މީގެކުރިން ދެ ކައިވެންޏެއްކޮށް އެ ދެ ކައިވެނި ވެސް ރޫޅިފައިވާ އެކްޓަރު އާމިރު ޚާންގެ ހަޔާތުގައި އަލުން ލޯބީގެ ކުލަ ޖެހިދާނެކަމުގެ އުއްމީދެއް މީގެކުރިން ނުކުރާ ކަމަށް އެކްޓަރު ބުނެފިއެވެ.
އެންމެފަހުން ކުރި ކައިވެނި ރޫޅާލުމަށްފަހު އާމިރު ނިންމައިގެން ހުރީ ހުސްހަށިބައިކޮށް ހުރުމަށް ކަމަށާއި ހަޔާތަށް ބައިވެރިއަކު ގެނައުމުގެ ވިސްނުން އެއްވެސް ވަރަކަށް ނެތް ކަމަށް މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީގެ ޝޯގައި އެކްޓަރު ވަނީ ބުނެފައެވެ.
މި އަހަރު އުމުރުން 60 އަހަރު ފުރުނު އެކްޓަރު ވަނީ, ހަޔާތުގައި ބައިވެރިއެއް އެބަހުރި ކަން ހާމަކޮށް، އުފަންދުވަހު މީޑިއާ ރިޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އާ ލޯބިވެރިޔާ ގައުރީ ސްޕްރެޓް ރިޕޯޓަރުންނަށް ތައާރަފުކޮށްފައެވެ.

އާމިރު އާއި ގައުރީ ޗައިނާ ފިލްމު ފެސްޓިވަލުގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް
ރާޖް ޝަމާނީގެ ޕޮޑްކާސްޓް ޝޯގައި އާމިރު ވަނީ ގައުރީއާ ބައްދަލުވީ ކިހިނެއް ކަމާއި ހަޔާތަށް ބައިވެރިއަކު ނުގެންނަން ނިންމި ނިންމުން ބަދަލުވިގޮތް ކިޔައިދީފައެވެ. ގައުރީއާ ބައްދަލުވިއިރު އާމިރު ދިޔައީ އަމިއްލަ ސިއްހަތާ މެދު ވަރަށް ބޮޑަށް ފަރުވާތެރިވެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްސަ ތެރަޕީ ސެޝަންތަކެއްގައި ބައިވެރިވަމުން ކަމަށް އާމިރު ވަނީ ބުނެފައެވެ.
އާމިރަކީ ކުރިން ކައިވެނި ކުރި ކުރީގެ ދެ އަނބިންނާ މިހާރުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އެކްޓަރެކެވެ. އާމިރު ޚާންގެ އިތުރުން އެ އާއިލާއިން ވެސް ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ އާއި ކިރަންއާ ވަރަށް ގާތް ގުޅުމެއް ބާއްވާއިރު ދެން ހަޔާތަށް ގެންނަ މީހަކާ އެކު އެފަދަ ގުޅުމެއް ބިނާކުރެވިދާނެ ކަމުގެ ޔަގީންކަމެއް އާމިރުގެ އޭރު ނެތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރު ޚާންގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ އާއި ކިރަން--ފޮޓޯ/އެންޑީޓީވީ
ނަމަވެސް މީގެ 25 އަހަރު ކުރިން ދިމާވި ގައުރީއާ އަނެއްކާ ވެސް އިއްތިފާގުން ބައްދަލުވި ކަމަށާއި ހަޔާތުގައި ބައިވެރިއަކު ހުރުމުގެ މުހިއްމުކަން އިހުސާސްވީ އެހާ ހިސާބުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރު ގައުރީ ދަންނަތާ 25 އަހަރުވެފައިވާއިރު ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިދާނެ ކަމަށް އޭރު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށާއި ނަމަވެސް ތަގުދީރުގައި އެކަން އެހެންވާން އޮތުމުން އެ ހާލަތު އައީ ކަމަށް އާމިރު ވަނީ ބުނެފައެވެ.
އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ގައުރީއަކީ މުމްބާއީގައި ސެލޮން ވިޔަފާރި ހިންގާ ފަރާތެކެވެ. އާމިރަށް ވުރެ 14 އަހަރު ހަގު ގައުރީ މިހާރު އަންނަނީ އާމިރުގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނީގައި ވެސް މަސައްކަތް ކުރަމުންނެވެ.
އާމިރު އާއި ގައުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސްވީއިރު ދާދިފަހަކާ ޖެހެންދެން އެ ގުޅުން ކުރިއަށްދިޔައީ ވަރަށް ސިއްރިއްޔާތުގައެވެ.
ނަމަވެސް މިހާރު ގައުރީ ވަނީ އާމިރުގެ އާއިލާއާ ވެސް ބައްދަލުކޮށް އާމިރުގެ ތިން ކުދިންނާ ވެސް ބައްދަލުކޮށްފައެވެ. މީގެއިތުރުން އާމިރުގެ ކުރީގެ ދެ އަނބިންނާ ވެސް ގައުރީ ބައްދަލުކޮށްފައިވާއިރު ތިން މީހުންގެ މެދުގައި ވެސް އޮންނަ ގުޅުން ރަނގަޅު ކަމަށާއި ތިން މީހުން ވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙުތިރާމުކުރާ ކަމަށް އާމިރު ވަނީ ބުނެފައެވެ.
އެހެންކަމުން މިހާތަނަށް ދިރިއުޅުމުގައި އާމިރަކީ ލޯބީގެ ގޮތުން ކާމިޔާބު މީހެކޭ ބުނެވިދާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.