30 ދުވަހަށް ހަކުރު ހުއްޓާލައި ޗެލެންޖް: ސަމާލުކަން ދޭންވީ ކަންކަން

އާއްމުކޮށް ކެއުމުގައި ހަކުރު ހިމަނާލާ މިންވަރު މަދުކޮށްލުމަކީ ޖުމްލަކޮށް ސިއްހީ ގޮތުން ހަށިގަނޑަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. ކެއުމުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމުގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

ރެޖިސްޓާޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ޖެރިލީން ޖޯންސް ބުނެފައިވާ ގޮތުގައި ހަކުރު މާ ގިނައިން ބޭނުންކުރުމަކީ ސިއްހީ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގެ އިތުރުން ޓައިޕް ޓޫގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް 30 ދުވަހުގެ 'ނޯ ޝުގަ' ޗެލެންޖަކީ ވަރަށް ގިނަ ބައެއްގެ މެދުގައި އާއްމުވަމުން އަންނަ ޗެލެންޖެކެވެ. މި 30 ދުވަހުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާނެ އެންމެ މުހިއްމު ކަމަކީ ހަކުރުގެ މާއްދާ ނުވަތަ 'ރީފައިންޑް ޝުގާ' އެކުލެވޭ ހުރިހާ ކެއުމުގެ ބާވަތްތަކަށާއި ބުއިންތަކަށް ނޫނެކޭ ބުނެ އެއާ ދުރުހެލިވުމެވެ.

ހަކުރު މާއްދާ ހިމެނޭ ކެއުންތަކުން ދުރުހެލިވާން ނިންމާއިރު ހަށިގަނޑަށް ގުދުރަތީ ގޮތުން ހަކުރުގެ މާއްދާ ލިބެނިވި ބާވަތްތައް ދުވަހުގެ ކެއުންތަކުގައި ހިމެނުމަށް ސަމާލުކަން ދިނުމަށް ިސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް

އޭގެ ބަދަލުގައި ހަށިގަނޑަށް ނިއުޓްރިއެންޓްސް ލިއްބައިދޭ ބާވަތްތައް ކެއުމުގައި ހިމަނާލުމުގެ އިތުރުން ގުދުރަތީ ގޮތުން ހަކުރުގެ މާއްދާ އެކުލެވޭ ތަރުކާރީއާއި މޭވާ ކެއުމުގައި ހިމަނަން މި މުއްދަތުގައި ޚާއްސަ ސަމާލުކަމެއް ދެވޭނެއެވެ. 30 ދުވަހުގެ 'ނޯ ޝުގަ' ޗެލެންޖަކީ އެ މީހަކު ބޭނުންގޮތަކަށް ބައްޓަންކޮށްލެވޭނެ ޕްރޮގްރާމެއް ކަމުން އޭގެއިން ނުކުންނަ ނަތީޖާގައި ވެސް ތަފާތުތަކެއް ހުންނާނެ ކަމަށް ޖެރިލީން ވަނީ ބުނެފައެވެ.

ވަކި މުއްދަތަކަށް ހަކުރުގެ މާއްދާއިން ދުރުހެލިވުމުގެ ސަބަބުން ލިބޭނެ ހަށިގަނޑަށް ކުރާނެ ފައިދާތަކުގެތެރޭ ބަރުދަން އިތުރުވާ މިންވަރު ދަށްވެ އާއްމުކޮށް ފޮނި ކާތަކެއްޗަށް ދެވިހިފާފައި ހުންނަ ހުރުމުން މީހާ ދުރުހެލިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

ވަކި މުއްދަތަކަށް ހަކުރު ހުންނަ ކެއުންތަކާ ދުރުވުމަށްފަހު އަލުން އެކަން އިއާދަކުރަން ފަށައިފިނަމަ ދުވަސްކޮޅެއްގެތެރޭ ވެސް ކުރެވުނު މަސައްކަތުގެ އެއްވެސް ބޭނުމެއް ނޯންނާކެ ކަމަށް ޑައިޓީޝަނުން ބުނޭ--ފޮޓޯ/ޑިޕޮސިޓްފޮޓޯސް

މީގައި މުހިއްމު ކަމަކީ 30 ދުވަހުގެ މުއްދަތަށްފަހު ވެސް އެގޮތުގައި ދެމިހުރުމަށް އަޒުމު ކަނޑައެޅުން ކަމަށް ނިއުޓްރިޝަނިސްޓް ޖެރިލީން ޖޯންސް ވަނީ ބުނެފައެވެ. ވަކި މުއްދަތެއް ވަންދެން ހަކުރުގެ މާއްދާ ހިމެނޭ ކެއުންތަކާ ދުރުހެލިވުމަށް ފަހު އަނެއްކާ ވެސް ކުރިއެކޭ އެއްގޮތަށް ފޮނި ކެއުންތައް ކާން ފަށައިފިނަމަ ކުރިން ފެށި 'ނޯ ޝުގާ' ޗެލެންޖްއިން ކުރާނެ މާ ބޮޑު ފައިދާއެއް ނޯންނާނެ ކަމަށް ނިއުޓްރިޝަނިސްޓް ޖެރިލީން ޖޯންސް ވަނީ ފާހަގަކޮށްފައެވެ.

ހަކުރުގެ މާއްދާ މަތީ މިންވަރަކަށް ހުންނަ ބުއިންތަކުގެ ތެރޭ އެކި ވައްތަރުގެ އެނަޖީ ޑްރިންކްސް އަދި ދަޅުގައި، ޕެކެޓުގައި ހުންނަ ޖޫސް ހިމެނޭއިރު މި ބުއިންތަކުގެ ސަބަބުން ހަށިގަނޑުގެ އިންސިއުލިންގް ލެވެލް މައްޗަށްގޮސް ސެލްތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ސަބަބުން ރެޓީނޯޕެތީ، ޑިމެންޝިއާ، ކިޑްނީގެ ބަލިތައް، ފެޓީ ލިވާގެ ސަބަބުން އުފެދޭ ބަލިތައް، ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޖެރިލީން ޖޯންސް ވަނީ ފާހަގަކޮށްފައެވެ.

ކެއުމުގައި ބޭނުންކުރެވޭ ރީފައިންޑް ޝުގާ މަދުކޮށްލެވިއްޖެނަމަ ބަރުދަން ލުއިކުރުމަށް އެހީތެރިވުމުގެ އިތުރުން ދަތުގެ ބަލިތަކުން ރައްކާތެރިކަން ލިބި ފުރަމޭގެ ބަލިތައް ޖެހުމުން ދުރުކޮށްދީ ހިތުގެ ބަލިތައް ޖެހުމުން މީހާ ދުރުކޮށްދިނުމަށް އެހީވާކަމަށް ޖެރިލީން ޖޯންސް ބުނެފައިވެއެވެ.

މަސް ދުވަހުގެ 'ނޯ ޝުގާ' ޗެލެންޖުގައި ކެއުމުގައި ހިމަނާލެވިދާނެ މުހިއްމު ބާވަތްތަކުގެ ތެރޭ ބްރޮކޮލީ، ކޮލީފްލާވާ، ސްޕިނެޗް، ކެރެޓް، އެސްޕެރަގަސް، ޒުކިނީ، ކައްޓަލަ، އާފަލު، އޮރެންޖު، ބެރީސް، މޭބިސްކަދުރު، ޗެރީ، ގްރޭޕްފްރުޓް، ކުކުޅު، މަހުގެ ބާވަތްތައް، ބިސް އަދި ޓޮފޫގެ އިތުރުން ގެރި މަސް ހިމެނެއެވެ.

ހަކުރު ނާޅާ ކޮފީ އަދި ސައި ބުއިމަށް ވެސް އާދަކުރެވިދާނެއެވެ. މިފަދަ ޗެލެންޖްތައް ދިގު މުއްދަތަކަށް ކުރިއަށް ގެންދާނަމަ އެންމެ އެދެވިގެންވާ ގޮތަކީ ޑައިޓީޝަނެއްގެ ލަފައާއި މަޝްވަރާގެ މަތިން ކެއުމުގެ ތާވަލު ތައްޔާރުކުރުން ކަމަށް ޖެރިލީން ޖޯންސް އިރުޝާދު ދެއެވެ.

comment ކޮމެންޓް