ލާމުގެ ލޯތައް މި ފަހަރު ނާއްޕެއަށް

ނާފިއު ރަޝީދު (ނާއްޕެ), ގަމު ކައުންސިލް ބައިބަލާ މުބާރާތުގައި ހުށަހަޅައިދެނީ: އޭނާ ވަނީ މޮޅު ހުށހެޅުންތެރިކަމާއެކު އާންމުންގެ ސަމާލުކަން ހޯދާފައި --

"މި އުޅެނީ ވަރަށް ގަދަ ކުޅުންތެރިއެއް. ކުޅުންތެރިއެއް ގޮވައިގެން ދެވޭތޯ، ނޫން ނޫން ދުވެލާފައި ފޭބީ،"

މި އަޑުތައް އިވުނީމާ އެއީ ކާކުގެ އަޑެއްކަން ބުނެދޭކަށް ނުޖެހޭނެއެވެ. ބައިބަލާ ބަލައި މީހުންނަށް އަމުދުން އެއީ ކާކު އަޑެއްކަން އެނގޭނެއެވެ. މި ފަހަރު އެ އަޑު އިވުނީ ލާމުންނެވެ.

ކުޅަދާނަ އިވެންޓް ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) މި ފަހަރުގެ ޢީދުގައި އެންމެ ބޮޑަށް ފާހަގަވީ ގަމު ކައުންސިލުން އިންތިޒާމުކުރި ބައިބަލާ މުބާރާތުންނެވެ. ބައިބަލާގެ ފޯރި ކައްކާލައި، އެ ކުޅިވަރަށް ލޯބި ދައްކައިދެނީ މަސައްކަތުންނެވެ.

މީހުންނަށް ނާއްޕެ އެނގޭނީ ވެސް އެހެންނެވެ. ބައިބަލާ މުބާރާތްތަކާއި ފުޓްސަލް އަދި މިއުޒިކް ޝޯތަކުންނެވެ.

ސަޕޯޓަރުންނާއި ނާއްޕެގެ ގުޅުމުންނެވެ. ގަމުން ވެސް ތަފާތެއް ނެތި ފެނުނީ އެ މަންޒަރެވެ. އެއްބައި ފަހަރު ކޮމެންޓްރީ އިވުނީ ލާމު ބަހުންނެވެ. އަނެއްބައި ފަހަރު މިއުޒިކަށް ރެޕްކޮށްލައި ފޯރި އަރުވާލައެވެ.

"ލާމު ބަހުރުވައިން ކޮމެންޓްރީ ދިނުމަކީ އަޅުގަނޑަށް އެހާ ފަސޭހަކަމެއް ނޫން. ނަމަވެސް ފަރިތަކަމާއެކު ވާހަކަ ދެއްކިދާނެ،" އޭނާ ބުންޏެވެ.

"އެހެންވެ މަސައްކަތްކުރީ ހުރިހާ މެޗެއްގައި އެ ބަހުރުވައިން ކޮމެންޓްރީ ނުދެވުނަސް ސަޕޯޓަރުންނާ އޮތް ގުޅުން ވަރުގަދަކުރަން އެ މީހުންނާ އެއްބައިވެ، ލާމު ބަހުން ވާހަކަދައްކަން. ހަގީގަތުގައި ވަރަށް ގިނަ މީހުން އާޝޯހުވި އަދި ވަރަށް މީހުން އަޅުގަނޑު ކައިރީ ވެސް އަދި ރައްޓެހިން ކައިރީ ވެސް އަހާ ހެދި އަޅުގަނޑަކީ އަސްލު ލާމު މީހެއްތޯ،"

ނާފިއު ރަޝީދު (ނާއްޕެ), ގަމު ކައުންސިލް ބައިބަލާ މުބާރާތުގައި ހުށަހަޅައިދެނީ --

ގަމު މުބާރާތުން ފާހަގަވި އަނެއް ކަމަކީ ކުޅުންތެރިންނާއި ނާއްޕެއާ އޮތް ގުޅުމެވެ.

ޕޮއިންޓު ހޯދައި ކުޅުންތެރިންނާއި، ނުބައިވެގެން ފައިބާ ކުޅުންތެރިންނާއި، އަލަށް ފެނަން އުންމީދީ ޒުވާން ކުދިންނަށް ހިތްވަރުގެ ބަސްތައް އެއްލައި ހަދައެވެ.

މެޗުތަކުގައި ދިމާވާ ކަންކަން ހަމަޖެއްސުމާއި، ސަޕޯޓަރުންނާއި ޓީމުތަކަށް ދޭންޖެހޭ މެސެޖުތަށް ފޯރުކޮށްދިނުމުގައި ނާއްޕެގެ ފަރާތުން ފެނުނީ އަޑު އަހަން ފަސޭހަކަމެވެ. ވަކިން ޚާއްސަކޮށް މެޗެއްގައި ދިމާވާ ކުދިކުދި ކަންކަން ހައްލުކޮށް ކުޅުންތެރިން މެޗުގެ ތެރެއަށް ފޯކަސް އަނބުރާލުމުގައި ގެންގުޅުނު އުކުޅަކީ ނާއްޕެއަށް އޮތް ލޯބި މީހުންގެ ފަރާތުން އިތުރުވި ކަމެކެވެ.

މިއީ ވަރަށްބޮޑު ޗެލެންޖެއް. ޚާއްސަކޮށް އަތޮޅު ތެރޭގައި ބައިބަލާ މުބާރާތެއް ހޯސްޓުކުރުން. އެކަމަކުވެސް ޔަގީންކަން އޮވޭ މިހާރު ކޮންމެ ތަނެއްގައި ކޮންމެ ކަހަލަ އިވެންޓެއް ހޯސްޓު ކުރިއަސް 100 ޕަސެންޓް ސަކްސެސްފުލް އިވެންޓަކަށް ހެދޭނެކަން، ނާފިއު ރަޝީދު (ނާއްޕެ)

ގަމުގައި މީގެ ކުރިން ތިން އަހަރު ބައިބަލާ ހުށަހަޅައިދިން ނާއްޕެ ވަނީ މި ޢީދުގައި ބައިބަލާގެ އިތުރުން ގަމުގެ އެކި އަވަށްތަކުގައި ކުރިއަށްދިޔަ އިވެންޓުތައް ވެސް ހުށަހަޅައިދީފައެވެ. ގަމު ތުނޑީ އަވަށުގައި ބޭއްވި މިއުޒިކް ޝޯގެ ހުށަހެޅުން ފާހަގަކޮށްލެވެއެވެ.

ނާއްޕެ ބުނި ގޮތުގައި ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025 ވީ މިހާތަނަށް އަތޮޅު ތެރޭގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތަށެވެ. އެ މުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ގެންދިއުމަށް ބައިބަލާ އެސޯސިއޭޝަނާއި، ޓީމުތަކާއި، ގަމު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރިއެވެ.

ނާއްޕެ ބުނި ގޮތުގައި ބައިބަލާ މުބާރާތަކީ ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކު ޝާމިލުވެގެން މުޅި ރާއްޖެއަށް ދައްކައިދިން ނަމޫނާއެެކެވެ. ލާމު ގަމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދިން އަމާންއޮމާން މުބާރާތެކެވެ.

ﷲ އިރާދަފުޅާ އެކު ކުރިއަށް އޮތްތަނުގައި ވެސް ވެވުނު މިންވަރަކުން މި ފަސްގަނޑުގެ ކޮންމެ ކުރިއެރުމަކަށް ތިޔަ ރައްޔިތުންނާ އެކު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން، ނާފިއު ރަޝީދު (ނާއްޕެ)

ލާމު ބަހަށް ފަރިތަ އަދި ލާމު ގަމުގައި ބާއްވާ ތަފާތު އެކި އިވެންޓުތަކަށް ގަމަށް އައިސް ގޮސްވާ ނާއްޕެ ވެފައިވަނީ ގަމުން ލޯބި ލިބުނު އެވެރިންގެ ގާތް މިތުރަކަށެވެ.

އެހެންވެ، ލާމުގެ ލޯތައް މި ފަހަރު އަމާޒުވީ ނާއްޕެއަށެވެ.

comment ކޮމެންޓް