ސޮނާކްޝީ ރާއްޖެއަށް ކުރި ދަތުރުގެ ހަނދާންތައް ޔޫޓިއުބަށް

ފިލްމު "ދަބަންގް"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ސޮނާކްޝީ ސިންހާގެ ދެމަފިރިން ދާދިފަހުން ރާއްޖެއަށް ކުރި ދަތުރުގެ ވީޑިއޯ ބަތަލާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާއްމުކޮށްފިއެވެ.

ސޮނާކްޝީއާއި ފިރިމީހާ/އެކްޓަރު ޒަހީރު އިގްބާލު އެންމެ ފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެންމެ ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރި މި ދަތުރަކީ ސޮނާކްޝީއާއި ޒަހީރުގެ ވަރަށް ގާތް މީހެއްގެ ކައިވެންޏަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރި އެކުވެރިންނާ އެކު ކުރި ދަތުރެކެވެ.

ސޮނާކްޝީއާއި ބަތަލާގެ ރަހުމަތްތެރިން ޗުއްޓީ ހޭދަކުރި ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާގައި ހޭދަކުރި ދުވަސްތަކުގެ މަންޒަރު ހިމަނައިގެން ބަތަލާ ވަނީ އަމިއްލަ ޔޫޓިއުބްގައި ވީޑިއޯއެއް އާއްމުކޮށްފައެވެ.

ސޮނާކްޝީގެ ދެމަފިރިން ރާއްޖޭގެ ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާގައި--ފޮޓޯ/މިޑްޑޭ

މި ވީޑިއޯގައި ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާކުރަމުން ބަތަލާ ބުނެފައިވަނީ ދިވެހިރާއްޖެއަށް އާދެވުމުން އަބަދު ވެސް އިހުސާސްކުރެވެނީ އަމިއްލަވަންތަ ތަނަކަށް އާދެވުނުކަމުގެ އިހުސާސް ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ބަތަލާ ބުނެފައިވަނީ މިއީ އަބަދު ވެސް ރާއްޖެ އައުމުން ކުރެވޭ އިހުސާސެއް ކަމަށާއި ޗުއްޓީ ހޭދަކުރުމަށް ޚިޔާރުކުރާ ކޮންމެ ރިސޯޓަކުން ވެސް ސޮނާކްޝީއަށް އަދާކުރާ މެހެމާންދާރީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

މި ފަހަރުގެ ދަތުރަކީ ބަތަލާ މިހާތަނަށް ރާއްޖެއަށް ކުރި އެންމެ ކުރު ދަތުރު ކަމަށާއި އެހެންކަމުން މީގެ ކުރިން ބައިވެރިވާ ގިނަ ހަރަކާތްތަކުގައި މިފަހަރު ބައިވެރިނުވެވޭ ކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ސްނޯކްލިންއާއި މޫދު ކުޅިވަރުތައް ހިމެނޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ނަމަވެސް، މި ފަހަރު ސޮނާކްޝީ ވަނީ ރަހްމަތްތެރިންނާ އެކު ކޯމަސް ބެލުމުގެ ހަރަކާތާ އެކު އިރު އޮއްސޭ މަންޒަރު ކަނޑުމަތީގައި ހުރެގެން ބަލާފައެވެ. އޭގެ މަންޒަރުތައް ވެސް ބަތަލާގެ ޔޫޓިއުބް ޗެނަލްގައި އާއްމުކުރި ވީޑިއޯގައި ވަނީ ހިމަނާފައެވެ.

ސޮނާކްޝީއަކީ ބޮލީވުޑްގެ ފިލްމީ ތަރިންގެތެރެއިން ރާއްޖެއަށް އެންމެ ގިނައިން ޗުއްޓީ ހޭދަކުރަން އަންނަ އެއް ބަތަލާއެވެ.

comment ކޮމެންޓް