ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ރާއްޖެއަށް އަންނަން މިއަދު ފަށައިފިއެވެ.
ޙައްޖުގެ އަޅުކަން އަދައިކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ސައުދީއަށް ދިޔައީ 1000 މީހުންނެވެ.
އެގޮތުން، މިއަދު ޙައްޖުވެރިން އަންނަން ފަށާފައިވާއިރު، ފުރަތަމަ ފުލައިޓު މާލެ އައިސްފައިވަނީ 14:00 އެހާކައިންހާއިރެވެ.
މި ފަހަރު ޙައްޖުވެރިން އައުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހަކަށް ބަހަލާއިގެނެވެ. އެގޮތުން، ދެވަނަ ފުލައިޓު މާދަމާ ރޭ އަންނައިރު، އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ރޭ ވެސް ޙައްޖުވެރިން އައުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޙައްޖުވެރިން އަންނާނީ ސައުދީއާއި މޯލްޑިވިއަންގެ ދެ ފުލައިޓެއްގައި ކަމަށެވެ.
ޙައްޖުގެ އަޅުކަމުން އަންނަ މީހުން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް މިއަދު ވަނީ ހުޅުވާފައެވެ. އަދި، ކުޑަކުދިން ގޮވައިގެން އެއާޕޯޓަށް ނުދާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެ ފަދަ، ކުޑަ ގައުމަކަށް، މައްކާ ރޫޓު އިނީޝިއޭޓިވްގެ ޚިދުމަތް ލިބި، ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ.
އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.