ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، އެތަކެތި ބަލައިދިޔަ 35 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މޯލްޑިވްސް ކަސްޓަމްސްއިން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ، މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
މިކަމާ ގުޅިގެން، ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެ އެތެރެކުރި މުދާ ތަކެއްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވާ ކަމަށެވެ. އެ މުދާތަކުގެ ތެރެއިން 18 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅުގެން ކާގޯ ކްލިއާ ކުރަން ދިޔަ ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއަހަރުގެ މާޗްމަހު ކަސްޓަމުން ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގަތީ ރާއްޖެ އައި ޝިޕްމަންޓެއް ބަލައިފާސްކުރުމަށް އެ އިދާރާއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މާޗް މަހުގެ ފަސްވަނަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އިންޑިއާ ކޯސްޓްގާޑުން ވެސް އަތުލައިގެންފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެ ތަކެތި އެތެރެ ކުރުން ހުއްޓުވުމާއި، އޭގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.