ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓުގައި ދިވެއްސަކު ނެތްކަން މިހާތަނަށް ލިބުނު މައުލޫމާތުން ކަށަވަރުކުރެވިއްޖެއެވެ.
މި ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.
އެއާ އިންޑިއާއިން މައުލޫމާތު ދޭ ގޮތުގައި، އެ ބޯޓުގައި ދަތުރުކުރީ 169 އިންޑިއާ ރައްޔިތުންނާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތުންނާއި، ޕޯޗުގީޒު ހަތް މީހަކާއި، ކެނެޑާގެ ރައްޔިތެކެވެ.
އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ބޯޓު ވެއްޓުނީ އެއާޕޯޓު ކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ވަނީ، ބޯޓު ވެއްޓުނީ ފާރެއްގައި ޖެހިގެން ކަމަށެވެ.
އިންޑިއާ ގަޑިން މެންދުރު 1:39 ހާއިރު، އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން، މަތިންދާ ބޯޓު ދަތުރު ފެށީ، ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށެވެ.
ބޯޓު ވެއްޓުނީ އެއާޕޯޓް ޕެރިމީޓަރާ ކައިރީ، މީހުން ދިރިއުޅޭ މެގަނީ ނަގަރު ސަރަހައްދަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުގެ ސިގްނަލް ގެއްލުނީ 625 ފޫޓު މައްޗަށް އުދުހިފައި ހުއްޓައެވެ. ބޯޓު ވެއްޓުނީ އެއާޕޯޓުން ޓޭކްއޮފް ކުރިތާ ގާތްގަނޑަކަށް ނުވަ މިނެޓް ފަހުންނެވެ.