ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ބައްދަލުކުރައްވައި، ފުލުހުންނާއި ސިފައިން ގުޅިގެން ދޭ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކުރައްވައިފިއެވެ.
ފުލުހުން ބުނީ، ނަވީނާއި ހިލްމީ ބައްދަލުކުރެއްވީ ސިފައިންގެ މައި މަރުކަޒުގައި ކަމަށެވެ.
އެ ބައްދަލުވުމަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމާ ނަވީން އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ނަވީނާއި ހިލްމީ: ފުލުހުންނާއި ސިފައިން ގުޅިގެން ދޭ ޚިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކުރެއްވި -- ފޮޓޯ/ ފުލުހުން
ޚާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ވެސް ނަވީނާއި ހިލްމީ މަޝްވަރާ ކުރެއްވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނަވީން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ އިއްޔެއެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ.