މި އަހަރު ނިމުމުގެ ކުރިން، ސްކޫލުތައް އޭސީކޮށް ނިންމަން ފެނަކައާ ހަވާލުކޮށްފި

ސްކޫލުތައް އޭސީކުރަން ފެނަކައާ އެކު ސޮއިކުރަނީ: މި އެއްބަސްވުމުގައި ސޮއިކުރީ މަޝްރޫއު އިފުތިތާހުކުރިތާ އަހަރެއް ފަހުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ސްކޫލެއް އެއާކޮންޑިޝަން (އޭސީ)ކުރަން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުރިހާ ސްކޫލެއް ނިންމަން އެ މަޝްރޫއު ކުރިއަށް ގެންދަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އިފުތިތާހުކުރީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސްކުރިން މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރަން ކުރިއަށް ގެންދާ 'ކޫލް ސްކޫލު' މަޝްރޫއުގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މި މަޝްރޫއަށް މިދިޔަ ނޮވެންބަރުގައި ޗައިނާއިން ވެސް ވަނީ އޭސީތަކެއް ހަދިޔާކޮށްފައެވެ.

ކޫލް ސްކޫލު ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ސަބަބުން ސްކޫލުތަކުގެ ކަރަންޓު ބިލަށް ބަދަލު އަންނާނެއެވެ. މި ކަމާ ގުޅިގެން މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، މި މަޝްރޫއު ނިމުމާ އެކު، މިހާރު ސްކޫލުތަކުގެ ކަރަންޓު ބިލަށް ހޭދަވާ ވަރަށްވުރެ އިތުރަށް ޚަރަދުވާނީ 38 އިންސައްތަ ކަމަށެވެ. އޭގެ ތެރެއިން 30 އިންސައްތަ ކަރަންޓަކީ އެންމެ މަދުވެގެން ވެސް އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ގޮތުގައި ހަދަން ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.

https://sun.mv/198795

މަޝްރޫއު އިފުތިތާހުކުރި ދުވަހު މިނިސްޓަރު ވިދާޅުވީ، ސްކޫލުތަކުގައި އޭސީ ހަރުކުރުމުން ކޮންމެ ރަށެއްގައި ވެސް "އާ އިންޑަސްޓްރީއެއް" އުފެދޭނެ ކަމަށެވެ. އެ ގޮތުން، އޭސީތައް މެއިންޓެއިންކުރާނެ ޓެކްނީޝަނުން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއާ އެކު ކޮންމެ ރަށަކުން ވެސް އާމްދަނީ ލިބޭނެ އިތުރު މީހުން އުފެދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސްކޫލުތަކުގެ ކްލާސްރޫމްތައް ހޫނުވުމަކީ ޓީޗަރުންނާއި ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކޫލް ސްކޫލު މަޝްރޫއާ އެކު އެ މައްސަލަ ހައްލުވާނެއެވެ.

comment ކޮމެންޓް