ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި، މުވައްޒަފުން ވަކިކުރުމުން ފެނަކައާ ދެކޮޅަށް ކޯޓަށް

ހއ. ހޯރަފުށި: ބޮޓްލިން ޕްލޭންޓުގެ މަސައްކަތް ހުއްޓާލައި، މުވައްޒަފުން ވަކިކުރުމުން ފެނަކައާ ދެކޮޅަށް ކޯޓަށްދާން އެ ރަށު ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ//

ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި އަޅާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓުވައި، އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގައި، އެ ރަށު ކައުންސިލުން ފެނަކައާ ދެކޮޅަށް ޝަރީއަތަށް ދާން ނިންމައިފިއެވެ.

ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ބޮޓްލިން ޕްލާންޓުގެ މަސައްކަތަކީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިނިއުޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލް ކާމިޔާބުކޮށް، އެ ކައުންސިލާއި ފެނަކައާ ގުޅިގެން ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

ހޯރަފުށީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބޮޓްލިން ޕްލާންޓު ހުޅުވުމާ ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓުވައި، މުވައްޒަފުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. މިއީ ޕްރޮޖެކްޓުތައް ނުހުއްޓުވާނެ ކަމަށާއި، މުވައްޒަފުން ވަކިނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދާ ޚިލާފަށް، ރައްޔިތުން ނިކަމެތި ކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ކައުންސިލުން ބުނީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާއިރު، އަންނަ މަހުގެ ތެރޭގައި، އެ ތަނުގެ އޮޕަރޭޝަންސް ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔަޑް މުހައްމަދު ނަޖާހު ދެއްވާފައިވާ ކަމަށެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށާއި، ފެންވަރު ރަނގަޅުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ފެނަކައާއެކު އެއްބަސްވެފައިވާއިރު، ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި، އެ ޕްރޮޖެކްޓުގެ މަަސައްކަތް ހުއްޓުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނިންމުން މުރާޖައާ ކުރުމަށް ހޯރަފުށީ ކައުންސިލުން ވަނީ ގޮވާލައިފައެވެ. އަދި ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް ވެސް ފެނަކައިގެ އެމްޑީއަށާއި ޑިރެކްޓަރުންނަށް ގޮވައިލިއެވެ.

މިއީ އެ ކައުންސިލުން ފެނަކައާއެކުވީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ކަމަކަށްވާތީ، އެ ކަމުގައި އިންސާފު ހޯދާނީ ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ފެނަކައިގެ އަމަލު ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ، ބަޔާނުގައިވަނީ މުވައްޒަފުން ވަކިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ބޮޓްލިން ޕްލާންޓުގެ އޮޕަރޭޝަންސް ފެށުމަށް ގާތްވެފައިވަނިކޮށް، އެ ތަނުގެ މަސައްކަތް ހުއްޓައިލުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީން ބުނީ، މިއީ އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމަށް މަޝްރޫއުތައް ހުއްޓާލައި، މުވައްޒަފުންތައް ވަޒީފާއިން ކަނޑަމުންދާތީ، އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ފެނަކައަށް ގޮވައިލީ، ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިނުލުމަށާއި، ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އަލުން އިއާދަކޮށްދިނުމަށެވެ.

https://sun.mv/206924

ހޯރަފުށިން ފެނަކަ ގޮވައިގެން ކޯޓަށްދާން ނިންމާފައި ވާއިރު، ކުޅުދުއްފުށީ ސިޓީއަށް ކަރަންޓުދިނުމުގައި ފެނަކައިން ސިޓީ ކައުންސިލާއެކު އެއްބަސްވުން ހަދަން ދެކޮޅު ހަދާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް