ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑު، ފިޗުން ވެސް 'ޖަންކް' ރޭޓިން ދަމަހައްޓައިފި

އެމްއެމްއޭ: ދަރަނި ނުދެއްކުމުގެ ބިރު ބޮޑުކަން ފިޗުން ވަނީ ފާހަގަކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުކަން ފާހަގަކޮށް، އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވެސް ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން މިއަދު ދަމަހައްޓައިފިއެވެ.

'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިންއަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓުވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިންއެކެވެ.

ފިޗުން މިއަދު ވަނީ ރާއްޖެއަށް މިދިޔަ އޮގަސްޓް 27ގައި ދިން 'ސީސީ' ރޭޓިން ރިވިއުކުރުމަށް ފަހު، އެ ރޭޓިން ދަމަހައްޓަން ނިންމައިފައެވެ.

އެ ރިވިއުގައި އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި ފާހަގަކޮށްފައިވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.

"ސީސީ ރޭޓިންއިން ބުނެދެނީ ކޮންމެ ވެސް ސިފައެއްގައި ދަރަންޏެއް ނުދެއްކިދާނެމުގެ ބިރު އޮތްކަން،" ފިޗުގެ ރިވިއުގައިވެއެވެ.

https://sun.mv/206097

އެ ގޮތުން، އިންޑިއާއިން ދިން ބަޖެޓު ސަޕޯޓުގެ ސަބަބުން ރިޒާވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވަމުން އައި ނަމަވެސް ދަރަނި ދައްކަން އަދިވެސް ގޮންޖެހުންތަކެއް ހުރިކަން އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ދީފައެވެ. އެހެންވެ، ރިޒާވްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ފިޗުން ފާހަގަކުރި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު މާރުކުރަން ފެށުމުން ވެސް އެ ކަމުގެ ހެޔޮ އަސަރު ރިޒާވުން ވަނީ ފެންނަން ފަށައިފައެވެ. އެ ގޮތުން، އޭޕްރީލް މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 856 މިލިއަން ޑޮލަރެވެ.

އެކަމަކު، އެއީ ބޭނުންވާ ވަރަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. ފިޗުން ފާހަގަކުރި ގޮތުގައި ހަމައެކަނި ރިޒާވަށް ބަރޯސާވާން ޖެހިއްޖެ ނަމަ އެ ފައިސާއިން ވާނީ ހަމައެކަނި ދޮޅު މަހަށެވެ. އާންމު ގޮތެއްގައި ރިޒާވްގައި ތިން މަހަށް ބޭނުންވާ ބޭރު ފައިސާ ރައްކާކުރެއެވެ.

ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ރިޒާވުން އުނިކުރުމުން ބާކީ އިންނާނީ އެންމެ 28 މިލިއަން ޑޮލަރު ކަމަށް ފިޗުން ފާހަގަކުރިއެވެ. އެއީ، ގައުމަކަށް އެކަށިގެންވާ އަދަދެއް ނޫނެވެ.

ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި އަންނަ އަހަރު 125 އިންސައްތައަށް އަރާނެކަމަށް ފިޗުން ވަނީ އަންދާޒާކޮށްފައެވެ.

https://sun.mv/205557

އެކަމަކު، ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން، 4.8 އިންސައްތައިގައި މި އަހަރު އިގުތިސާދު ކުރިއަރަމުން އަންނައިރު އަންނަ އަހަރު ވެސް 4.7 އިންސައްތައިގައި އިގުތިސާދު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުން ވެސް އިގުތިސާދަށް ކުރިއެރުން އަންނާނެ ކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

ރޭޓިން މަތިކުރަން ބޭރު ފައިސާގެ ރިޒާވް އިތުރުކުރަންޖެހޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ. އަދި، ޚަރަދު ކުޑަކޮށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަވެސް ރޭޓިން މަތިކުރެވޭނެކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު 16ގައި މޫޑީޒްއިން ވެސް ވަނީ ރާއްޖެއަށް އެ އެޖެންސީން ދީފައި އޮތް 'ސީއޭއޭ2' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ. އެއީ ވެސް ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ޚަރަދު ކުޑަކުރަން އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި އެ ފިޔަވަޅުތައް ނާޅައިކަމުގެ ކަންބޮޑުވުން ފިޗުގެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

ދަރަނީގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް ދަރަނި ނުދެއްކި ބަނގުރޫޓުނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ވެސް ބަނގުރޫޓުނުވެ ގައުމު ސަލާމަތްކުރުން ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެއެވެ.

comment ކޮމެންޓް