ދިވެހި ޙައްޖުވެރިން މަދީނާއަށް ހައި ސްޕީޑް ރޭލުގައި، ދަތުރުން ފަސް ގަޑިއިރު ކުރުވާނެ

ޙައްޖުވެރިން ރޭލުގައި މަދީނާއަށް ދަނީ: މިއީ ހައި ސްޕީޑް ރޭލުގައި ދަތުރުކުރާ ފުރަތަމަ ފަހަރު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޙައްޖާ ގުޅޭ އެންމެހާ އަޅުކަންތައް ފުރިހަމަ ކުރުމަށް ފަހު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު މަދީނާއަށް ފުރައިފިއެވެ.

ޙައްޖުވެރިން މި ފަހަރު މަދީނާއަށް ދަތުރުކުރަނީ ހައި ސްޕީޑު ރޭލުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މީގެ ކުރިން ބަހުގައި ޙައްޖުވެރިން މަދީނާއަށް ދާން ހަ ގަޑިއިރާއި އަށް ގަޑިއިރާ ދެމެދު ހޭދަވާ ކަމަށެވެ. އެކަމަކު، ހައި ސްޕީޑު ރޭލުގައި ދަތުރުކުރުމުގެ ސަބަބުން އެ ދަތުރު ވަނީ ދެ ގަޑިއިރަށް ކުޑަވެފައެވެ. އެހެންވެ، ދަތުރުން ގާތްގަނޑަކަށް ފަސް ގަޑިއިރަށްވުރެ ގިނައިރު ކުރުވީއެވެ.

މިއީ ޙައްޖުވެރިންގެ ކަންކަން ލުއިފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިވެހި ޙައްޖުވެރިން މަދީނާއަށް ދާން ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައުމަށް ފުރާނީ މަދީނާއިންނެވެ. އެގޮތުން ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހެވެ.

ހައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.

ރާއްޖެއަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ލިބި، ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ.

އެގޮތުން، ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ޙައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

comment ކޮމެންޓް