އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު އުފުލިއްޖެއެވެ.
ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 އިންސައްތަ މަތިވެފައެވެ.
އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ ސަޕްލައިތަކަށް ބުރޫއަރާފާނެތީ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން އިސްރާއީލުގެ ކިބައިން ބަދަލު ހިފައިފިނަމަ، ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާންއާ ދެމެދު އޮންނަ މަލީޤް ހުމުޒްއިން ދުވާލަކު ގެންނަ އެތައް މިލިއަން ފީފާގެ ތެޔޮ ފޯރުކޮށްދިނުމަށް ބުރޫ އަރާފާނެ ކަމަށް ވެސް މަޝްހަރު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ބީބީސީން ބުނެއެވެ.
މި ކަނޑުއޮޅިއަކީ މުދާ އުފުލުމަށް ބޭނުންކުރާ ދުނިޔޭގެ އެންމެ މުހިންމު އެއް މަގު ކަމަށާއި، ދުނިޔޭގެ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ގެންނަނީ އެ ކަނޑުއޮޅިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެދުއިރުމަތީގައި ތެލާއި ގޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް އެ މީހުންގެ މުދާ އުފުލަނީ އެ ކަނޑިއޮޅިންނެވެ.
އުތުރުން އީރާނާއި ދެކުނުން އޮމާން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ގުޅިފައިވާ މަލީޤް ހުމްޒް ގުޅިފައިވަނީ ގަލްފާއި އަރަބި ކަނޑާއެވެ.
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލު ހަމަލާތައް ދޭން ފެށީ ރޭ ދަންވަރެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފައެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެއެވެ.
އިސްރާއީލު ބުނާގޮތުން އެ ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.