ނެދަލަންޑްސްއިން މޯލްޓާ ކޮޅަށް 8 ލަނޑު

ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖީގައި ނެދަލަންޑްސްއިން މޯލްޓާ ކޮޅަށް އަށް ލަނޑު ޖަހައިފިއެވެ.

މެޗު ނެދަލަންޑްސްއިން ކާމިޔާބުކޮށްފައިވަނީ 8-0 އިންނެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖަހައިދިނީ މެމްފިސް ޑިޕާއިއެވެ. އަދި، 16 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ވެސް ޑިޕާއިއެވެ. ތިންވަނަ ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. ހަތަރުވަނަ ލަނޑު 61 ވަނަ މިނެޓުގައި ޒާވީ ސައިމަންސް ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު 74 ވަނަ މިނެޓްގަައި ކާމިޔާބުކޮށްފައިވަނީ ޑޮންޔެލް މާލެންއެވެ.

މެޗުގައި އޭނާ ވަނީ އިތުރު އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. ފަހު ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ނޮއާ ލޭންގްއާއި މިކީ ވެން ޑެ ވެންއެވެ. މެޗުގައި މޯލްޓާއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވިއިރު ނެދަލަންޑްސްގެ ހަމަލާތައް ހުއްޓުވުމުގައި މާ ބޮޑު ކާމިޔާބީއެއް ލިބޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާ އެކު ނެދަލަންޑްްސް މިވަނީ މި ފަަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަދި، މި ވަގުތު އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ޖީގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި އޮތީ ޕޯލަންޑާ ބައްދަލުކޮށް 2-1 އިން ކުރި ހޯދި ފިންލަންޑެވެ. ފިންލަންޑްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހާދީފައިވަނީ ޔޮއެލް ޕޮހްޔަންޕާލޯއާއި ބެންޔަމިން ކާލްމަންއެވެ. ޕޯލަންޑްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޔާކޫބް ކިވިއޯއެވެ.

މި ނަތީޖާއާ އެކު ފިންލަންޑަށް ގްރޫޕްގެ އެއްވަނަ ލިބެނީ ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކުއެވެ. އަދި، ޕޯލަންޑް އޮތީ ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.

comment ކޮމެންޓް