ހުރިހާ ސަރުކާރަކަށް ވެސް އެހީވިން، އެއީ ގައުމަށް ޚިދުމަތް ކުރަން: ވަހީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަނިކުފާނުގެ ވެރިކަމަށް ފަހު، އައި ކޮންމެ ސަރުކާރަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށާއި، އެއީ ގައުމަށް ޚިދުމަތް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ރައީސް ވަހީދު އައްޔަން ކުރެއްވީ މިދިޔަ މެއިމަހުގެ 26ގައެވެ.

https://sun.mv/206498

މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ވަހީދުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އެ މަނިކުފާނު ތާއީދު ކުރެއްވީ އޭރު ރައީސް ކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަށެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި، މި ސަރުކާރާ ގުޅިވަޑައިގަތީ ކީއްވެގެންތޯ ކުރި ސުވާލަށް ދެއްވި ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ، ފަހުން ވަޑައިގަންނަވާ ރައީސުންނަށް، ކުރީގެ ރައީސުންގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ ގޮތުން އެ މަނިކުފާނުގެ ވެރިކަމަށް ފަހު އައި ހުރިހާ ސަރުކާރަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި ވާނެކަމަށް ވިދާޅުވިއެވެ.

އެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނުގެ ޚާއްސަ ކޮންވޯއީއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަރާތުން އދ.ގެ އާންމު ޖަލްސާތަކުގައި ރައީސް ވަހީދު ބައިވެރިވެ ވަޑައިގަތެވެ.

އަދި އޭގެ ފަހުން، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް ސާލިހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަރަށް މަތީ ފަންތީގެ ބައްދަލުވުންތަކެއް ހަމަޖައްސަވައިދެއްވުމަށް ވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ހޯދައިދެއްވުމުގައި ވެސް އުޅުއްވިކަމަށް ވަހީދު ވިދާޅުވިއެވެ.

"ހަމަ އެ މޭރުމުން އަޅުގަނޑު އަނެއްކާ ވެސް ރައީސް މުއިއްޒުގެ ސަރުކާރަށް އެހީތެރިވެދިނުމަށް ތައްޔާރަށް މި ހުރީ. އަދި އެ ފުރުސަތު އަޅުގަނޑަށް ރައީސް މުއިއްޒު ދެއްވައިފި" ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަކީ ގައުމުގެ އެންމެ މަތީ މަސްލަހަތުތަކުގެ އެންމެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށްވާއިރު، އެއީ ގައުމަކަށް ލިބޭ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އެހެންވީމާ އެ ހުރިހާ ފަރާތްތައް އެކުލެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ. ރައީސްކަމުން ވަކިވުމަށްފަހުގައި ވެސް، އަޅުގަނޑުމެންގެ އިސް މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ގައުމަށް ޚިދުމަތް ކުރުން، ގައުމުގެ މަސްލަހަތު އިސްކުރުން" ރައީސް ވަހީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ސިޔާސީ މަސައްކަތް އަބަދު އޮންނަންވާނީ އެ ވަގުތަކު އޮންނަ ސަރުކާރެއް ބަލިކުރުމަކަށް ނޫނެވެ. އަދި މިއީ ތަޅައިފޮޅުމެއް ކަމަށް އަބަދު ދެކިގެނެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ވަހީދު އައްޔަންކުރެއްވުމަށް ފަހު ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، ހަމައެހެންމެ އިގްތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮނގުން ކާމިޔާބީ ޙާސިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ ކުރިން ވަހީދު ވަނީ ޕީޕީއެމްގައި ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ނަމަވެސް، ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓު އަރުވައި، ޕީޕީއެމްއިން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނުނެރެން ނިންމުމުން ވަހީދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަހީދު ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. އޭގެ ފަހުން ދެވަނަ ބުރުގައި ގާސިމާއި ވަހީދު އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރައްވައެވެ.

ޕީޕީއެމްއިން ވަކިވެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ހުންނެވީ އެ ޕާޓީގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް