނުރައްކާކުރަމުންނެވެ.
މެޗުގެ 40 ވަނަ މިނެޓުގައި އިސްމާއިލާ ސާ ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ސެނެގާލްއިން ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހައި ލީޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަބީބް ޑިއާރާއެވެ. އަދި، ފަހު ލަނޑު، އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝެއިހް ސަބަލީއެވެ. ދެވަނަ ހާފުގައި އިންގްލަންޑުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް އެކަން އެ ޓީމަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅެން އެރި ޖޫޑް ބެލިންހަމް އިންގަލަންޑަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން އިންގަލަންޑްގެ ލެވީ ކޯލްވިލް އަތުގައި ޖެހިފައިވުމުގެ ސަބަބުން ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.