ވެއްޓުނު ބޯޓުން ސަލާމަތްވި މީހާ ފުންމާލީ އިމަޖެންސީ ދޮރުން

ވެއްޓުނު ބޯޓުން ސަލާމަތްވި ވިޝްވާޝް ކުމާރާ އިންޑިއާގެ ހޯމް މިނިސްޓަރު ބައްދަލުކުރައްވަނީ. ފޮޓޯ/ރޮއިޓާސް

އިއްޔެ މެންދުރު އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ފުންމާލީ އިމަޖެންސީ ދޮރުން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

އެ ބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވި ހަމައެކަނި މީހަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ވިސްވަޝްކުމާރުއެވެ. ބޯޓުގައި އޭނާ އިށީނދެ އިނީ އިމަޖެންސީ ދޮރާ ދިމާލަށް އިންނަ ސީޓުގައި ކަމަށް ފުލުހުން ބުނެއެވެ.

އުމުރުން 40 އަހަރުގެ ސެންޓޭ އިންޑިއާގެ މީޑިއާތަކަށް ބުނީ، އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމަށާއި އެއާ އިންޑިއާގެ އެ ބޯޓަށް އެރީ އިންޑިއާގައި ތިބި އާއިލާއަށް ޒިޔާރަތް ކުރުމަށް ފަހު ބޭބެއާ އެކު އިނގިރޭސިވިލާތަށް ދިއުމަށް ކަމަށެވެ.

"އޭނާ އިނީ އިމަޖެންސީ އެގްޒިޓް ކައިރީގައި ކަމުން އިމަޖެންސީ ދޮރުން ފުންމާލައިގެން ސަލާމަތްވީ،" އަހުމަދުއާބާދުގެ ސީނިއާ ޕޮލިސް އޮފިސާ ވިދީ ޗައުދަރީ ވިދާޅުވިއެވެ.

"އަހަންނަށް ތެދުވެވުނުއިރު ވަށައިގެން ހުރީ މަރުވެފައިވާ މީހުންގެ ހަށިތައް. ބިރުން ގޮސް ތެދުވެ ދުއްވައިގަތީ. އެ ހިސާބުން މީހަކު އަހަރެންގެ ގައިގައި ހިފާ އެމްބިއުލާންސަށް ލައިގެން ހޮސްޕިޓަލަށް ގެނައީ،" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވިޝްވާޝް ބުނެފައިވެއެވެ.

ނަމަވެސް، ވިޝްވާޝް ފުންމާލީ ބޯޓު ބެއްޓުމުގެ ކުރިން ނުވަތަ ފަހުން ކަމެއް ސާފެއް ނޫނެވެ.

ހިންދުސްތާން ޓައިމްސްއިން ވަނީ ވިސްވަޝްކުމާރުގެ ބޯޑިން ޕާސްގެ ފޮޓޯއެއް އާންމުކޮށްފައެވެ. އޭގައި ވާގޮތުން އޭނާ އިށީދެ އިނީ ބޯޓގެ 11އޭ ސީޓުގައެވެ.

ވިޝްވާޝް ވަނީ އޭނާގެ ބޭބެ، އަޖޭ ހޯދުމަށް އެހީތެރިކަމަށް ވެސް އެދިފައެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ ވިސްވަޝްކުމާރުގެ އާއިލާގެ މެންބަރަކު ނަން ނުޖެހުމަށް އެދި ރޮއިޓާސްއަށް ފޯނުން ބުނީ އޭނާ ސަލާމަތްވެފައިވާ ކަމަށާއި އާއިލާއަށް އޭނާއާ ގުޅޭ ކަމަށެވެ.

ވިސްވަޝްކުމާރުގެ އަންބަކާއި، ފިރިހެން ދަރިއަކު ވެސް ހުރެއެވެ.

އަހްމަދުއާބާދުން ލަންޑަނަށް ދާން ފުރިތަނާ ވެއްޓުނު ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.

މިއީ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ހިނގި އެންމެ ބޮޑު އޭވިއޭޝަން ކާރިސާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ބޮއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރީގައި އޮތް މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

comment ކޮމެންޓް