މިހާރު ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން 2028ގެ ފަހު ކުއާޓަރާ ހަމައަށް ނުނިމި ހުންނާނީ ހަތަރު ވަރަކަށް މަޝްރޫއަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީ މިއަދު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއަކީ އުމްރާނީ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏެކެވެ. އޭގެ ތެރޭގައި، އެއާޕޯޓުތައް ތަރައްގީކުރުމާއި ބަނދަރު ހެދުން ހިމެނެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ވިދާޅުވި ގޮތުން، މިހާތަނަށް އެ ކުންފުންޏާ އުމްރާނީ ތަރައްގީގެ 356 މަޝްރޫއެއް ހަވާލުކޮށްފައި އެބައޮތެވެ. އޭގެ ތެރޭގައި، ކުރީ ސަރުކާރުތަކުގައި ހަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތައް ހިމެނޭއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި، ޚާއްސަ މަޝްރޫއުތަކެއް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް ކ. ގުޅީގެ ސޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަނީ ---- ފޮޓޯ/އެމްޓީސީސީ
އެގޮތުން، ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ސައުދީ ވަނީ ވިދާޅުވެފައެވެ. މި އަހަރު ތެރޭ ޖުމުލަ 59 މަޝްރޫއެއް ނިންމައި، ހަވާލުކުރެވޭނެ ކަމަށް ސައުދީ ލަފާކުރެއްވިއެވެ.
އޭގެ ތެރޭގައި، ޚާއްސަ 20 މަޝްރޫއަކާއި މަސައްކަތް ހިނގަމުންދާ 39 މަޝްރޫއު ހިމެނެއެވެ.
މިހާރު މަޝްރޫއުތަކުގެ މަސައްކަތުގެ ބާރުމިން ހުރިގޮތުން، އެވަރެޖުކޮށް މަހެއް ތެރޭ ހައެއް ނުވަތަ ހަތް ވަރަކަށް މަޝްރޫއު ނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އަންނަ އަހަރު 72 މަޝްރޫއެއްގެ މަސައްކަތް ނިންމަން އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.
2028 އާ ހަމައަށްދާއިރު އެމްޓީސީސީއާ ހަވާލުކޮށްފައިހުރި ޕްރޮޖެކްޓުތަކުގެ ތެރެއިން މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓުގެ އަދަދަށް ބަލާނަމަ އެންމެ ފަހު ކުއާޓަރަށްދާއިރު ނުނިމި ހުންނާނީ ހަތަރު ވަރަކަށް ޕްރޮޖެކްޓް، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައުދީ
އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކަމަށް ސައުދީ ވިދާޅުވިއެވެ.
އެއާއެކު، ގިނަ ފަހަރަށް އެ ކުންފުންޏަކަށް މަޝްރޫއުތައް ހަވާލުކުރާއިރު ހުންނަނީ އެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާނެ ބަޖެޓު ހަމަނުޖެހިކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޝްރޫއުތައް ހަވާލުކުރާއިރު، ބަޖެޓު ހަމަނުޖޭކަމަށް ސައުދީ ވިދާޅުވިއިރު މިދިޔަ އަހަރު އެކަށީގެންވާ ވަރަށް ފައިސާ ނުލިބުމުގެ ސަބަބުން އެމްޓީސީސީގެ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ޕްރޮޖެކްޓުތަކުންނާއި އެ ކުންފުނީގެ ވިޔަފާރިން ލިބުނު އާމްދަނީއާއި ފައިދާ ވަނީ ދަށްވެފައެވެ.
އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކޮށްފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަސައްކަތުން ލިބުނު އާމްދަނީ ދަށްވުމެވެ. ރިސީވަބަލްސް ނުވަތަ އެ މަސައްކަތަށް ބޭނުންވާ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑަށް އަސަރުކުރި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.