ވަގުތު ފާއިތުވުމުގެ ކުރިން އީރާނުން އެއްބަސްވުމެއް ހަދަންޖެހޭ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ/ ރޮއިޓާސް

ވަގުތު ފާއިތުވުމުގެ ކުރިން އީރާނުން އެއްބަސްވުމެއް ހަދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ރޭ ދަންވަރު ދިން ހަމަލާތަކަށް އިޝާރާތްކުރައްވައެވެ. އަދި، ކުރިއަށް އޮތްތަނުގައި ދޭ ހަމަލާތައް ވަރުގަދަވެދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑު އެ މީހުންނަށް ދެންނެވިން ލާފަކުރަން ވެސް ނޭނގޭ ކަންކަން ވެދާނޭ. މިހާރަށްވުރެ މާ ގޯސްވެދާނޭ. އެމެރިކާއަކީ އެންމެ މޮޅު އަދި އެންމެ ވަރުގަދަ އަސްކަރީ ހަތިޔާރު އުފައްދާ ގައުމު. އަދި އިސްރާއީލުގެ އަތުގައި އޭގެ ބައިވަރު ހަތިޔާރު އެބަހުރި. އަދި އެ މީހުންނަށް އޭގެ ބޭނުން ވެސް ކުރަން އެނގޭނެ،" ޓްރަމްޕްގެ ޓްރަތް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.

"ވަގުތު ފާއިތުވުމުގެ ކުރިން އީރާނުން ޑީލެއް ހަދަން ޖެހޭނެ،"

އީރާނާ އެކު އާ ނިއުކްލިއާ އެއްބަސްވުމެއްގެ މަޝްވަރާތައް ފާއިތުވި ހަފުތާތަކުގައި ވަރުގަދަވި ނަމަވެސް ޔޫރޭނިއަމް މުއްސަނދިކުރުން މަނާކުރަން އެމެރިކާއިން މަސައްކަތްކުރާތީ މަޝްވަރާތައް މިހާރު އޮތީ ހުއްޓިފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އިމާރާތެއް ހަލާުކުވެފައި. ފޮޓޯ:އީޕީއޭ

އޮޕަރޭޝަން "ރައިޒިން ލަޔަން"ގެ ނަމުގައި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގައި ވެރިރަށް ތެހެރާންގެ ނިއުކްލިއާ މަރުކަޒުތަކާއި، ބެލިސްޓިކް މިސައިލް އުފައްދާ ފެކްޓްރީތަކާއި އަސްކަރިއްޔާ ރޫޅާލުމަށް މުޅި ތެހެރާންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ވެރިޔާ ޖެނެރަލް ހުސެއިން ސަލާމީއާއި އެ ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ މުހައްމަދު ބަޣްޣާރީ ވެސް އަވަހާރަވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ރައްދުގައި އީރާނުން ވަނީ އިސްރާއީލަށް 100 އަށް ވުރެ ގިނަ ޑްރޯން ހަމަލާދީފައެވެ.

އީރާނުން އެ ހަމަލާތައް ދިނީ އިސްރާއީލުން ދިން ހަމަލާތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވިދާޅުވެ، އީރާނުގެ ރޫޙީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އިންޒާރުދެއްވާފައިވަނިކޮށެވެ.

އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި އީރާނަށް ހަމަލާއެއް ނުދިނުމަށް އިސްރާއީލަށް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އިސްރާއީލުން ރޭ ދިން ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ގައުމުން ބުނެއެވެ.

comment ކޮމެންޓް