މެއި މަހު މީރާއަށް 2 ބިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މެއިމަހު 2.1 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން ބުނީ އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.5 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި އެއީ މި އަހަރުގެ މެއިމަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ ވެސް 7.3 ޕަސެންޓު އިތުރު އަދަދެކެވެ.

މެއި މަހު މީރާއަށް ލިބުނު އާމްދަނީ

  • ޖީއެސްޓީ - 1.4 ބިލިއަން ރުފިޔާ (%62.5)
  • ގްރީން ޓެކްސް - 204.9 މިލިއަން ރުފިޔާ (%9.4)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 167.5 މިލިއަން ރުފިޔާ (%7.7)
  • ޑިޕާޗާ ޓެކްސް - 165.1 މިލިއަން ރުފިޔާ (%7.6)
  • އިންކަމް ޓެކްސް - 133.3 މިލިއަން ރުފިޔާ (%6.1)
  • އަދި ވޯކް ޕާމިޓް ފީ - 63.9 މިލިއަން ރުފިޔާ (%2.9)

މީގެ ތެރޭގައި 104.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިއީ މިދިޔަ އަހަރުގެ މާރިޗާ އަޅައިބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 4.8 ޕަސެންޓު އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއްކަން މީރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި މިދިޔަ ޑިސެންބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީ ވެސް އާމްދަނީ އިތުރުވީ އެއް ސަބަބެވެ.

މެއި މަހުގެ ތެރޭގައި، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ބިންތަކުގެ ކޮންސްޓަރަކްޝަން މުއްދަތު އިތުރުކުރުމަށް ޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ ދައްކާފައިވާތީ ވެސް، މީރާއިން އަންދާޒާކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރެވެ.

މި ފީއަކީ ޓެކްސް ދައްކާ ފަރާތްތަކުން ކޮންސްޓަރަކްޝަންކުރުމުގެ މުއްދަތު އިތުރުކުރުމަށް ދައްކާ ފީއަކަށް ވާތީ، މި ފީ އަކީ އަންދާޒާކުރާ އާމްދަނީއަކަށް ނުވެފައި، މި ފީ ބަލައިގަނެފައިވާތީ، ބަލައިގަތް އާމްދަނީވަނީ އިތުރުވެފައެވެ.

މި އަހަރުގެ މިހައިތަނަށް އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި، ދައުލަތަށްވަނީ 16.7 ބިލިއަން ރުފިޔާ ލިބިފައެވެ.

comment ކޮމެންޓް