މާލޭ މަޖިލީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު އެކަނި ވެސް 42 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި މިރޭ ކުރި ޕޯސްޓެއްގައިވަނީ، މަޖީދީ މަގުގައި ޕާކުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގޮތުން މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރާނެ ކަމަށާއި، އެ އުޅަނދެއް ލިބޭނީ 48 ގަޑިއިރަށް ފަހު ކަމަށް ބުނެފައިވެއެވެ.
ފުލުހުން "ސަން"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަޖީދީ މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ޖުމްލަ 42 ވެހިކަލެއް މިއަދު އެކަނި ވެސްވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 37 އުޅަނދާއި ހަތަރު ފޮރުޅުލީ ފަސް އުޅަނދެވެ.
ފުލުހުން އެދިފައިވަނީ ޕާކުކުރާއިރު، އެ ކަމަށް ޚާއްސަ ކުރެވިގެން ކަނޑައެޅިފައިވާ ޖާގަތަކުގައި ޕާކު ކުރުމަށެވެ.
ތޮއްޖެހިފައިވާ މާލޭގައި ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ.
މާލޭ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް، އިސްލާމިކް ޔުނިވަސީޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހެދި ދިރާސާއިން ވެސް ދައްކައެވެ.
އެ ދިރާސާ ރިޕޯޓުގައިވާ ގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413ގައެވެ. އެކަމަކު މިހާރު ވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވައެވެ. މިއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.
އެ 119،472 އުޅަނދުގެ ތެރޭގައި ހިމެނެނީ 103،300 ސައިކަލާއި 7،505 ކާރެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުގެ 92.7 އިންސައްތަ ހިއްސާކުރަނީ ކާރާއި ސައިކަލެވެ. ބާކީ 7.3 އިންސައްތައަކީ އިންޑަސްޓްރިއަލް އުޅަނދުތަކެވެ.
ދިރާސާގައި ލަފާދީފައި އޮތީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށެވެ.