ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމްގެ 25ވަނަ އެޑިޝަނުގެ ގެސްޓް އޮފް އޮނާ ގައުމަށް ރާއްޖެ ވުމުގެ ދައުވަތު، ޝާރްޖާ އިންސްޓިޓިއުޓް ފޯ ހެރިޓޭޖްގެ ޗެއާމަން ޑރ. ޢަބްދުލްއަޒީޒް އަލްމުސައްލަމް ރާއްޖެއަށް ދެއްވައިފިއެވެ.
ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމަކީ ސަގާފީ މަޝްވަރާތައް ކުރުމަށް ގިނަ ގައުމުތަކަކުން ބައިވެރިވާ ފޯރަމެކެވެ.
މި ދައުވަތު ރާއްޖެއަށް ދެއްވީ، އިއްޔެ ރާއްޖޭން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފު (މުންދު)އާއެކު އަލްމުސައްލަމް ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ.
މިއީ ދެ ގައުމުގެ ދެމެދުގައި ސަގާފީ ތަރިކައިގެ އެއްބާރުލުން އިތުރުކުރުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
ބައްދަލުވުން އޮތީ ޝާރްޖާ އިންސްޓިޓިއުޓްގެ ހެޑްކުއާޓާސްގައެވެ.

ޝާރްޖާ އިންސްޓިޓިއުޓްގެ ޗެއާއާ މުހައްމަދު ހުސައިން ޝަރީފާ ބައްދަލު ކުރެއްވުން -- ފޮޓޯ/ އަލްރާވީ
މި ބައްދަލުވުމުގެ ތެރެއިން އަލްމުސައްލަމްވަނީ، ޗާރްޖާ އިންޓަނޭޝަނަލް ނެރޭޓާ ފޯރަމްގައި ގެސްޓް އޮފް އޮނާގެ ގޮތުގައި ބައިވެރިވުމަށް ދިވެހި ސަފީރަށް ރަސްމީ ދައުވަތެއް ދެއްވައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ސަގާފީ ދާއިރާތަކުގައި އެއްބާރުލުން އިތުރު ކުރުމާ މެދު މަޝްވަރާ ކުރުމަށާއި ތަރިކައިގެ ތެރޭގައި ހިމެނޭ ލިޔެކިއުމުގެ ތަޖުރިބާ ބަދަލުކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައަށް ދެވޭ ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
އަލްމުސައްލަމް ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ ބައިވެރިވުމާއެކު އެ ފޯރަމްގެ މުއްސަނދިކަން އިތުރުވެގެންދާނެއެވެ.
މި ބައްދަލުވުމުގައި ހުސައިން ޝަރީފު ވަނީ ޝާރްޖާ އިންސްޓިޓިއުޓުން ދިން ދައުވަތަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ގައުމުތަކުގެ މެދުގައި ސަގާފީ ގުޅުން ބަދަހިކުރުމުގައި އަލްމުސައްލަމްގެ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ.
ހުސައިން ޝަރީފު ވިދާޅުވީ މި ފޯރަމްގައި ގެސްޓް އޮފް އޮނާގެ ގޮތުގައި ރާއްޖެ ހަމަޖެހުމަކީ ރާއްޖޭގެ ތަރިކަ، އަރަބި އަދި ބައިނަލްއަގުވާމީ އެހުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ލިބުނު ތަފާތު ފުރުސަތެއް ކަމަށެވެ.
އޭނާގެ ވާހަކައިގައި ވަނީ ރާއްޖޭގައި ކިޔައިއުޅޭ އިހުގެ ވާހަކަތައް ފާހަގަ ކުރައްވައިފައެވެ.

ޝާރްޖާ އިންސްޓިޓިއުޓްގެ ޗެއާއާ މުހައްމަދު ހުސައިން ޝަރީފާ ބައްދަލު ކުރެއްވުން -- ފޮޓޯ/ އަލްރާވީ
މި ބައްދަލުވުމުގައި 2021ވަނަ އަހަރުގެ މޯލްޑިވްސް ހެރިޓޭޖް ވީކްއާ ބެހޭ ޕްރޮމޯޝަނަލް ވީޑިއޯއެއް ވަނީ ދައްކައިފައެވެ. އަދި ދެ ފަރާތުން ސަގާފީ އެއްބާރުލުމުގެ ފުރުސަތުތަކާއި، ފޯރަމްގެ ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވުމާ މެދު ވެސް މަޝްވަރާކުރިއެވެ.
މީގެ އިތުރުން ވެސް މި ބައްދަލުވުމުގެ ތެރެއިން އަލްމުސައްލަމް އިންސްޓިޓިއުޓްގެ އޮފީހުން ނެރެފައިވާ ބައެއް ޝާއިއުކުރުންތައް ހުސައިން ޝަރީފަށްވަނީ ހަދިޔާކޮށްފައެވެ.
މީގެ ތެރޭގައި އެމިރޭޓްސްގެ ޚަލީޖު ސަރަޙައްދުގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ، އެ ރައްޔިތުން ކިޔައިއުޅޭ އިހުގެ ވާހަކަތަކާއިގުޅޭ ލިޔުންތައް ހިމެނެއެވެ.