މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނި، މައްސަލަ ބަލަނީ

މާލޭ އިމާރާތްތައް: މާލޭގެ ގެޔަކުން މަރުވެފައި އޮތް މީހަކު ފެނި، ފުލުހުން ދަނީ މައްސަލަ ބަލަމުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގެ ގެއެއްގައި މިއަދު މަރުވެފައި އޮތް މީހަކު ފެނުމާ ގުޅިގެން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން "ސަން"އަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މާލޭގެ މައްޗަންގޯޅީގެ ގެއެއްގައި މީހަކު ހާލު ދެރަވެފައި އޮތް ކަމަށް މިއަދު ހެނދުނު ރިޕޯޓުކުރި ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ މަރުވެފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވެސް މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނި، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ 46 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް