ނިއުކްލިޔާ މައްސަލައިގައި އީރާނުގެ ބަސްމަގު ހަރުކަށިވެއްޖެ: އައިއޭއީއޭ

އައިއޭއީއޭގެ ވެރިޔާ އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ

ވިއެނާ (11 ޖޫން 2025): އީރާނުގެ ނިއުކްލިޔާ އެއްވެސް މަރުކަޒަކަށް އިސްރާއީލުން ހަމަލާދީފިނަމަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވެ ފާޅުކަން ބޮޑު ގޮތެއްގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ފަށާނެކަމުގެ އިންޒާރު އީރާނުން އޭނާއަށް ދީފައިވާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ސެކްރެޓަރީ ޖެނެރަލް ރަފައޭލް ގްރޫސީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޖެރޫސަލަމް ޕޯސްޓް"އަށް ދެއްވި ބަސްދީގަތުމެއްގައި ގްރޫސީ ވިދާޅުވީ, މިހާރުގެ އީރާނަކީ ކުރީގެ އީރާން ނޫން ކަމަށާއި މިހާރު އީރާން އޮތީ ނިއުކްލިޔާ މައްސަލައިގައި ވަރަށް ބޮޑަށް އަމިއްލަ ނަފުސަށް އިތުބާރު ލިބިފައިވާ ހާލަތެއްގައި ކަމަށެވެ. އެންމެ ފަހުން އޭނާ އީރާނަށް ކުރެއްވި ދަތުރުފުޅުގައި އީރާނުގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުން މިިކަން އޭނާއަށް ކަށަވަރުވި ކަމަށް ގްރޫސީ ވިދާޅުވިއެވެ.

ގްރޮސީ އިތުރަށް ވިދާޅުވި ގޮތުގައި ކުރިން ނިއުކްލިޔާ މައްސަލައިގައި އީރާނުގެ ފަރާތުން ނުއިވޭވަރުގެ ހަރުކަށި އަދި ދޫނުދޭނެކަމުގެ ވާހަކަތައް މި ފަހަރުގެ ދަތުރުގައި އީރާނުގެ މަސްއޫލުވެރިންގެ ފަރާތްޕުޅުން އަޑުއިވި ވަޑައިގެންނެވި ކަމުގައެވެ. މީގެ ތެރޭގައި އީރާނުގެ ނިއުކްލިޔާ އެއްވެސް މަރުކަޒަކަށް އިސްރާއީލުން ހަމަލާދީފިނަމަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވެ، ފާޅުކަން ބޮޑު ގޮތެއްގައި ނިއުކްލިޔާ ހަތިޔާރު އުފައްދާނެކަމުގެ އިންޒާރު ދިނުމާއި އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުގެ މަސްއޫލުވެރިން ދެއްވުން ވެސް ހިމެނޭކަމަށް ގްރޫސީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާން މިހާރު ވަނީ ވަރަށް ބޮޑަށް އަމިއްލަ ނަފުސުގެ އިތުބާރު ލިބިފައެވެ. އީރާނަށް ހަމަލާ ދީފިނަމަ އިސްރާއީލު ސައިޒްކުރެވޭ ހަމަލާތައް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ދެވޭނެކަމުގެ ޔަގީންކަން ލިބިފައެވެ. އަދި، އިސްރާއީލުގެ ބިރު ދެއްކުންތަކަށް ރައްދު ދިނުމުގައި ޓިޓް ފޯ ޓެޓް ނުވަތަ ލޮލަކަށް ލޮލެއް ދަތަކަށް ދަތެއް ދުއްވާލުމުގެ ރޮނގު މިހާރު އީރާނުން ޚިޔާރުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި އިސްރާއީލަށް ރައްދު ދިނުމުގެ އީރާން ވަރަށް ސީރިޔަސް ކަމަށް ގްރޫސީ ވިދާޅުވިއެވެ.

ގްރޫސީ މިހެން ވިދާޅުވެފައިވަނިކޮށް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރު މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވަނީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކާއި ނިއުކްލިޔާ ހަތިޔާރުތައް ރައްކާ ކޮށްފައިވާ ތަންތަނާއި މިހެންގޮސް އިސްރާއީލުގެ ނިއުކްލިޔާ މުޅި ޕްރޮގްރާމާ މައުލޫމާތު ދާދިފަހުން އީރާނުން ހޯދި ޖާސޫސީ އެތައް ހާސް ޑޮކިއުމެންޓްތަކުން އީރާނަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޖެނެރަލް ސަލާމީ ވިދާޅުވި ގޮތުގައި ކުރިން އީރާނަށް އެނގިފައިނުވާ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކާ ބެހޭ ވަރަށް ހައްސާސް މައުލޫމާތުތަކެއް އެ ޑޮކިއުމަންޓްތަކުން އީރާނަށްވަނީ ލިބިފައެވެ.

މީގެ ތެރޭގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ހުރީ އީރާނުން އިސްރާއީލަށް ރައްދު ދޭން ޖެހިއްޖެ ހާލަތެއްގައި ރައްދު ދެވޭފަދަ ތަންތަނުގައިކަން ވެސް ވަނީ ވަރަށް ބޮޑަށް އެނގިފައެވެ.

"އިސްރާއީލުގެ ގިނަ ހައްސާސް ނިއުކްލިޔާ މަރުކަޒުތައް ހުރީ ބިމުގެ އަޑިއަކުނޫން. މިސައިލުން ހަމަލާދެވޭފަދަ ބިންމަތީގެ ތަންތަނުގައި. އަދި، ބިމު އަޑީގައި ހުރި އިސްރާއީލުގެ މަރުކަޒުތަ އެއްވެސް ހުރީ ހަމަލާ އެހާ ފުނުގައެއް ނޫން. އަދި ފަރުބަދަތަކުގެ އަޑީގައެއް ވެސް ނޫން. އެ ތަންތަނަށް ފަސޭހައިން އީރާނަށް ހަމަލާދެވޭނެ،" ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ މަރުކަޒުތަކާ ޚިލާފަށް އީރާނުގެ ނިއުކްލިޔާ ހައްސާސް އެއްވެސް މަރުކަޒެއް ފަރުބަދަތަކުގެ ވަރަށް އަޑީގައި ނޫނީ ނުހުންނާނެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދީ އެ ތަންތަން ފުނޑާލާނެކަމުގެ އިންޒާރު އިސްރާއީލުން ދެމުން ގެންދާތާ ވިއްސަކަށް އަހަރުވީއިރު ވެސް މިހާތަނަށް އެކަން ކުރަން އިސްރާއީލަށް އެއްވެސް ވަރަކަށް ކެރިފައެއް ނުވެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްރާއީލުގެ ހަމަލާއެއް އަމާޒުވެއްޖެނަމަ މީގެ ކުރިން އީރާން ބުނަމުން ގެންގޮސްފައިވަނީ އެ ހާލަތުގައި އަމިއްލަ ނަފުސުގެ ދިފާއުގައި ނިއުކްލިޔާ އަގީދާ (ޑޮކްޓްރިން) ބަދަލުކުރަން ޖެހިދާނެކަމުގައެވެ.

ނަމަވެސް، މިއާ ޚިލާފަށް އީރާނުގެ މަސްއޫލުވެރިންގެ ވާހަކަތައް މިހާރު މިވަނީ ކުރިޔާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި، ވަރަށް ބޮޑަށް ހަރުކަށިވެފައެވެ.

އީރާނުގެ އެހެން މަސްއޫލުވެރިއަކު ވެސް ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އެއްވެސް ފަރާތަކަށް ބެލުމެއްނެތި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެކަމުގެ އިންޒާރު ދެއްވާފައެވެ.

އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)އިން އީރާނާ ދެކޮޅަށް ފާސްކުރަން ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރާ ގަރާރާ ގުޅިގެން ވެސް އީރާނުންވަނީ އެ އެޖެންސީއަށް މީގެކުރިން ނުދޭވަރުގެ ހަރުކަށި އިންޒާރެއް ދީފައެވެ. އެ އިންޒާރުގައި އެ އެޖެންސީއަށް އީރާނުން ކަނޑައަޅާފައިވާ މަންދޫބު ވަނީ "އައިއޭއީއޭ" މެދުވެރިކޮށް އެމެރިކާއާއި ޔޫރަޕުން އީރާނަށް ޖެއްސުންކުރަން އުޅޭނަމަ ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާ "ނިއުކްލިޔާ ނޮން ޕްރޮލިފަރޭޝަން ޓްރިޓީ" (އެމްޕީޓީ)އިން އީރާން ވަކިވެދާނެކަމަށް ވިދާޅުވެފައެވެ.

މި މުއާހަދާއިން އީރާން ވަކިވެއްޖެނަމަ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ގާނޫނީ ހައިސިއްޔަތު އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)އަށް އެއްކޮށް ގެއްލޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެމެރިކާއާ އެކު އީރާން ކުރިއަށް ގެންދާ ނިއުކްލިޔާ ވާހަކަތަކުގައި ކުރިޔާ ޚިލާފަށް މިހާރު އީރާން ވަރަށް ބޮޑަށް ހަރުކަށިވެފައިވާ ކަމަށް ވިދާޅުވެ، އީރާން އޮތީ ދޫދޭ ގޮތަށް ނޫން ކަމަށް ވިދާޅުވެ އިއްޔެ ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް