މައިކްރޮސޮފްޓުން އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެހީތެރިޔާ، ކޯޕައިލެޓަށް، ސްކްރީންގައިވާ އެއްޗެއް އަމިއްލައަށް ދެނެގަނެވޭ ފީޗާއެއް އިތުރުކުރުމާ އެކު އެއްފަހަރާ ދެ އެޕެއް ބޭނުންކުރެ ވޭގޮތް ހަދައިފިއެވެ.
"ކޯޕައިލެޓް ވިޜަން" އަދި "ހައިލައިޓްސް" ގެ ނަމުގައި އާ ދެ ފީޗާއެއް ކޯޕައލެޓަށް އިތުރު ކޮށްފައިވަނީ ވިންޑޯޒްއަށެވެ. މި ފީޗާތަކުގެ ސަބަބުން ޔޫޒަރުގެ ސްކްރީނުގައިވާ ކޮންޓެންޓް ދެނެގަނެ، އެއްފަހަރާ ދެ އެޕްލިކޭޝަނަކުން މަޢުލޫމާތު ނަގައިގެން ޔޫޒަރަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި ހަފްތާގެ ބުދަ ދުވަހު މައިކްރޮސޮފްޓުން މިކަން އިއުލާންކޮށްފައިވާއިރު، ފުރަތަމަ ފަހަރަށް މި ފީޗާ ދޫކޮށްލާފައިވަނީ އެމެރިކާގެ ޔޫޒަރުންނަށެވެ. ނަމަވެސް، ވަރަށް އަވަހަށް ޔޫރަޕްގެ ގައުމުތަކަށާއި އެހެން ގައުމުތަކަށްވެސް މި ފީޗާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނާގޮތުގައި މި އަޕްޑޭޓް ވިންޑޯޒް 10 އަދި ވިންޑޯޒް 11 ދެ އޮޕަރޭޓިން ސިސްޓަމަށް ވެސް ލިބޭނެއެވެ.
މި އާ ފީޗާގެ އެންމެ ޚާއްސަ އެއް ކަމަކީ، އެއްފަހަރާ ދެ އެޕްލިކޭޝަނެއްގައި ހުރި ކޮންޓެންޓް ދިރާސާކޮށް، އެއާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ލިބުމެވެ. މިސާލަކަށް، މައިކްރޮސޮފްޓް ވޯޑްގައި ލިޔެފައިވާ ލިޔުމަކާ އެންމެ ގުޅޭ ފޮޓޯއެއް ކޮމްޕިއުޓަރުގެ ގެލެރީން ހޯދުމަށް ކޯޕައިލެޓަށް އެންގިދާނެއެވެ. މީގެ އިތުރުން އަޑުން ވާހަކަ ދައްކައިގެން ވެސް ކޯޕައިލެޓްއާ ސުވާލުކޮށް އެހީ ހޯދޭނެއެވެ.
"ހައިލައިޓްސް" އަކީ ޔޫޒަރުންނަށް ކޮމްޕިއުޓަރުގެ ސެޓިންގްސްތަކަށާއި އެކި އޮޕްޝަންތަކަށް ދާންވީ ގޮތް ދައްކުވައިދޭނެ ފީޗާއެކެވެ. މި ފީޗާއިން ޔޫޒަރު ކްލިކް ކުރަންވީ ތަނާއި، ވަކި އޮޕްޝަނަކަށް ދާންވީ ގޮތް ސްކްރީނުން ފާހަގަކޮށްދޭނެއެވެ.
މައިކްރޮސޮފްޓުން ފާހަގަކުރާ ގޮތުގައި، މި ފީޗާ ބޭނުންކޮށްގެން ތަފާތު ޓާސްކްތައް ފުރިހަމަކުރެވިދާނެއެވެ. އެގޮތުން ގޭމެއް ކުޅެމުންދާއިރު އެހީއަށް އެދުމާއި، ފޮޓޯއެއްގެ ލައިޓިން ރަނގަޅުކުރުމަށް އެހީ ހޯދުމާއި، ދަތުރެއްގެ ޕްލޭން ނުވަތަ ލިޔުމެއް ރިވިއު ކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
މި ފީޗާ ބޭނުންކުރުމަށް، ކޯޕައިލެޓް އެޕް ހުޅުވާލުމަށްފަހު، "ކޮމްޕޯޒާ" ގައިވާ ގްލާސް އައިކަންއަށް ފިތާލަންޖެހެއެވެ. އެއަށްފަހު، ކޯޕައިލެޓަށް ދައްކަން ބޭނުންވާ އެޕްލިކޭޝަން ނުވަތަ ބްރައުޒާ ވިންޑޯ ނެގުމުން، ކޯޕައިލެޓުން އެ ސްކްރީން ދިރާސާކޮށް އެހީވާން ފަށާނެއެވެ. ސްކްރީން ހިއްސާކުރުން ހުއްޓާލުމަށް ކޮމްޕޯޒާގައިވާ 'X' އަށް ފިތާލުމުން ސްކްރީން ޝެއާވުން ހުއްޓޭނެއެވެ.
މައިކްރޮސޮފްޓުން ފާހަގަކުރާ ގޮތުގައި، މިއީ ޔޫޒަރުން އަމިއްލައަށް އެކްޓިވޭޓް ކުރަންޖެހޭ "އޮޕްޓް-އިން" ފީޗާއެކެވެ. މިއީ "ކޯޕައިލެޓް ލެބްސް" ގެ ދަށުން ތަޢާރަފްކުރި ފީޗާއެއް ކަމުން، ކުރިމަގުގައި އިތުރު ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.