މިއަދު މެންދުރު ވެއްޓުނު އެއާ އިންޑިއާ ބޯޓުގައި ޓެކްނިކަލް އެތައް މައްސަލަތަކެއް ހުރި ކަމަށާއި ބޯޓުގެ އޭސީވެސް މަސައްކަތް ނުކުރާ ކަމަށް ބޯޓު ވެއްޓުމުގެ ދެ ގަޑިއިރު ކުރިން އެ ބޯޓުން ދަތުރުކުރި މީހަކު ބުނެފިއެވެ.
އާކާޝް ވަޓްޝާ ނަމަކަށް ކިޔާ މީހަކު އެ ބޯޓުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ވީޑިއޯތަކާ އެކު ބުނެފައިވާ ގޮތުގައި އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެއެވެ. ބޯޓުގެ އޭސީ ވެސް މަސައްކަތް ނުކުރާތީ ތިބެންޖެހުނީ ހޫނުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
" އަހުމަދުއާބާދަށް ބޯޓު ނައްޓާލުމުގެ ދެ ގަޑިއިރު ކުރިން އަހަރެން އެ ބޯޓުގައި އިނިން. ބޯޓުން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަ ކުރެވުނު,"
އާކާޝް ޕޯސްޓުކޮށްފައި ވީޑިއޯތަކުން މީހުން ހޫނުވެގެން ފޮތް ފަދަ ތަކެތިން ވިހެގެން ފިނަކުރާތަން ފެނެއެވެ.
އެ ބޯޓުގައި އެންމެ ކުޑަ މިނުން ކެބިން ކްރޫންނަށް ގޮވާ ބަޓަން ވެސް މަސައްކަތް ނުކުރާ ކަމަށާއި ޓީވީ ވެސް މަސައްކަތް ނުކުރާކަމަށް އާކާޝް ބުނެފައިވެއެވެ.
ދިއްލީން އަހްމަދުއާބާދަށް ދިއުމަށް އެންމެން ފްލައިޓަށް އެރި ފަހުން ފްލައިޓް ނަންބަރު ބަދަލުކުރި ކަމަށާއި އެހެންވެ ކަނެކްޓިން ފްލައިޓަކަށް ލަންޑަނަށް ދާން އޭގައި ތިބި މީހުން އެ ހިސާބުން ފައިބަން ޖެހުނު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެ ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން، ލަންޑަނަށް ދާން ނައްޓާލިތާ ގާތްގަޑަކަށް 9 މިނެޓް ފަހުންނެވެ.
ބޯޓު ވެއްޓުނީ އެއާޕޯޓް ޕެރިމީޓަރާ ކައިރީ، މީހުން ދިރިއުޅޭ މެގަނީ ނަގަރު ސަރަހައްދަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުގެ ސިގްނަލް ގެއްލުނީ 625 ފޫޓު މައްޗަށް އުދުހިފައި ހުއްޓައެވެ.
ބޯޓުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 242 މީހުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 ރައްޔިތަކާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތަކާއި، ކެނެޑާގެ މީހަކާއި، ޕޯޗުގަލްގެ ހަތް މީހުން ހިމެނޭކަމަށް އެއާ އިންޑިއާއިން ބުނެއެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އަދި ކަށަވަރު ނުވި ނަމަވެސް ސަލާމަތްވި މީހުންނަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.
ބޯޓު ވެއްޓެން މެދުވެރި ސަބަބު މިހާތަނަށް ސާފުނުވާއިރު، އެކަމާބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއްނުވެއެވެ.
ހާދިސާއާ ގުޅިގެން އެއާ އިންޑިއާއިން ބުނީ ހާދިސާ ތަހުގީގު ކުރަމުން އަންނަ އިރު ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.