ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާގެ 120 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ އެހީ ހޯދަން ގޮސް ތިބި މީހުން ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އިސްރާއީލުން، އެހީ ހޯދަން މަސައްކަތްކުރި 57 މީހުން ޝަހީދުކޮށްލާ 363 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
އާންމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އެމެރިކާ އާއި އިސްރާއީލުގެ ތާއީދު އޮންނަ އިސްރާއީލުގެ ބާރުގަދަ ސަރަހައްދުތަކުގައި ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)އިންނެވެ.
މެއި މަހުގެ 27ވަނަ ދުވަހު ޖީއެޗްއެފް އިން އެހީ މަރުކަޒުތައް ހިންގަން ފެށި ފަހުން 220އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އެއީ އިސްރާއީލުން ގަސްދުގައި ކުރާ ކަމެއް ކަމަށެވެ.
ޣައްޒާގެ އާންމުން މެރުން އދ. އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެއީ އިންސާނީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، އިސްރާއީލުގެ އަސްކަރީ ބެކަޕާއެކު އަމިއްލަ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން އެހީ ފޯރުކޮށްދިނުމާ ވެސް އދ. އިން ވަނީ ދެކޮޅު ހަދާފައެވެ.
އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އުންރުވާ)އިން ބުނީ އެހީ ބެހުމުގެ އެ މޮޑެލް އަކީ އިސްރާއީލުން ޣައްޒާގައި ހިންގާ އަނިޔާވެރިކަމަށް ލިބިފައިވާ ސަމާލުކަން ދުރުކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ވަސީލާތައްތައް ބޭކާރު ކުރުން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އުންރުވާ ހިމެނޭ ގޮތަށް ޣައްޒާގައި ހަރަކާތްތެރިވި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން އެހީ ބެހުމުގެ މަސައްކަތަށް ތައްޔާރަށް ތިބި ކަމަށާއި، ހާލުގައި ޖެހިފައިވާ މީހުންނާ ހަމައަށް ވާސިލްވުމުގެ ތަޖުރިބާ ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އިސްރާއީލުން ވަނީ ޣައްޒާގައި އުންރުވާ އާއި އެހީ ފޯރުކޮށްދޭ އެހެން ޖަމާއަތްތައް ވެސް ހިންގުން މަނާކޮށްފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 55،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.