ސުޕްރީމް ކޯޓާ މެދު ވަރަށް ގިނަ އިއްތިފާގުތައް އޭގެ ވާޖިބު އަދާކޮށްފިއެވެ. އެކަމަކު، އެ އިއްތިފާގުތަކުގެ ތެރެއިން ދޮގުނުކުރެވޭނެ ހަގީގަތްތައް ވެސް އެބަހުއްޓެވެ. ރަނގަޅަށް ބަލައިލީމާ ވަރަށް ގިނަ އިއްތިފާގުތައް ފެންނާނެއެވެ. ފަނޑިޔާރު މުހައްމަދު ސަލީމަށް ލިބިވަޑައިގެން 'ޕްރޮމޯޝަން'އަކީ ވެސް އެ ފަދަ އިއްތިފާގެކެވެ.
ބޭނުންވަނީ ޝައްކުގެ ނަޒަރުން ބަލާކަށް ނޫނެވެ. މާޒީގެ ހަގީގަތްތައް އޮޅުންފިލުވައިދޭށެވެ.
ރައްޔިތުންގެ މަޖިލީހުގެ 61 މެންބަރުންގެ އިއްތިފާގުން ސަލީމަށް ރުހުންދީފިއެވެ. އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އޭނާގެ ޝަރުތު ހަމަވޭތޯ ބަހުސްކުރަނިކޮށެވެ. އަދުލު އިންސާފު ގާއިމުކުރުމާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އޮތް އެންމެ މަތީ ކޯޓަށެވެ. އެއީ، ރާއްޖޭގެ ޝަރުއީ ނިޒާމުގެ އެންމެ މަތީ މަރުހަލާއެވެ. ޝަރުއީ ދާއިރާގެ ބޭފުޅެއް ނަމަ ވަޑައިގެންނެވޭނެ އެންމެ މައްޗެވެ.
ގާނޫނުއަސާސީގެ 149ވަނަ މާއްދާގެ (ނ)ގައި ފަނޑިޔާރުންގެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. ފަނޑިޔާރަކަށް ވެވޭނީ އުމުރުން 30 އަހަރުވެފައިވުމާ އެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމައެވެ. ސުވާލު އުފެދިފައި އޮތީ، ފަނޑިޔާރު ސަލީމްގެ އެ ޝަރުތާ މެދެވެ.
ހައިކޯޓަށް ފަނޑިޔާރު ސަލީމް އައްޔަންކުރެއްވީ އޮގަސްޓު 9، 2022 ގައެވެ. އެހެންވެ، ފަނޑިޔާރުކަމުގައި އޭނާ ހޭދަކުރެއްވީ އެންމެ ތިން އަހަރެވެ. އޭގެ ކުރިން 12 އަހަރު ވަންދެން ހުންނެވީ ހައިކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ.
ކުރިން އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ހައިކޯޓަށް ސަލީމް އައްޔަންކުރީ ވެސް ލީގަލް އޮފިސަރެއްގެ މަގާމުގައި ހުންނެވުމަކީ ގާނޫނީ ވަކީލުކަން ކުރުން ކަމަށް ބަލައިގެންނެވެ. އެހެންވެ، އޭނާގެ 12 އަހަރުގެ ތަޖުރިބާ ގުނައިގެންނެވެ. އެމްޑީޕީން ސަލީމް ހައިކޯޓަށް އައްޔަންކުރީ ހައިކޯޓުގެ ލީގަލް އޮފިސަރަކަށް ވެވޭނީ ގާނޫނީ ވަކީލުންނަށް ކަމަށް ބުނެފައެވެ. އެހެންވެ، އެއީ ތަޖުރިބާގެ ގޮތުގައި ނުބެލޭންވީ ސަބަބެއް ނެތްތާއެވެ.
ޝަރުތު ހަމަވޭތޯ ބައެއް ބޭފުޅުން އެ ކުރައްވާ ބަހުސަށް ވަނުމުގެ ބޭނުމެއް ނެތެވެ. އެއަށްވުރެ މުހިންމީ މާޒީން ފެންނާން އޮތް ހަގީގަތްތަކެވެ.
ޔާމީންގެ ޝަރީއަތް ލަސްވީ ސަލީމްގެ ސަބަބުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އުފެދުނީ އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްވީމައެވެ. ދަށު ކޯޓުން ޑިސެންބަރު 25، 2022 ގައި އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ޔާމީން ހުންނެވީ މާފުށީ ޖަލުގައެވެ. ތޭރިތަކު ތެރޭގައި އެ މަނިކުފާނު ހުންނެވިއިރު ޕާޓީ ތެރޭގައި އޮތީ 'ޓިކެޓުގެ' ވާދަވެރިކަން ބޮޑުވެފައެވެ.
އެ ކަމުގެ އެންމެ ކުރީ ސަފުގައި އުޅުއްވި ކަމަށް އޭރު ވެސް ތުހުމަތުކުރެވުނު އެއް ބޭފުޅަކީ ރައީސް މުއިއްޒެވެ. އެ މަނިކުފާނަށް ކެމްޕޭން ކުރައްވާތީ، މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރިން ކުރެއްވި އާދަމް ރަމީޒް އޭރު ވަނީ ޕީޕީއެމުން ބޭރުކޮށްފައެވެ.
އޭރު ޕީޕީއެމްގެ ވެރިން ތިއްބެވީ، "ހަރާމް ހުކުމެއް" ކަމަށް ހަރުއަޑުން ވިދާޅުވާން ނަމަވެސް، ހިތުގެ އަޑިން ޔާމީން މިނިވަންނުވާން އެދިއެދިއެވެ.
ދަށު ކޯޓުގެ ޖަލު ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގެ އިސްތިއުނާފުކުރިއެވެ. އެކަމަކު، ވަކި ހިސާބަކުން އެ މައްސަލަ މާ ބޮޑަށް ދިގުލައިގެން ދިޔައީއެވެ. އެހެންވެ، ރިޔާސީ އިންތިޚާބު ބޯމަތިވިއިރު ވެސް ޔާމީނަށް ހުންނަވަން ޖެހިވަޑައިގަތީ ބަންދުގައެވެ. އިސްތިއުނާފު މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެން ފަނޑިޔާރު ސަލީމް ޗުއްޓީއަށް ވަޑައިގަތުމުގެ ސަބަބުން ޔާމީންގެ މައްސަލަ ކޮޅެއްގައި ނުޖެހުނެވެ.
ސަލީމްގެ ޗުއްޓީ އެކަންޏެއް ނޫނެވެ. ދައުލަތުގެ ވަކީލުން ވެސް ބަލިވަނީއެވެ. ބަލިވާތީ އެއްގޮތަކަށް ވެސް ޝަރީއަތް ނުބޭއްވުނީއެވެ. އޭރު ދައުލަތް ތަމްސީލުކުރެއްވި އެއް ވަކީލަކީ މިދިޔަ މަހު 10 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އައިޝަތު މުހައްމަދެވެ.
"ހަމަ ސީދާ ސަލީމަށް ގުޅީ ކޮން ވަޒީރެއްކަން ވެސް އެނގޭ. އެއަށްވުރެ މަތިން ދެން ސަލީމާ ގުޅީ ކާކުކަން ވެސް އަޅުގަނޑަށް އެނގޭ. އަދި، ސަލީމާ ގުޅި ބައެއް އެހެން މީހުންގެ ނަންތައް ވެސް އަޅުގަނޑުގެ އަތުގައި އެބަހުރި އެނގޭތޯ،" މިދިޔަ މަހު 30ގައި އަމިއްލަ ގެކޮޅުގައި ބޭއްވި ޖަލްސާއެއްގައި ޝަރީއަތުގެ ކަންކަން ހަނދާން އާކުރައްވަމުން ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ފަނޑިޔާރު ސަލީމްގެ ޝަރުތު ހަމަވަނީ އެ މަނިކުފާނުގެ މައްސަލަ ލަސްކޮށްދިނުމުން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ޔާމީން ވިދާޅުވީ، ފަނޑިޔާރު ސަލީމްގެ ޝަރުތު ހަމަވާ ހަމައެކަނި ސަބަބަކީ އެ މަނިކުފާނުގެ ޝަރީއަތް ލަސްކުރުން ކަމަށެވެ. އެކަން ކުރީ ޕީޕީއެމް/ޕީއެންސީގެ ތެރެއިން ކަމަށް ތުހުމަތުކުރެއްވިއެވެ. އެއީ، ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް ނަންތައް ވިދާޅެއް ނުވެއެވެ.
"ފަނޑިޔާރު ސަލީމް ނުވިނަމަ މި ވެރިކަމެއް ނުވީސް،" ޔާމީންގެ އަރިސް ބޭފުޅެއްގެ ގާތުގައި މި ހިނގާދިޔަ އިއްތިފާގުތަކާ މެދު އެއްޗެއް ދަންނަވާލަން އެދުމުން ވިދާޅުވި ހަމައެކަނި ޖުމުލައަކީ އެއީއެވެ. އެކަމަކު، މި ވަގުތަށް އެ ވަރުން ފުދެއެވެ.
މިއީ އިއްތިފާގެއް؟
މަޖިލީހުގެ މެންބަރުން 'ކޮންޓްރޯލް' ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗަށް އައި ''ޒަލްޒަލާ''އަކީ އިއްތިފާގެއް ކަމަށް ރައީސް އެ އޮތީ ވިދާޅުވެފައެވެ. ރައީސަކީ އިތުރުފުޅު ހައްދަވައި، މީހުންނާ މެދު އިންތިހާއަށް ނަފުރަތު ކުރައްވާ ބޭފުޅެއް ނޫނެވެ. އަބަދު ވެސް ދޮގު ނުހެދުމަށާއި ތެދުބަހުން ވާހަކަދައްކަން ނަސޭހަތްދެއްވައި ވެރިއެކެވެ.
އެހެންވެ، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ބަސްފުޅު ވާނީ ތެދަކަށެވެ. އެއީ ހަމަ 'ހަގީގަތުގައި' ވެސް އިއްތިފާގެކެވެ.
އެ ކަމާ ބަހުސްކުރުމުގެ ބޭނުމެއް ނެތެވެ. އެކަމަކު، އޭރު ތިއްބެވި 'ވަރަށް ވަރުގަދަ' ދެ ފަނޑިޔާރުން ވަކިކޮށްފައި މިހާރު އައްޔަންކުރައްވާ ފަނޑިޔާރުން އަޅައި ކިޔާލަން ޖެހޭނެއެވެ. އެ ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނުނު ސަބަބާ މެދު ޔާމީންމެން ފަދަ ބޭބޭފުޅުން ކުރައްވާ ތުހުމަތުތަކަށް ސަރުކާރުން ރަސްމީ ޖަވާބެއް ނުދެއްވައެވެ. ރައީސް ވެސް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމަކު، އެއީ ވެސް އިއްތިފާގަކާ ވަރަށް ވައްތަރެވެ.
ވަކިކުރި ފަނޑިޔާރުންނަކީ ނަޒާހަތްތެރި، ތެދުވެރި، އަމާނާތްތެރި ބައެއް ކަމަށް އެކި ފިކުރުގެ ގިނަ ބަޔަކު އެއްބަސްވެލައްވައެވެ. އެ ފަނޑިޔާރުންގެ ގާބިލުކަމާ މެދު ކުޑަ ވެސް ޝައްކެއް ނެތެވެ. އެެއީ:
ޑރ އަޒްމިރަލްދާ ޒާހިރު
އަޒްމިރަލްދާ ކިޔަވާ ވިދާޅުވީ އިނގިރޭސިވިލާތުންނެވެ. ޔުނިވާސިޓީ އޮފް ކާޑިފްއިން، އެލްއެލްބީ އޮނާސްއާއި، ޔުނިވާސިޓީ އޮފް ޕޯޓްސްމައުތުއިން، އެލްއެލްއެމް ޑިގްރީ ޙާޞިލުކުރައްވާފައެވެ. އެއަށް ފަހު، އޭނާ ވަނީ ބައިނަލްއަޤުވާމީ ފިކުރީ މުދަލާއި ބެހޭ ޤާނޫނުގެ ދާއިރާއިން ޔުނިވާސިޓީ އޮފް އެގްޒެޓާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ.
އަޒްމިރަލްދާއަށް ވަކީލުކަމުގެ ހުއްދަ 1999 ވަނަ އަހަރު ލިބިވަޑައިގެންފިއެވެ. ގައުމީ ޔުނިވާސިޓީގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ޑީންކަން ވެސް ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު --
އޭގެ ފަހުން، މާރިޗު 26، 2011 ގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނެވެ. އެއީ، ހައިކޯޓަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރެވެ. އޭގެ ފަސް އަހަރު ފަހުން 2016 ވަނަ އަހަރު އަމިއްލައަށް ހައިކޯޓުން އިސްތިއުފާދެއްވީއެވެ. އެއަށް އުޅުއްވީ އަމިއްލަ ލޯ ފާމެއް ހައްދަވައިގެންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކުރެއްވީ ސެޕްޓެންބަރު 4، 2019 ގައެވެ. އިއްތިފާގުތަކަކަށް ފަހު މަގާމުން ވަކިކުރީ މިދިޔަ މަހު 14 ގައެވެ.
މަހާޒް އަލީ ޒާހިރު
މަހާޒް ގާނޫނީ ދާއިރާއިން ޑިގުރީ ހާސިލުކުރެއްވީ ގައުމީ ޔުނިވާސިޓީން 2007 ވަނަ އަހަރެވެ. މާސްޓާސް ހާސިލުކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީންނެވެ. ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިވަޑައިގަތީ ޖުލައި 17، 2007 ގައެވެ.
އޭގެ ފަހުން ބަންޑާރަނައިބުގެ އޮފީހުގައި މަސައްކަތްކުރެއްވިއެވެ. އެއަށް ފަހު ދައުލަތުގެ ވަކީލެއްގެ ގޮތުގައި ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުގައި ވަކާލާތުކުރެއްވިއެވެ.
ފަނޑިޔާރުކަމަށް ވަޑައިގަތީ ޑުރަގު ކޯޓު އަލަށް އުފެއްދިއިރު ޑިސެންބަރު 31، 2011 ގައެވެ.

ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު މަހާޒް: އޭނާއަކީ ތަޖުރިބާކާރު ފަނޑިޔާރެއް -- ފޮޓޯ/ ރައީސް އޮފީސް
އޭގެ އިތުރުން ޢިލްމީ އެތައް ލިޔުންތަކެއް ޝާއިޢުކުރެއްވިއެވެ. އޭގެ ތެރޭގައި:
- ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ: ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދާއި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 01، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013
- އަސާސީ ޙައްޤުތަކާއި މިނިވަންކަން ގައިދުކުރާ ނިޒާމުތަކާއި، އަސާސީ ޙައްޤުތަކުގެ ބާރުވެރިކަމުގެ ކުރު ޝަރަޙައެއް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 02، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013
- ޖުޑީޝަލް ކައުންސިލް އުވާލުން، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 03، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013
މަހާޒް ލިޔުއްވި ފޮތްތައް:
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ އަލީގައި މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭ 106 ސުވާލާއި، ޖަވާބު، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2014
- ޤާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މަގެއް، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2015
- މަސްތުވާތަކެއްޗަށް ދެވިހިފުން: ސައިންސްގެ އަލީގައި، ޖާނީ، 2016
- ކީރިތި ޤުރުއާން ހިތުން ދަސްކުރާނެ ގޮތުގެ 10 ފިޔަވަޅު، ކީރިތި ޤުރުއާނާބެހޭ ބަރުކަޒު، 2016
- ހެކިންގެ ހެކިބަސް- އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޤަޟިއްޔާތައް، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2018
މި ބޭފުޅުންގެ ބަދަލުގައި އައްޔަންކުރައްވާ ފަނޑިޔާރުން އަޅައި ކިޔާނީ މި ތަރާދުންނެވެ. ދެން އޮތީ ސަލީމްގެ ވާހަކައެވެ. ސަލީމްގެ ތަޖުރިބާއާއި ތައުލީމު:
- ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގުރީ ހާސިލުކުރައްވާފައި
- ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހޭދަކުރެއްވި
- ހައިކޯޓުގެ ފަނޑިޔާރުކަމުގައި ތިން އަހަރު
އަބްދުﷲ ހަމީދުގެ ތަޖުރިބާއާއި ތައުލީމު
އޭނާ ކިޔަވާ ވިދާޅުވީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީންނެވެ. އެއަށް ފަހު ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވިއެވެ. އަދި، ހައިކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވިއެވެ. އެ ގޮތުން، އެ ކޯޓުގެ ފަނޑިޔާރުކަމުގައި 14 އަހަރާއި ހަ މަސް ހޭދަކުރެއްވިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވެސް ހައިކޯޓު ތަމުސީލުކުރައްވާ މެންބަރެއްގެ ގޮތުން އިންނެވިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުން އޭނާ ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދެއްވި ފުލެޓުތަކުގެ މައްސަލައިގައެވެ.
މިއީ މާޒީން ފެންނަން ހުރި ދޮގުނުކުރެވޭނެ ހަގީގަތްތަކެވެ. ކަން ހިނގާދިޔަ ގޮތުން މިއީ ވެސް ކުރިން ދިމާވި ފަދަ 'އިއްތިފާގަކާ' ވައްތަރެވެ. ދުވަނީ ވެސް އެ ފަދަ އިއްތިފާގެއްގެ ވަހެވެ. އެކަމަކު، އެއް ކަމެއް ސާފެވެ. މި ކަންކަން ރަނގަޅަށް ބަލައިލުމުން ފަނޑިޔާރު ސަލީމްގެ ޝަރުތު ހަމަވާކަން ޔަގީންވެއެވެ. އެ ކަމާ ސުވާލެއް ވެސް ނެތެވެ.
ނުވާނެ ކަމަކީ މާޒީގެ ހަގީގަތްތަކާއި ސަލީމްގެ 'ޕްރޮމޯޝަނާ' ވަކިކުރުމެވެ.