ސަރުކާރުން އަޅާފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެއްކޮށް، އުފެއްދުންތެރިކަން އިތުރުވާނެ ކަމަށާއި މެދުރާސްތާގެ ދަރަނީގެ ސްޓެރެޓެޖީގެ ދަށުން ދަރަނި ދަށަށް ދިޔުމަށް މަގުފަހިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދަރަނި ނުދެެއްކިދާނެ ކަމުގެ ބިރުބޮޑުކަން ފާހަގަކޮށް، އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިން ދަމަހައްޓާފައެވެ.
'ސީސީ' ރޭޓިންއަކީ ދަރަނި ނުދެއްކި ބަނގުރޫޓުވެދާނެކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެއް ކަމަށްވާއިރު، ފިޗުން ވަނީ މިދިޔަ އޮގަސްޓު 27ގައި ދިން 'ސީސީ' ރޭޓިން ރިވިއުކޮށް، ރޭޓިން ދަމަހައްޓާފައެވެ.
އެ ރޭޓިން ފިޗުން ދެމެހެއްޓުމާ ގުޅިގެން ފިނޭންސުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، ރޭޓިން ދެމެހެއްޓީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި ފައިސާއާ އިސްލާހުތަކާ ގުޅިގެން ބޭރުގެ ރިޒާވް އިތުރުވެ، ކަރަންސީ ސްވޮޕް ހަރުދަނާ ގޮތެއްގައި ބޭނުންކުރުމުން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ފަތުރުވެރިން އަދަދު އަހަރުން އަހަރަށް 9.4 އިންސައްތައަށް ވަނީ އިތުރުވެފައެވެ. އެއީ މި އަހަރަށް ފިޗުން ލަފާކުރާ ޖީޑީޕީގެ 4.8 އިންސައްތައަށް ބާރުއަޅާ ކަމެއްކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހިންގަން ފެށުމުން އަންނަ އަހަރުގެ ޖީޑީޕީ ހަ އިންސައްތައަށް އަރާނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
އެއާއެކު، މި މަހު ފަހެއްގެ ނިޔަލަށް އޯވަރޯލް ފިސްކަލް ސާޕްލަސް 1.1 ބިލިއަން ރުފިޔާގައި ހުރިއިރު، އެއީ އާމްދަނީ ރަނގަޅުވެ، ޚަރަދުތައް ކޮންޓްރޯލްކުރުމުން ކަމަށް ބުނެފައިވެއެވެ.
މިހާތަނަށް ތަންފީޒުކޮށްފައިވާ އަދި ކުރުމަށް ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކާއެކު، އުފެއްދުންތެރިކަން އިތުރުވެ، އިންވެސްޓުމަންޓު މާހައުލު ހަރުދަނާވެ، ސަރުކާރުގެ މެދުރާސްތާގެ ދަރަނީގެ ސްޓެރެޓެޖީގެ ދަށުން ޖީޑީޕީއާ އަޅާބަލާއިރު، ދައުލަތުގެ ދަރަނި ދަށަށް ދިޔުމުގެ މަގު ތަނަވަސްވާނެ ފިނޭންސް މިނިސްޓްރީ
ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވެފައިކާން ފާހަގަކުރިއިރު، ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރޭޓިން މަތިކުރަން ބޭރު ފައިސާގެ ރިޒާވް އިތުރުކުރަންޖެހޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ. އަދި، ޚަރަދު ކުޑަކޮށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަވެސް ރޭޓިން މަތިކުރެވޭނެކަމަށް އެ ރިވިއުގައި ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހު 16ގައި މޫޑީޒްއިން ވެސް ވަނީ ރާއްޖެއަށް އެ އެޖެންސީން ދީފައި އޮތް 'ސީއޭއޭ2' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ. އެއީ ވެސް ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ.