މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅު ކަމަށާއި، އެ ސިޔާސަތު ގޯސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް މި ސަރުކާރުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ވަހީދު އައްޔަން ކުރެއްވީ މިދިޔަ މެއިމަހުގެ 26ގައެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގައުމެއްގެ ޚާރިޖީ ސިޔާސަތަކީ ސަރުކާރެއް ބަދަލުވާއިރަށް މުޅިން ބަދަލުވެގެންދާ އެއްޗެއް ނޫން ކަމަށެވެ. ޚާރިޖީ ސިޔާސަތެއްގައި، ކުރީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް ވަހީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ސަރުކާރުގެ ނިންމުތަކާ ގުޅިގެން ޚާރިޖީ ސިޔާސަތު ގޯސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
"ޚާރިޖީ ސިޔާސަކީ ވެސް އެއީ ކުއްލިއަކަށް ހަމަ ސަރުކާރު ބަދަލުވާއިރަށް މުޅީން ބަދަލުވާ އެއްޗެއް ވެސް ނޫން. ޚާރިޖީ ސިޔާސަތު ބިނާވެފައި މި އޮންނަނީ ކުރިން އަންނަ ސަރުކާރަކުން ވެސް ކަނޑައަޅާފައި އޮންނަ ކަންތައްތަކެއް މައްޗަށް. އެހެންމާ އެ ގޮތުން ޚާރިޖީ ސިޔާސަތު ބްލޭމް ކުރުމަކީ އިންސާފިވެރި ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން" ރައީސް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނިތައް އިތުރުވަމުން ދިއުމުގައި ސަރުކާރުތަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ދައުރެއް އޮތްތޯ ކުރެވުނު ސުވާލަށް ދެއްވި ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ ދަރަނި އިތުރުވުމަކީ ޚާރިޖީ ސިޔާސަތާ ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ބޭރުގެ މާލީ އިދާރާތަކުންވަނީ އެކި ފަހަރުމަތިން އިންޒާރުތައް ވެސް ދީފައެވެ.
ވަހީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގުތިސާދު އޮމާންކަމާއެކު ކުރިޔަށް މި ދަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ހަރުދަނާ ކަމުންނެވެ.
"މިހާރު ވެސް މިހައިތަނަށް މިހާ އޮމާންކޮށް އަދި މި ދަނީ ވެސް، އެއްވެސް ފަރާތެއްގެ މާބޮޑު އުނދަގުލަކާ ނުލައި މި ދަނީ ވެސް ދައުލަތުގެ ފަރާތުން، ސަރުކާރުން މިހާރި މި ގެންގުޅޭ ސިޔާސަތު ރަނގަޅުވީމާ. އެ ދަރަނީގެ ކަންތައްތައް ހައްލު ކުރެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއާއި، މާލީ ވަޒީރާއި އަދި އިކޮނަމިކް މިނިސްޓަރާ މި ބޭބޭފުޅުން ގެންގުޅުއްވާ ސިޔާސަތުގެ ހަރުދަނާކަމުން މިހައިތަނަށް ވެސް އަޅުގަނޑުމެންނަށް މީތި ރަނގަޅަށް މެނޭޖްކުރެވެމުން މި ދަނީ" ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަމަށް ވަހީދު ވިދާޅުވެފައި ވާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީ އެއްވެސް ގައުމަކާ ދެކޮޅު ނުވާނެކަމަށް ބުނެއެވެ. ނަމަވެސް، ވެރިކަމާ ހަވާލުވީތާ މާގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައެއް ފެންމަތިވެ ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.
އެ މައްސަލައިގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވައިލައި އިންޑިއާގެ ފަންނާނުން ވަނީ ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކުރިއެވެ.
އެކަމަކު، ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުކޮށްފައެވެ.
ޚާރިޖީ ސިޔާސަތަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސް ނިމުނުއިރު ލިބުނީ މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖެހި އަދަދުގެ 3.6 އިންސައްތައެވެ. އެއީ، ވަރަށް ދަށް އަދަދެކެވެ.